Roadha Mihaaru
ބޮޑު ވައްކަމުގެ ބަދަލު ތިން އަކުރުން ނުދެވޭނެ: ޖަމީލް

ބިލިއަން ރުފިޔާގެ ވައްކަަމަށް ތިން އަކުރުގެ "މައާފް" އަކުން ބަދަލެއް ނުދެވޭނެ: ޖަމީލް

11 އޮކްޓޯބަރ 2016

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބިލިއަން ރުފިޔާގެ ވައްކަމަށް ތިން އަކުރުގެ "މައާފް" އަކުން ބަދަލު ނުދެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބިލިއަން ރުފިޔާގެ ވައްކަމަށް ތިން އަކުރުގެ "މައާފް" އަކުން ބަދަލު ނުދެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ކިބައިން ރޭ މާފަށް އެދިވަޑައިގަތުމުންނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތް ފަޅާއެރިތާ ގާތްގަނޑަކަށް އަހަރެއް ފަހުން، ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންކަން ހިނގީ މި ސަރުކާރުގައި ކަމަށް ވާތީ އެކަމާ މައާފަށް އެދިވަަޑައިގަންނަވާ ކަމަށެވެ. އަދި ދެން އެކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ރައީސް ރޭ ވާހަކަ ވާހަކަފުޅު ދައްކަވަނީ: އެމްއެމްޕީއާރުސީ ހިޔާނާތް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި ރައީސް ރޭ ވާހަކަ ވާހަކަފުޅު ދައްކަވަނީ: އެމްއެމްޕީއާރުސީ ހިޔާނާތް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ކަމުން ދުރުކުރުމާ އެކު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލްގެ އުފަން ރަށުގައި، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވީ މައާފަށް އެދިވަޑައިގަތުމަކީ ރައްޔިތުންގެ ބައިތުލްމާލުން ކުރި ވައްކަމަށް ބަދަލު ދެވުން ނޫން ކަމަށެވެ. އިސްތިއުފާ ދެއްވާފައި ތަހުގީގާ ބައްދަލުކުރުން ނޫން ގޮތެއް ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ނޫނީ އިހްލާސްތެރި ވާހަކައެއް ކަމަކަށް ނުވާނެ،" ޖަމީލް ވިދާޅުވި އެވެ.

ރައީސް މައާފަށް އެދިވަޑައިގެންނެވިއިރު، ހިޔާނާތް ފަޅާއެރުމުގެ ކުރިން ވެސް އެކަން ކުރާ ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ ތެރެއިން ބައެއް ފައިސާ ރައީސާ ހަވާލުކޮށްފައިވާ ކަމަށް އެކަމުގައި އަމަލީ ގޮތުން ބައިވެރި މީހުން، އަލްޖަޒީރާގެ "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީގައި ވަނީ ތުހުމަތުކޮށްފަ އެވެ. ރައީސްގެ އަތްޕުޅަށް ހިޔާނާތުގެ ފައިސާ ގެންގޮސްދިން ކަމަށް ކުރި ތުހުމަތުތަކާއި އެ މައްސަލައާ ގުޅިގެން ރައީސަށް އަމާޒުކުރާ ހުރިހާ ތުހުމަތުތަކެއް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.

އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ އެމަނިކުފާނާ ސުވާލުކޮށްފަ އެވެ. އެކަމަކު އެ ރިޕޯޓް އޭސީސީއަކުން އަދި ނުނެރެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގިކަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުު އަބްދުﷲ ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ސާބިތުވެ ތިން ބޭފުޅުން ވެސް ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އަދީބާއި ޒިޔަތު އަށް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އިރު ހާމިދަށް އިއްވީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ހުކުމެކެވެ.