Roadha Mihaaru
ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ކުޅިވަރު: މިނިސްޓަރު

ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ގައުމީ ކުޅިވަރު: މިނިސްޓަރު

09 ފެބުރުއަރީ 2019

ބިމަށްވުރެ މޫދާއި ކަނޑު ބޮޑު މި ރާއްޖެ އަށް އެންމެ ގުޅޭ ކުޅިވަރަކީ ފެތުން ކަމަށާއި އެކަން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބިމަށްވުރެ މޫދާއި ކަނޑު ބޮޑު މި ރާއްޖެ އަށް އެންމެ ގުޅޭ ކުޅިވަރަކީ ފެތުން ކަމަށާއި އެކަން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްވިމް މޯލްޑިވްސް އިން މިއަދު ނިންމާލި، ރާއްޖޭގެ އެންމެ ދިގު ފެތުމުގެ ހަރަކާތް ނިންމުމަށް ބ. ކެންދޫގައި ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ނިމިގެން މިދިޔައީ ޖަޒީރާވަންތަ މި ރާއްޖެއާ ވަރަށް ގުޅުންހުރި ކުޅިވަރެއް ކަމަށެވެ.

ސްވިމް މޯލްޑިވްސްއިން ދިގު ފެތުންފެތި އަށް ބައިވެރިން-- ފޮޓޯ: ސްވިމް މޯލްޑިވްސް

ސްވިމް މޯލްޑިވްސްއިން ދިގު ފެތުންފެތި އަށް ބައިވެރިން-- ފޮޓޯ: ސްވިމް މޯލްޑިވްސް

ރާއްޖޭގައި މިހާތަނަށް ފެތި އެންމެ ދިގު ފެތުން މިޓީމުން ފަތާފައިވާއިރު މިއީ ތާރީހީ ދުވަހެއްކަން މިނިސްޓަރު ފާހަގަ ކުރައްވައި ފެތުންތެރިންނަށް ތައުރީފް ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މި ކުދި ޖަޒީރާ ހިތްގައިމު ރަށްތައް ވަށައިގެން މިވަނީ މާ ކަނޑުތައް. އެ ކަނޑުތައް ހުރަސްކޮށް އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ ވަރަށް ހިތްވަރުގަދަ ފެތުންތެރިންތަކެއް،" އަލީ ވިދާޅުވި އެވެ.

އަށް ފެތުންތެރިންގެ ޓީމުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 43.7 ކިލޯމީޓަރަށް ފަތާފައިވެ އެވެ. އަދި ކަނޑު ހުރަސްކޮށް 23 ރަށަކަށް ވަނީ އަރައިފަ އެވެ.

އާއްމުކޮށް އަރާމު ކުރުމަށް ޓޫރިސްޓުން މިހާރު އަންނަ މި ރާއްޖޭގެ ޓޫރިޒަމް ކުރިއަށް އޮތްތަނުގައި ތަފާތު ގޮތްގޮތަށް ޕްރޮމޯޓް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސަރުކާރުން ރާއްޖެ އަށް ގެންނާނީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފަސް އަހަރު ތެރޭގައި ހުރިހާ ދާއިރާއަކުން ވެސް ރާއްޖެ ކުރި ހޯދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފެތުމުގެ ހަރަކާތް ރޭވި، ހުސައިން ޝަމީމް ވިދާޅުވީ ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް އަމާޒުކޮށްގެން ގައުމީ ފެންވަރެއްގައި ފަތަން ދަސްކޮށްދިނުމުގެ ހަރަކާތް ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށެވެ. ފަތަން ބޭނުންކުރާ ގޮގުލްސް ފަދަ ތަކެތި ނުލިބުން ވެސް ފާހަގަވެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މި ހަރަކާތުގެ ތެރެއިން، މީހުން ދިރިއުޅޭ އަށް ރަށަށް އަރާފައިވާއިރު އެ ރަށްތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި އަންހެނުންނަށް ވަނީ ފަތަން ދަސްކޮށްދީފަ އެވެ. އޭގެ އިތުރުން ކަނޑުމަތީ ހާދިސާތަކުން ސަލާމަތްވާނެ ގޮތް ބުނެދީފައިވެ އެވެ.