Roadha Mihaaru
ޕްރައިމަރީން ބަލިވި މީހުން ވާދަކުރަން މިއަދު ހުޅުވާލަނީ

ޕްރައިމަރީ ނާކާމިޔާބުވި މީހުން ވާދަކުރަން މިއަދު ހުޅުވާލަނީ

25 ފެބުރުއަރީ 2019

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމީ، ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ބާތިލް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމުންނެވެ. އެއީ، ގާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި، ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން އީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ކޯޓުގެ އަމުރާ އެއްގޮތަށް، އެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލަން އަމުރުކޮށްފަ އެވެ.

"ފޯމު ހުށަހެޅުމުގެ ފުރުސަތު ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މިއަދު ހުޅުވާލާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ފުރުސަތު ދިނަސް އެ ކޮމިޝަންގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައި އޮތް ތާރީޚު ކަމަށްވާ އޭޕްރީލް ހައެއް ގައި އިންތިޚާބު ބޭއްވުމެވެ.

ކޯޓުގެ ހުކުމް މިއައީ، އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ކަނޑައަޅައި ކެންޑިޑޭޓު ނަމްބަރަށް މި ހަފުތާގައި ގުރުއަތު ނަގަން ހަމަޖައްސާފައި ވަނިކޮށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް 2013 ވަނަ އަހަރު ގެނައި އިސްލާހެއްގައި، އިތުރުކުރި މާއްދާގައި ބުނެފައި އޮންނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި މިފަދަ މީހަކު އިިންތިހާބެއްގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

މި އިސްލާހު ސުޕްރީމް ކޯޓުން ބާތިލްކުރީ، އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގަ އެވެ.