Roadha Mihaaru
ވަންޕްލަސް އިންޑިއާގައި ބާރުގަދަކުރަނީ

ވަންޕްލަސް ޕްރީމިއަމް ފޯނުތައް އިންޑިއާގައި ބާރުގަދަކުރަނީ

03 ފެބުރުއަރީ 2019

ސްމާޓްފޯން މާކެޓްގައި ފޯނުތައް ދަރަޖަކުރެވެނީ ތިން ގިންތިއަކަށެވެ. އެއީ "ބަޖެޓް"، "މިޑް ރޭންޖް" އަދި "ޕްރީމިއަމް" އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން މާކެޓްގައި ފޯނުތައް ދަރަޖަކުރެވެނީ ތިން ގިންތިއަކަށެވެ. އެއީ "ބަޖެޓް"، "މިޑް ރޭންޖް" އަދި "ޕްރީމިއަމް" އެވެ.

ދުނިޔޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމަކީ އިންޑިއާ އެވެ. އިންޑިއާގައި އިންވެސްޓްކުރަން، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ބޭނުންވާ ސަބަބަކީ މީހުން ގިނަވުމެވެ. މީހުން ގިނަ ތަނެއްގައި ވިޔަފާރި ރަނގަޅުވާނެ ކަމަށް ބެލެވޭތީ އެވެ.

އިންޑިއާގައި އެންމެ ބާރަށް ވިކެނީ ސެމްސަންގް ފޯނުތަކެވެ. އިންޑިއާގައި ސެމްސަންގުގެ ހުރިހާ ގިންތިއަކަށް ވެސް ތާއީދު ބޮޑެވެ.

ވަންޕްލަސް އަކީ، ސެމްސަންގުން އުފައްދާ ކަހަލަ، ބަޖެޓް ފޯނު އުފައްދާ ކުންފުންޏެއް ނޫނެވެ. ވަންޕްލަސް ފޯނުތަކަށް ބަލާއިރު "މިޑް ރޭންޖް" ފޯނުތަކުގައި ވެސް ބާރުގަދަ ފީޗާތައް ގާއިމުކޮށްފައި ހުރެ އެވެ. އެހެންކަމުން، އެއީ "މިޑް ރޭންޖް" އަށް ވުރެ ފެންވަރު މަތީ ފޯނުތަކެއް ކަމަށް އޮންނަނީ ބަލަންޖެހިފަ އެވެ. އިންޑިޔާގައި "ޕްރީމިއަމް" މާކެޓަށް ބަލާއިރު، އެއްވަނާގައި އުޅެނީ ސެމްސަންގް އެވެ. ވަންޕްލަސް އޮތީ ދެވަނާގަ އެވެ. އައިފޯނަށް ތިންވަނަ އެވެ. ފާއިތުވި ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި، ވަންޕްލަސް ވަނީ އިންޑިޔާގައި ވަރަށް ވަރުގަދަކޮށްފަ އެވެ.

އިންޑިޔާގައި މީހުން ގިނަ ނަމަވެސް، އައިފޯނު އާބާދީ ކުޑަ އެވެ. މައްސަލަ އަކީ ފޯނުތަކުގެ އަގު ބޮޑުވުމެވެ. ގައުމުން ބޭރުގައި ފޯނުތައް އުފައްދައި އިންޑިޔާ އަށް އެތެރެކުރާ ކޮންމެ ފޯނަކުން 20 ޕަސެންޓް، ޓެކްސްގެ ގޮތުގައި ދައްކަންޖެހުމަކީ އައިފޯނުގެ އަގު ބޮޑުވާ ސަބަބެވެ. އެހެން ނަމަވެސް، އިންޑިއާގައި ބިނާކުރާ ފޮކްްސްކޮން ފެކްޓަރީތަކުން، އައިފޯނުތައް އުފައްދަން ފަށާ ހިސާބުން ފޯނުތަކުގެ އަގަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

ވަންޕްލަސް އަށް އިންޑިއާ އިން މަތިވެރި ޝަރަފެއް ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް، ވަންޕްލަސްއިން ބަލާފައި ވަނީ ފުރުސަތުގެ ބޭނުންހިފައި އެޕަލް އަށް މަލާމާތެއް ކުރެވޭތޯ އެވެ.

ވަންޕްލަސް އިންޑިއާ ޓްވީޓާ އެކައުންޓުން ކޮށްފައި ވާ ޓްވީޓެއްގައި، ސިރީ ކުރެން އަހަނީ، "އިންޑިއާގެ "ޕްރީމިއަމް ސްމާޓްފޯން" މާކެޓްގައި އެއްވަނަ ދަރަޖާގައި އޮތީ ކޮން ފޯނެއްތޯ އެވެ." މި ސުވާލަށް ޖަވާބު ދީފައި ވަނީ ވެސް، ވަންޕްލަސް އިންޑިއާ ޓްވީޓާ އެކައުންޓުންނެވެ. "ސިރީ އަކީ ވަންޕްލަސް ފޯނުތަކުގައި ބޭނުންކުރެވޭ ފީޗާއެއް ނޫނެވެ. ގޫގުލް އެސިސްޓޭންޓް ބޭނުންކޮލާށެވެ."