Roadha Mihaaru
ރެއާލާ ދެކޮޅަށް މެސީ ކުޅެފާނެ: ވަލްވޭޑޭ

ރެއާލާ ދެކޮޅަށް މެސީ ކުޅެފާނެ: ވަލްވޭޑޭ

06 ފެބުރުއަރީ 2019

މެޑްރިޑް (ފެބްރުއަރީ 6) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ފެބްރުއަރީ 6) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

އެންމެ ފަހުން ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ފަލަމަސްގަނޑަށް އަނިޔާވުމުން އޭނާ އަށް ރެއާލާ ދެކޮޅަށް ނުކުޅެވޭނެ ކަމުގެ ބިރުހީވި އެވެ. އެކަމަކު އޭނާގެ ރިކަވަރީ ދަނީ ހީކުރި ވަރަށް ވުރެން ރަނގަޅަށް ކަމަށްވާތީ މިރޭ ރެއާލާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި މެސީ ވަނީ ހިމަނައިފަ އެވެ.

"ތެދެއް ބައެއް ކުޅުންތެރިންގެ ފިޓްނަސްއާ މެދު އަހަރެމެންނަށް ގޮތެއް ނިންމަން އުނދަގޫ. ބައެއް ކުޅުންތެރިންނާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު. އެއީ މެސީއާ މެދު މި މެޗުގައި އަހަރެމެން ކަންކުރާނެ ގޮތަކީ،" ވަލްވޭޑޭ ބުންޏެވެ.

"ޔަގީނުން ވެސް އަހަރެން މި ހުރީ ކުޑަ އުއްމީދެއް އޮތަސް މެސީގެ ބޭނުން ކުރަން ތައްޔާރަށް. އެކަމަކު އެކަން ކުރާނީ ޓީމަށް ގެއްލުމެއް ނުވާގޮތަށް. ރިސްކެއް ނަގައިގެން މެސީ ކުޅުވައިގެން އޭނާގެ އަނިޔާގެ މައްސަލަ ގޯސްވެއްޖެނަމަ ސީޒަނުގައި ދެން ހުރި މެޗުތަކުގައި އަހަރެމެންނަށް ގެއްލުންވާނެ."

މިރޭގެ މެޗަކީ ކުރިއަށް އޮތް 25 ދުވަހުގެ ތެރޭގައި ރެއާލާއި ބާސެލޯނާ ބައްދަލުކުރާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. ސްޕެނިޝް ލީގުގައި މި ސީޒަނުގައި މި ދެ ޓީމު ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 5-1 އިންނެވެ. އޭރު ރެއާލުގެ ކޯޗަކަށް ހުރީ ހުލެން ލޮޕެޓެގީ އެވެ.

ބާސެލޯނާ އިން މިރޭގެ މެޗަށް ނުކުންނާނީ އަނިޔާގައި ހުރި ފްރާންސްގެ ވިންގް އޮސްމާން ޑެމްބެލޭ ވެސް ނުލަ އެވެ. އަނެއްކޮޅުން ރެއާލުގެ ހުރިހާ ކުޅުންތެރިން ހުރީ މި މެޗަށް ފިޓްކޮށެވެ.

ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ އޭނާގެ އުއްމީދަކީ މި މެޗުގައި މެސީ އަށް ކުޅެވުން ކަމަށެވެ.

"ފުޓްބޯޅައިގައި އެންމެ ބޭނުންވާނެ ކަމަކީ މޮޅެތި ކުޅުންތެރިން ހުރިހާ މެޗަކު ފެނުން. ރެއާލާއި ބާސެލޯނާ ކުޅޭ ހާއްސަ މެޗެއްގައި މޮޅެތި ކުޅުންތެރިން ފެންނަން އެންމެން ބޭނުންވާނެ،" ސޮލާރީ ބުންޏެވެ.

ރެއާލާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.