Roadha Mihaaru
އައްޑޫގެ މަޖިލިސް ދާއިރާތަކުގެ މައްސަލަ ބޭރުކޮށްލައިފި

މަރަދޫފޭދޫ އަކީ ވަކި ދާއިރާއަކަށް ހެދުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

17 ޖެނުއަރީ 2021

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ އިން މަރަދޫފޭދޫ ވަކިކޮށް، މަރަދޫފޭދު އަކީ މަޖިލީހުގެ ވަކި އިންތިޚާބީ ދާއިރާއެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ހުށަހަޅާފައި އޮތްގޮތަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ އިން މަރަދޫފޭދޫ ވަކިކޮށް، މަރަދޫފޭދު އަކީ މަޖިލީހުގެ ވަކި އިންތިޚާބީ ދާއިރާއެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ހުށަހަޅާފައި އޮތްގޮތަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި މީދޫ ދާއިރާ އިން މަރަދޫ ފޭދޫ ވަކިކޮށް، ވަކި އިންތިޚާބީ ދާއިރާއަކަށް ހެދުމަށް ނުވަތަ މީދު އާއި މަރަދޫފޭދޫގެ ރައްޔިތުންގެ އިންތިޚާބީ ހައްގުތައް ނުގެއްލޭނެ ގޮތަކަށް އައްޑޫ ސިޓީގެ ދާއިރާ ކަނޑައަޅަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭގެ ކުރިން އެހެން ބަޔަކު އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބީ ދާއިރާތައް ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ބާވަތުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅުން ހުރި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށް ވިޔަސް، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް އެ މައްސަލަ އަށް ލިބިގެން ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެެސް އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައި ބުނާ އިޖުރައާތުގެ ތެރެއިން ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު، ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ކަމަށް ހުކުމުގައިވެ އެވެ.

ފަނޑިޔާރު އަލީ ރަޝީދު ރިޔާސަތު ބެލެހެއްޓެވި، ފަސް ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.

އައްޑޫ ސިޓީގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާ ގޮތަށް ބަދަލު ގެނައީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ދިމާކޮށެވެ. ކުރިން މީދު އާއި ހުޅުދޫ އޮންނަނީ އެއް ދާއިރާއެއްގަ އެވެ. މަރަދޫފޭދޫ އޮންނަނީި އެ ރަށާ ގުޅިފައިވާ މަރަދޫ ދާއިރާގެ ތެރޭގަ އެވެ. މަރަދޫފޭދޫއާ މުޅިން ވަކިން އޮންނަ މީދޫ ދާއިރާގެ ތެރޭގައި މަރަދޫފޭދޫ ހިމެނީ ހުޅުދު އަށް ވަކި ދާއިރާއެއް އަދި މަރަދު އަށް ވެސް ދާއިރާއެއް ހަމަޖެއްސުމަށް ފަހު އެވެ.