Roadha Mihaaru
ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދަނީ

ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް މަހެއްހާ ދުވަސް ތެރޭ ހަމަޖައްސަނީ

02 ފެބުރުއަރީ 2019

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހަދަން ހުށަހެޅުމުގެ ހިދުމަތް މިހާރު ދޭން ފަށާފައިވާ އިރު، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ހަޖައްސާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހަދަން ހުށަހެޅުމުގެ ހިދުމަތް މިހާރު ދޭން ފަށާފައިވާ އިރު، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ހަޖައްސާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި ތައާރަފު ކުރަން ބުރާސްފަތި ދުވަހު ގަން އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާގެ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މިހާރު އީމެއިލުންތާ ދެއްތޯ އެޕްލިކޭޝަން ވެސް މި އިންނަނީ. އެހެންވީމާ ޕޭމަންޓް ވެސް އޮންލައިންކޮށް ދެއްކޭނެ ގޮތް ހަމަޖައްސަން އަޅުގަނޑު މިހާރު ވާހަކަ ދައްކައިފިން،" އޭނާ ވިދާޅުވި އެވެ. "އޭރުން އީމެއިލުން ލިންކެއް ފޮނުވާލީމަ އެ ލިންކަށް ކްލިކްކޮށްލާފައި ޕޭކޮށްލައިގެން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެހިގެން ދާނެ. އެހެންވީމާ ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި، ގާތްގަނޑަށް ޓޫ ޓު ތުރީ ވީކްސްގެ ތެރޭގައި މި ހިދުމަތް ދޭން ފެށޭނެ ކަމަށް މި ބަލަނީ."

ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި މި ބަދަލާ އެކު، ޕާސްޕޯޓަށް ދައްކަން ޖެހޭ ސްޓޭމްޕް ވެސް ދެން ގަންނަން ދާން ނުޖެހޭނެ އެވެ. އޮންލައިންކޮށް ފައިސާ ދައްކާ އިރު، އޭގެ ތެރޭގައި ސްޓޭމްޕަށް ދައްކަން ޖެހޭ ފައިސާ ވެސް ވަނީ ހިމަނައިފަ އެވެ.

މިހާރު ހަމަޖެހިފައި އޮތް ގޮތުން ސްކޭން ކޮށްފައި ސްޓޭމްޕް މެއިލް ކުރުމާއި ޕާސްޕޯޓަށް ފައިސާ ދައްކަން ދާއިރު ސްޓޭމްޕް ގެންދިއުން ހިމެނެ އެވެ.

ހަނަފީ ބުރާސްފަތި ދުވަހު ގަން އެއާޕޯޓްގައި.

ހަނަފީ ބުރާސްފަތި ދުވަހު ގަން އެއާޕޯޓްގައި.

"އެހެންވީމާ [އޮންލައިންކޮށް ޕޭމަންޓް ދެއްކޭނެ ގޮތްވުމުން] ހަމައެކަނި ރައްޔިތު މިހާ ދާން ޖެހޭނީ ޕާސްޕޯޓް ކަލެކްޝަނަށް. ކަލެކްޝަނަށް ދާން މި ޖެހެނީ ސެކިއުރިޓީ ރީޒަންސް އާއި ބަޔޯމެޓްރިކްސް ކަހަލަ ރީޒަންސްތަކާ ހެދި،" ހަނަފީ ވިދާޅުވި އެވެ.

އީމެއިލް އިން ޕާސްޕޯޓަށް އެޕްލައި ކުރުމުގެ ހިދުމަތް ދޭން ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.