Roadha Mihaaru
ވެރިން މުޖުރިމެއްގެ އަތްދަށުވުމުން ހައިރާންވޭ: ޖަމީލު

ވެރިން މުޖުރިމެއްގެ އަތްދަށުގައި ތާށިވުމުން ހައިރާންވޭ: ޖަމީލް

10 ޑިސެމްބަރ 2020

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ އިސް މީހުންނަށް ޖަލު ހުކުމް އިއްވުމުން ވެސް ގޭގައި ބައިތިއްބާތީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ އިސް މީހުންނަށް ޖަލު ހުކުމް އިއްވުމުން ވެސް ގޭގައި ބައިތިއްބާތީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ފާޑުވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެގެން 20 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ހުންނެވީ ގޭގަަ އެވެ. އޭނާ ގޭގައި ހުންނެވީ ހޯމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މެޝިނެއްގެ އެހީގައި އަވަހާރަފުޅުލައްޕަވާތީ އެވެ. އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވިޔަސް އޭނާ ވެސް ހުރީ ގޭގަ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުހިޔާނާތްވީ މީހުން ހުކުމަށް ފަހުގައި ވެސް އެ ތިބީ އަރާމުގައި އަމިއްލަ ގޭގައި ކަމަށެވެ. އެހެންވެ ބޮޑެތި ކުށްތައް ކުރަން މީހުން ފަސްޖެހޭނެ ސަބަބެއް މިހާރު އެބައޮތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބުކަމުގައި ޖަމީލް ހުންނަވަނިކޮށް އެ މަގާމުން ވަކިކޮށް ނައިބު ރައީސް ކަމަށް ގެނައި އަދީބަށް 800 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރަށް އޭނާއާ ދެކޮޅަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ޖަމީލް ވިދާޅުވީ މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ.

"ހައިރާންވަނީ ގައުމުގެ ވެރިން މުޖުރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމާ. މިހެން ކަންކަން ވާންޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ. ނޫނީ ކޮންފަދަ މަސައްކަތެއް ހަވާލުކުރީބާ؟" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ހައްތާވެސް ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންތައްތައް ކަމަށެވެ.

ޖަމީލްގެ ޓްވީޓް

އަދީބާއި ޒިޔަތު ގޭގައި ބައިތިއްބާތީ ޖަމީލުގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ސަރުކާރަށް ފާޑުވިދާޅުވި އެވެ. ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ވަކީލުން ވެސް ގެންދަވަނީ އެކަމާ އިންސާފެއް ނެތްކަމަށް ވިދާޅުވެ ކަންބޮވުން ފާޅުކުރައްވަމުންނެވެ. ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްކަން އެކަމުން ދޭހަވާ ކަމަށް އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ހިޔާނާތުގެ މައްސަލައާ ގުޅިގެން އޮކްޓޫބަރު 23، 2015 ގައި ހައްޔަރުކުރި ޒިޔަތުގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ އަށް އަހަރުގެ ހުކުމެކެވެ. އެކަމަކު މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ގެއަށް ބަދަލުކުރި ގޮތަށް އަދިވެސް އޭނާ ހުންނަވަނީ ގޭގަ އެވެ.

އެކި ފަހަރު މަތިން ހައްޔަރުކޮށް ޖަލަށް ލީ ނަމަވެސް، ބޮޑު ކޮރަޕްޝަންގެ މުގުލުގައި ހުންނެވި އަދީބު ކުށަށް އިއުތިރާފް ވެވަޑައިގަތުމާއެކު 20 އަހަރަށް ޖަލަށް ހުކުމް ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު ހުކުމް ކުރިތާ ދެ ދުވަސް ފަހުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ރައްޔިތުންގެ ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި އަދީބަށް ހުކުމާ އެކު ކުރީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. އެ އަދަދު، އޭނާ މަނީ ލޯންޑަކުރި އަދަދާ ގާތް ވެސް ނުކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އޭނާގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ ގާނޫނީ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.