Roadha Mihaaru
ރާއްޖޭގެ ބާރު ނެތް ތަނެއްގައި ޝަރީއަތް ކުރުމީ ޖޯކެއް

ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ކުރުން ވާނީ ޖޯކަކަށް: ޝަމީމް

20 ޖޫން 2021

ރާއްޖޭގެ ޖުރިސްޑިކްޝަން ނެތް ނުވަތަ ރާއްޖޭގެ ބާރު ނުފޯރުވޭ ތަނެއްގައި ދައުވާ ލިބޭ މީހާ ހުރެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖޯކެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ރާއްޖޭގެ ޖުރިސްޑިކްޝަން ނެތް ނުވަތަ ރާއްޖޭގެ ބާރު ނުފޯރުވޭ ތަނެއްގައި ދައުވާ ލިބޭ މީހާ ހުރެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖޯކެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ބޭއްވުމާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.

ޝަމީމް ވިދާޅުވީ، ރާއްޖޭގެ ޖުރިސްޑިކްޝަން ނުހިނގާ އަދި ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި، ދައުވާ ލިބޭ މީހާ ހުރެ، ޝަރީއަތުގައި ބައިވެރިވާ ނަމަ ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ.

މިކަމުގައި މިސާލެއް ނަންގަވަމުން ޝަމީމް ވިދާޅުވީ، އޮންލައިން އަޑުއެހުމެއްގައި ޝަރީއަތުގެ ހުރުމަތް ކަނޑައިފި ހާލަތެއްގައި، ދައުވާ ލިބޭ މީހާ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ހުރުމުން އޭނާއާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތުން ހިމެނޭ ކަމަށެވެ.

"ތަންފީޒު ކުރެވޭ ނިޒާމެއް އޮންނަން ޖެހޭ. އެހެން ނޫނީ މި ބޮޑު ޖޯކަކަށޭ ވާނީ. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އެގޮތަށް ޝަރީއަތް ކުރުމަކީ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވެއޭ މި ޝަރީއަތް ކުރުމުގެ މުޅި ނިޒާމާ އެއްކޮށް ހިނގާނެ ކަމެއް ކަމަކަށް. އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ހިނގާތަނެއްގައި ދައުވާ ލިބޭ މީހާ ހުންނަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ." ޝަމީމް ވިދާޅުވިއެވެ.

ޖިންސީ ގޯނާ އާއި ރޭޕުގެ ތުހުމަތުތަކެއް އަލީ ވަހީދަށް ކުރެވި، އޭނާގެ މައްޗަށް މި މައްސަލައިގައި ދައުވާ ކޮށްފައިވަނިކޮށް އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓުގެ ހުއްދައާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހު އެވެ.

ނަމަވެސް އެނބުރި ވަޑައިގަތުމަށް އަލީ ވަހީދަށް ކޯޓުން ދިން މުއްދަތު ހަމަވި އިރުވެސް، ބޭސްފަރުވާ އަދިވެސް ނުނިމޭތީ އަލީ ވަހީދު ވަނީ މުއްދަތު ހަމަވުމުގެ ކުރިން، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިހާރު ވަނީ މާދަމާ އަށް ތާވަލު ކޮށްފައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.