Roadha Mihaaru
ސެމީގެ ފަހު ޖާގަ ގްރީން ސްޓްރީޓްސް އަށް

ސެމީގެ ފަހު ޖާގަ ގްރީން ސްޓްރީޓްސް އަށް

14 ފެބުރުއަރީ 2019

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ގްރީން ސްޓްރީޓްސް އަށް ސެމީގެ ދެ ވަނަ ޖާގަ ލިބިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ގްރީން ސްޓްރީޓްސް އަށް ސެމީގެ ދެ ވަނަ ޖާގަ ލިބިއްޖެ އެވެ.

އިއްޔެ ހަވީރު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްލައިގެން ގްރީން ސްޓްރީޓްސް އަށް ސެމީގެ ޖާގައެެއް ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު އީގަލްސް އިން ވަނީ 2-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އެއާ އެކު ގްރީން ސްޓްރީޓްސް އަށް ޖެހުނީ ރޭގެ މެޗުގެ ނަތީޖާ އަށް އިންތިޒާރުކުރާށެވެ.

ގިނަ ގޯލު ތަކެއް ޖަހައިގެން ނޫނީ ރޭގެ މެޗުގައި ކުޅުނު ކްލަބް އޭދަފުށްޓާއި ޔުނައިޓެޑް ވިކްޓަރީ އަށް ސެމީގެ ފުރުސަތެއް ނެތެވެ. އެ މެޗުން އޭދަފުށި 2-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކުރިއިރު، ގްރީން ސްޓްރީޓްސް އަށް ސެމީގެ ޖާގަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.

ފަސް ޓީމު ވާދަކުރި ގްރޫޕްގެ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާ އެކު އީގަލްސް އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނަ އަށް ދިޔަ އޭދަފުށްޓައް ހަތަރު މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ފައިދާ ގޯލުން ކުރި ހޯދީ ގްރީން ސްޓްރީޓްސް އެވެ. ގްރީން ސްޓްރީޓްސް އަށް ފައިދާ ތިން ގޯލު އޮތްއިރު، އޭދަފުށީގެ އޮތީ ގެއްލުން ތިން ގޯލެވެ. ގްރޫޕްގެ ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު މާޒިޔާ އެވެ. އެންމެ ފުލުގައި ނިންމާލީ ތިން ޕޮއިންޓް ހޯދި ޔުނައިޓެޑް ވިކްޓަރީ އެވެ.

އިއްޔެ ހަވީރުގެ މެޗަށް އީގަލްސް ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ވެފަ އެވެ. އެހެންވެ އެ ޓީމުން ކުޅުނީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. އެކަމަކު މި މެޗުގައި ވެސް އެ ޓީމުން ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި އީގަލްސް އަށް ލީޑުނަގައިދިނީ މުސައްނިފު މުހައްމަދު އެެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން (ޔާން) އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އީގަލްސް މޮޅުކޮށްދިން ލަނޑު ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާދަމް ފަހުމާން އެވެ. ގްރީން ސްޓްރީޓްސްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާތެރެއިން ހުސްކޮށް އާދަމް އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގެ ދެ މިނިޓް ތެރޭ އޭދަފުށިން ވަނީ ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ދެ ގޯލު ވައްދާލައިފަ އެވެ. މެޗުގެ 29 ވަނަ މިނިޓްގައި ހުސެއިން ހަނާން ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ މިނިޓެއް ފަހުން އިސްމާއިލް ޝަރީފް ވަނީ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ލަނޑު ޖެހީ ޔޫހު ނަސީރު އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ. ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގްރީންއާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި އީގަލްސް ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.