Roadha Mihaaru
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ދައްކާލައިފި

ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި

12 އެޕްރީލް 2021

އަލީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ވެސް ކުޅެފައިވާ ފިލްމު "ލޯބިވެވިއްޖެ" ގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަލީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ވެސް ކުޅެފައިވާ ފިލްމު "ލޯބިވެވިއްޖެ" ގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ގދ. ތިނަދު އާއި މާލޭގެ އިތުރުން ސްރީ ލަންކާގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ލީޑް ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. މި ދެ ބަތަލާއިންނަކީ ޑައިރެކްޓަރު އަބްދުލް ފައްތާހްގެ އެންމެ ފަހުގެ ފިލްމު 2017 ގެ "ހައްދު" ގެ ވެސް ބަތަލާއިންނެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލޯބިވެވިއްޖެ" ގެ ޓީޒާ އިން މި ފިލްމަކީ ލޯބީގެ ތެރެއިން ބޮޑު ކަންތައްގަނޑެއް ދައްކުވައިދޭނެ ފިލްމެއްކަން އެނގެ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އާއި އިރުފާނާ އިބްރާހީމާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އައިޝަތު ނިޝާ އާއި އިބްރާހީމް ޝާފިއު (ފުބޫ) ފަދަ ތަރިން ހިމެނެ އެވެ.

"ލޯބިވެވިއްޖެ" ޝޫޓިންްގެ 99 ޕަސެންޓް މިދިޔަ އަހަރު ކުރީކޮޅު ނިންމާލާފައިވާ އިރު، ފިލްމުގެ ބާކީ ހުރި މަސައްކަތްތައް ކުރިއަށް ނުގެންދެވި، ފިލްމު ސިނަމާ އަށް ގެންނާނެ އިރެއް ވެސް ކަށަވަރު ނުކުރެވި އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ.

އެކަމަކު މި އަހަރުގެ ފަހުކޮޅު ފިލްމު ސިނަމާ އަށް ގެނެވޭނެކަމުގެ އުންމީދު އޮތް ކަމަށް ސީޒަން ބުންޏެވެ. "ލޯބިވެވިއްޖެ" ގެ ޕޯސްޓަރާއި ޓީޒާ ދައްކައިލުމުގެ ކުރިން މި މަހުގެ ކުރީކޮޅު ފިލްމުގެ އޯޑިއޯ އަލްބަމް ސައުންޑްކްލައުޑަށް ދޫކޮށްލާފައިވެ އެވެ. އޭގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންތަކެއް ކިޔާފައިވާ ނުވަ ލަވަ ހިމެނެ އެވެ.

"ލޯބިވެވިއްޖެ" އަކީ މިދިޔަ އަހަރު އޮލިމްޕަސް ސިނަމާ އަށް އައި ހަމައެކަނި ފިލްމު "އަނދިރިކަން" އަށް ފަހު ސީޒަން ހެދި ފުރަތަމަ ފިލްމެވެ.