Roadha Mihaaru
މުވައްޒަފުންގެ ހައްގުތަކާއި ސަލާމަތީ ކަންކަން ބަލަނީ

މުވައްޒަފުންގެ ހައްގުތަކާއި ރިސޯޓުތަކުގެ ސަލާމަތީ ކަންކަން ބަލަނީ

06 ފެބުރުއަރީ 2019

ޓުއަރިޒަމް ދާއިރާގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށާއި އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރޭތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ އިންސްޕެކްޝަން ޕްރޮގްރާމެއް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ޓުއަރިޒަމް ދާއިރާގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށާއި އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރޭތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ އިންސްޕެކްޝަން ޕްރޮގްރާމެއް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ އިންސްޕެކްޝަނުގައި، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ސަފާރީތައް އިންސްޕެކްޓްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކަންތައް މި ކުރަނީ އެއްވެސް ބަޔަކު ފަލީހަތް ކުރާކަށް ނޫން. އިންސްޕެކްޝަނުގައި އެއްވެސް މީހަކު ޔުނީފޯމުގައެއް ވެސް ނުހުންނާނެ. ކުލަ ހެދުމުގައި އުޅޭނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ބޮޑުތިލަދުންމަތިން ފަށާ މި އިންސްޕެކްޝަން ގާތްގަނޑަކަށް ހަތް މަސް ދުވަހަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ އިންސްޕެކްޝަން ކުރިއަށްގެންދާނީ އެ މިނިސްޓްރީ އާއި ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރިއަށް ގެންދަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ)ގެ މަޝްވަރާގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ފުރިހަމަ އިންސްޕެކްޝަނަކަށްވާނެ. މީގެ ކުރިން ވެސް އިންސްޕެކްޝަންތައް ހިންގާފައި އެބަހުރި. އެކަމަކު ލޫޕްހޯލްސްތަކުގެ ސަބަބުން އިމްޕްލިމެންޓް ނުކުރެވި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

އިންސްޕެކްޝަނުގައި އެއްވެސް ތަނަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލައި އެއްވެސް ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން ކުރާނަން. އަދި އެކަމުގައި ޖިނާއި ކަމެއް އުޅޭ ނަމަ ފުލުހުންނަށް ވެސް ފޮނުވާނަން،" އޭނާ ވިދާޅުވި އެވެ.

މި ޖެނުއަރީ މަހު ޕެރަޑައިސް އައިލެންޑް ރިސޯޓު އަދި ދިއްފުށީގައި ގެސްޓުން މަރުވި މައްސަލައިގައި އެ ދެ ތަން އިންސްޕެކްޓް ކޮށްފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިހާރު އެ މައްސަލަތައް ބަލަނީ ފުލުހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.