Roadha Mihaaru
މުންނާރު ބަދަލުކުރާކަށް ނޫޅެން: ހެރިޓޭޖް

ހުކުރު މިސްކިތު މުންނާރު އެހެން ތަނަކަށް ބަދަލުކުރާކަށް ނޫޅެން: ހެރިޓޭޖް

24 އޯގަސްޓް 2016

މާލޭ ހުކުރު މިސްކިތުގެ މުންނާރު އެހެން ތަނަކަށް ބަދަލުކުރަން އުޅޭކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ހެރިޖޭޓް ޑިޕާޓްމެންޓުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭ ހުކުރު މިސްކިތުގެ މުންނާރު އެހެން ތަނަކަށް ބަދަލުކުރަން އުޅޭކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ހެރިޖޭޓް ޑިޕާޓްމެންޓުން މިއަދު ބުނެފި އެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު ދެން އޮތީ، މުންނާރު އެހެން ތަނަކަށް ބަދަލުކުރުން ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުން ދާ ވާހަކަތާ ގުޅިގެން ހެރިޓޭޖް ޑިޕާޓްމެންޓްގެ އޮފިޝަލަކު ވިދާޅުވީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. މެދުޒިޔާރަތް މަގު ފުޅާކުރަން މުންނާރު ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުންނާރު ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް އަރާފައިވާ ހުކުރު މިސްކިތުގެ މުންނާރަކީ ރާއްޖޭގެ ދީނީ އަދި ތާރީހީ އެންމެ މުހިންމު އެއް ބިނާ އެވެ. މާލެ އަންނަ ޓޫރިސްޓުންގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑަށް ލިބިފައިވާ ތަނެކެވެ.

މުންނާރު އެހެން ތަނަކަށް ބަދަލުކުރަން އުޅޭކަމުގެ އަޑު އިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ހެރިޓޭޖް ޑިޕާޓްމެންޓާ ހަވާލުވެވަޑައިގެން ހުންނެވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޔުމްނާ މައުމޫނެވެ. އެކަމަކު އެ ވާހަކަ ހެރިޓޭޖް ޑިޕާޓްމެންޓުން ދޮގުކުރުމުން އޭނާ ވަނީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ އެހެން ޓުވީޓެއް ކުރައްވައިފަ އެވެ.

ޔުމްނާ ކުރެއްވި ޓުވީޓެއް:

މުންނާރު ބަދަލުކުރުމާ މެދު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދަނީ، ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލުމާ ގުޅިގެންނެވެ. ސަލްޓަން ޕާކު ތަރައްގީކުރަން ކަމަށް ބުނެ މިސްކިތް ރޫޅާލީ ގާނޫނުތަކާއި ތަރިކަ ހިމާޔަތްކުރަން ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށެވެ.

އެ މިސްކިތް ގެންދަން ހަމަޖައްސާފައި ވަނީ ގދ. ތިނަދު އަށެވެ.