Roadha Mihaaru
އަލީ ވަހީދުގެ މައްސަލައިގައި ލިޔުންތައް ނުދޭ: ޕީޖީ

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް ކޯޓުން ޕީޖީއަކަށް ނުދޭ

22 ޖޫން 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތް، އޭނާ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް އަދިވެސް ކްރިމިނަލް ކޯޓުން ނުދޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތް، އޭނާ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް އަދިވެސް ކްރިމިނަލް ކޯޓުން ނުދޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އަލީ ވަހީދު ހުންނަވައިގެން އޮންލައިންކޮށް އޭނާ އަށް ބައިވެރިވެވަވަޑައިގެންނެވޭ ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

މި އުސޫލުން އިއްޔެ ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އޮންލައިންކޮށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ.

ސިއްރު ކޮށްގެން ބޭއްވި އެ ޝަރީއަތަށް ފަހު، ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑުގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތުގެ ތެރެއިން އެއްވެސް ހާލަތަކަށް އަލީ ވަހީދުގެ ހާލަތު ނުފެތޭ ކަމަށެވެ.

"މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރީމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

އެ އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޒުކޮށް، އެކަން ވެފައިވާ ގޮތެއް ސާފު ކުރަން ގާޒީއާ ހަސަން ސައީދުއާ ޝަރީއަތުގެ މަޖިލީހުގައި ވެސް ސުވާލު ކުރި އެވެ.

ދައުލަތުން ބުނާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.

އޮންލައިންކޮށް ޝަރީއަތް ގެންދިއުމާ އެކަމަކު، ދައުލަތުން ދެކޮޅު ހެދިޔަސް، މައްސަލަ ގާޒީ ހަސަން ސައީދު ވިދާޅުވީ، އެއީ ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

އަދި، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުން ލިޔުމުން ދައުލަތުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެކަމަކު، އަދިވެސް އެ ލިޔުން ދީފައި ނުވާ ކަމަށާއި އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމީ އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވިޔަސް އެ ލަފާގެ ލިޔުން ވެސް އަދި ނުދޭ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އެ އޮފީހުން ބުނީ، އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ކޯޓަށް ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސްކޮށް، ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތައް ވެސް މިހާތަނަށް ކޯޓުން ނުދޭ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ނިންމުން އިސްތިއުނާފު ކުރެވޭނީ ބޭނުންވާ ލިޔުންތައް ކޯޓުން ދިނުމުން ކަމަށް އެ އޮފީހުން ބުންޏެވެ.

"... މި ޝަރީއަތަކީ މި ގޮތަށް ހިންގޭނެ ޝަރީއަތެއް ކަމަށް ދައުލަތުން ނުދެކޭތީ، އެ ނިންމެވުން [އޮންލައިންކޮށް ޝަރީއަތް ހިންގަން ނިންމި ނިންމުން] ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދު ކުރަމެވެ. އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެ ނިންމެވުމާ ބެހޭ ލިޔުންތައް ގާޒީ ހަސަން ސައީދު، މި އޮފީހަށް ފޮނުއްވައި ދެއްވުމުންނެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޓޫރިޒަމް ޕްރޮމޯޝަންގެ އިސްތިހާރެއްގައި: އޭނާގެ ޝަރީއަތް އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ބާއްވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޓޫރިޒަމް ޕްރޮމޯޝަންގެ އިސްތިހާރެއްގައި: އޭނާގެ ޝަރީއަތް އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ބާއްވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން.

ޝަރީއަތުގެ ކުރިން އަލީ ވަހީދު ހުށަހަޅުއްވަން ބޭނުންވާ ޑޮކިއުމަންޓުތައް ހުށަހަޅުއްވަން 10 ދުވަހުގެ މުއްދަތެއް ކުރީގެ ޝަރީއަތުގައި ދީފައިވީ ނަމަވެސް އިއްޔެގެ ނިޔަލަށް އެކަމެއް ވެސް އޭނާ ނުކުރައްވަ އެވެ.

އަލީ ވަހީދުގެ ފަރާތުން ބުނީ، އެ ލިޔުންތައް ހުށަނޭޅުނު ސަބަބުތައް ބަޔާންކޮށް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ، އެފަަދަ ސިޓީއެއް ނުލިބޭ ކަމަށެވެ.

އަލީ ވަހީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތަކަށް އެދުމުން ދައުލަތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފަ އެވެ. އޭނާ އެއްވެސް އުޒުރެއް ނެތި ފުރަތަމަ ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ބުނެ ދައުލަތުން ބުނީ އަަލީ ވަހީދަށް އިތުރު ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް، ގާޒީ ހަސަން ސައީދު ނިންމެވީ އިތުރު ފަސް ދުވަސް އަލީ ވަހީދަށް ދޭށެވެ.

ދައުލަތުން ބުނާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖުމުލަ 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް، ޕީޖީގެ ކަންބޮޑުވުމަކީ އޭނާ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުންނެވުމުން، ހުކުމެއް ކުރިޔަސް އެ ހުކުމް ތަންފީޒު ނުވުމެވެ.