Roadha Mihaaru
ވާވޭ 5ޖީ ޓެކްނޮލޮޖީ ތައިލެންޑްގައި ޓެސްޓްކުރަނީ

ވާވޭ 5ޖީ ޓެކްނޮލޮޖީ ތައިލެންޑްގައި ޓެސްޓްކުރަނީ

12 ފެބުރުއަރީ 2019

ދުނިޔެ 5ޖީ ނެޓްވޯކަށް އަހުލުވެރިކުރުވަން އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި، ޗައިނާގެ ވާވޭ ހިމެނެ އެވެ. އެ ކުންފުނިން މިހާރު ކުރާ މަސައްކަތްތަކުގެ ތެރޭގައި، 5ޖީ ޓެކްނޮލޮޖީގެ އަޖުމަބެލުމަށްޓަކައި ތައިލެންޑްގައި ޓެސްޓް މަރުހަލާތަކެއް ހިންގުން ހިމެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ދުނިޔެ 5ޖީ ނެޓްވޯކަށް އަހުލުވެރިކުރުވަން އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި، ޗައިނާގެ ވާވޭ ހިމެނެ އެވެ. އެ ކުންފުނިން މިހާރު ކުރާ މަސައްކަތްތަކުގެ ތެރޭގައި، 5ޖީ ޓެކްނޮލޮޖީގެ އަޖުމަބެލުމަށްޓަކައި ތައިލެންޑްގައި ޓެސްޓް މަރުހަލާތަކެއް ހިންގުން ހިމެނެ އެވެ.

ވާވޭއިން އޭޝިއާ ބައްރުގައި 5ޖީ ޓެކްނޮލޮޖީ ޓެސްޓް މަރުހަލާތަކެއް ހިންގުމަކީ، މި ސަރަހައްދަށް 5ޖީ ނެޓްވޯކް ތައާރުފުކުރުން، ދުނިޔޭގެ ނިސްބަތުން މަރުހަލާތައް އަވަސްވާނެ ކަމަށް ބެލެވޭ ނިޝާނެކެވެ.

ދުނިޔޭގެ މުވާސަލާތީ ކުންފުނިތަކުން 5ޖީ ނެޓްވޯކް ފަށައިގަންނަން އުޅޭއިރު، ވާވޭ އަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ވާވޭ މަރުކާގެ 5ޖީ ނެޓްވޯކް އާލާތްތައް އެ ކުންފުނިން ފައްކާކުރި ނަމަވެސް، ވާވޭ އަކީ އެމެރިކާ އަދި ބައިވެރިންނަށް ރުހެވޭ ކުންފުންޏަކަށް ނުވެ އެވެ.

އެމެރިކާ ބުނާ ގޮތުގައި ވާވޭގެ މައްސަލަ އަކީ، އެ ކުންފުނިން އުފައްދާ އާލާތްތަކުގެ ހަގީގަތް އޮޅުވާލުމެވެ. އެ އާލާތްތައް މެދުވެރިކޮށް ކުރެވޭހާ މުއާމަލާތްތައް ޗައިނާ ސަރުކާރަށް ވާވޭއިން ފޯރުކޮށްދޭ ކަމަށް، އެމެރިކާ އަދި ބައިވެރިން ބުނެ އެވެ. އެހެންކަމުން، ވާވޭ ނެޓްވޯކް ސްވިޗްތައް އަދި އިންޓަނެޓް އާލާތްތަކާ މެދު ހުޅަނގުން ދެކެނީ އެއީ ޗައިނާ އަށް ޖާސޫސްކޮށްދޭ އާލާތްތަކެއް ކަމަށެވެ.

ހުޅަނގުން ތުހުމަތުކުރާ ޒާތުގެ ގުޅުމެއް، ޗައިނާ ސަރުކާރާ އެކު ނޯންނަ ކަމަށް ވާވޭ ބުނި ނަމަވެސް، އެމެރިކާއިން ގަބޫލެއް ނުކުރެވެ. ވާވޭ ވަނީ މި މައްސަލަގަނޑުގެ ތެރޭގައި ވަރަށް ރަނގަޅަށް ފިތި، ވިޔަފާރި މުއާމަލާތްތައް ފުޅާކުރަން ނުކުޅެދިފަ އެވެ. ޚާއްސަކޮށް 5ޖީ ނެޓްވޯކަށް ދުނިޔެ ތައްޔާރުވާއިރު، ވާވޭ އަށް އޮތް ފުރުސަތު ވަނީ ވަރަށް ކުޑަވެފަ އެވެ.

ވާވޭއިން ތައިލޭންޑްގައި ހިންގާ 5ޖީ ޕްރޮގްރާމްއާ ބެހޭ ގޮތުން ތައިލޭންޑް ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ތައިލޭންޑް އަކީ ވެސް އެމެރިކާގެ އެކުވެރިއެއް ނަމަވެސް، އެމެރިކާ ބުނާހާ ގޮތެއް ހަދާނަންތޯ އޮފިޝަލަކާ ސުވާލުކުރުމުން، ދޭނެ ޖަވާބެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.