Roadha Mihaaru
"ލީނާ" ގެ ޓީޒާ: މިއީ މައުސޫމު އަންހެން ކުއްޖެއްގެ ވާހަކަ

"ލީނާ" ގެ ޓީޒާ ޓްރެއިލާ: މިއީ މައުސޫމު އަންހެން ކުއްޖެއްގެ ވާހަކަ

03 ފެބުރުއަރީ 2019

މިއީ ދިރިއުޅުމާ ދޭތެރޭ ފޮނި އުންމީދުތަކެއް ކުރަމުން ދިޔަ އަންހެން ކުއްޖެއްގެ ހިތްދަތި ނިމުމުގެ ވާހަކަ އެވެ. އަނިޔާވެރި ގާތިލެއްގެ ޝިކާރަކަށްވެ، ދުނިޔެ ދޫކޮށްދާ މައުސޫމު އަންހެން ކުއްޖެއްގެ ވާހަކަ އެވެ. މި ކަހަލަ ހާދިސާއެއް މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގައި ހިނގި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ ދިރިއުޅުމާ ދޭތެރޭ ފޮނި އުންމީދުތަކެއް ކުރަމުން ދިޔަ އަންހެން ކުއްޖެއްގެ ހިތްދަތި ނިމުމުގެ ވާހަކަ އެވެ. އަނިޔާވެރި ގާތިލެއްގެ ޝިކާރަކަށްވެ، ދުނިޔެ ދޫކޮށްދާ މައުސޫމު އަންހެން ކުއްޖެއްގެ ވާހަކަ އެވެ. މި ކަހަލަ ހާދިސާއެއް މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގައި ހިނގި އެވެ.

ވިޔަފާވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާގެ ހަނދާންތައް ގެނުވައި ދޭނެ ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ސިނަމާ އަށް އަންނަ "ލީނާ" އެވެ. ސްކްރީނަށް ގޮސް ފިލްމުގެ ބަލައިލުމުގެ ކުރިން މީގެ ޓީޒާ ޓްރެއިލާ ވެސް ތަޖުރިބާކޮށްލާށެވެ.

އެކްޓަރު އަބްދުﷲ (މުއާ) މުއާޒްގެ އަލަތު ފީޗާ ޑައިރެކްޝަންގެ ގޮތުގައި ގެނެސްދޭ "ލީނާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ޓެގް ލައިނަކަށް "ޝީ ވޯޒް އޭން އިނަސަންޓް ގާލް" އެއްގެ ގޮތުގައި ގެނެސް ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ.

އއ. އުކުޅުގަސްގައި ބޮޑު ބައި ޝޫޓްކޮށްފައިވާ "ލީނާ" އިން ވަރުގަދަ ކާސްޓެއް ވެސް ފެނިގެން ދާނެ އެވެ. އެގޮތުން މުއާ ވެސް ފިލްމުގެ ހާއްސަ ރޯލަކުން ފެނިގެންދާ އިރު، އަހުމަދު ނިމާލް، ޒީނަތު އައްބާސް، ޝީލާ ނަޖީބް، އަލީ (ދޮންއައްޔަ) އާޒިމް، އަހުމަދު (އާނަންދު) އީސަ، ނުޒުހަތު (ނުޒޫ) ޝުއައިބް އަދި މަރިޔަމް ހަލީމް ފަދަ މަގުބޫލު ތަރިންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ.

"ލީނާ" ގެ ޓީޒާ ޓްރެއިލާ.

"ލީނާ" އަކީ މުއާގެ އަމިއްލަ ފިލްމު ކުންފުނި އަބްދުﷲ މުއާ ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ޓީޒާ ޓްރެއިލާ އާއި ޕޯސްޓަރު ދައްކައިލި ނަމަވެސް، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ އެޕްރީލް މަހުގެ ތެރޭގައި "ލީނާ" ސިނަމާ އަށް ގެންނަން ވަނީ އަމާޒު ހިފައިފަ އެވެ. ހަމަ ގައިމުވެސް މިއީ ބެލުންތެރިން މި އަހަރު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަށް ވާނެ އެވެ.