Roadha Mihaaru
އަންހެނުންގެ މޫޑް ސްވިންގް: ސަބަބުތަކާއި ބައެއް ހައްލު

އަންހެނުންގެ މޫޑް ސްވިންގް: ސަބަބުތަކާއި ބައެއް ހައްލު

19 ފެބުރުއަރީ 2019

ހިނދުކޮޅެއްގެ ތެރޭގައި، އެއްވެސް ކަމަކާ ނުލައި ހަމަ ކުއްލިއަކަށް މީހާގެ މިޒާޖު ރުޅިވެރިކަމަށް ނުވަތަ އުފާވެރިކަމަށް ބަދަލުވާ ނަމަ އެއީ "މޫޑް ސްވިންގް" ކަަމަށް ވެދާނެ އެވެ. މިއީ އަންހެނުންނަށް ވަކިން ބޮޑު މައްސަލައެކެވެ. މިހެން ދިމާވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެދާނެ އެވެ.

ހިނދުކޮޅެއްގެ ތެރޭގައި، އެއްވެސް ކަމަކާ ނުލައި ހަމަ ކުއްލިއަކަށް މީހާގެ މިޒާޖު ރުޅިވެރިކަމަށް ނުވަތަ އުފާވެރިކަމަށް ބަދަލުވާ ނަމަ އެއީ "މޫޑް ސްވިންގް" ކަަމަށް ވެދާނެ އެވެ. މިއީ އަންހެނުންނަށް ވަކިން ބޮޑު މައްސަލައެކެވެ. މިހެން ދިމާވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެދާނެ އެވެ.

ކުއްލި ކުއްލި އަށް މޫޑު ބަދަލުވުން ނުވަތަ "މޫޑް ސުވިންގް" ގެ ސަބަބަކީ މީހާގެ ހަށިގަނޑުގެ ހާލަތު ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ކަމަށް ވެދާނެ އެވެ.

މައްސަރުކަންތައް ޖެހުމުގެ ކުރިން

މައްސަރުކަންތައް ޖެހުމުގެ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރިން މޫޑު ބަދަލުވުމުގެ މައްސަލަ ވަރަށް ގިނަ އަންހެނުންނަށް ދިމާވެ އެވެ. މޫޑް ސްވިންގުގެ އިތުރުން ވަރުބަލިވުމާއި ކެއުމުގެ އާދަޔަށް ބަދަލު އައުމާއި ޑިޕްރެޝަނާއި ބަނޑުގައި ވައި ހެދުމާއި މި ނޫނަސް އެކި ކަންކަމާ ކުރިމަތިވެ އެވެ. ގިނަ އަންހެނުން - 90 ޕަސެންޓް - މީހުންނަށް މިއިން ކޮންމެވެސް އެއް ކަމެއް، މައްސަރުކަންތަކުގެ ކުރިން ތަޖުރިބާކުރަންޖެހެ އެވެ.

މި ދިމާވާ ކަންކަން އެކި ފަހަރު ދިމާވާނީ އެކި މިންވަރަށް އެކި ގޮތަށެވެ. އަދި އުމުރު މައްޗަށް ދިޔަ ވަރަކަށް މި ކަންކަން ގޯސްވުން ނުވަތަ ރަނގަޅުވުން ވެސް އެއީ ވެދާނެ ގޮތެކެވެ.

މައްސަރުކަންތައް ޖެހުމުގެ ކުރިން މި ކަންކަން ދިމާވަނީ ކީއްވެގެންކަން ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ. އެކަމަކު އެކި ދިރާސާތަކުގައި ބުނަނީ މިއީ ހޯމޯން އެސްޓްރޯޖެން އަށް އަންނަ ބަދަލުގެ ނަތީޖާ ކަމަށެވެ. މައްސަރުކަންތައް ޖެހުމުގެ ކުރިންނާއި ފަހުން ހަށިގަނޑުގައި އެސްޓްރޮޖެން ލެވަލް މަތިވެ، ދަށްވުމަކީ ހިނގާ ކަމެކެވެ.

ޕީއެމްޑީޑީ

ޕްރީމެންސްރަލް ޑިސްފޮރިކް ޑިސްއޯޑާ (ޕީއެމްޑީޑީ) އަކީ އަދި މާ ބޮޑުވަރުވާ ހާލަތެކެވެ. މި ހާލަތު، ބަލިވެ އިންނަ އުމުރުގެ ފަސް ޕަސެންޓް އަންހެނުންނަށް ތަޖުރިބާކުރަން ޖެހެ އެވެ. ޕީއެމްޑީޑީ އަކީ ވަރަށް ބޮޑަށް މޫޑު ބަދަލުވެ ޑިޕްރެޝަންގެ ހާލަތު ވަރަށް ގޯސްވުމާއި ކަންކަމާ މާ ބޮޑަށް ރުޅި އިސްކުރެވޭ ގޮތް މެދުވެރިކުރުވާ ހާލަތެކެވެ. ދިރިއުޅުމުގެ އާދަތައް އެކަނި ބަދަލުކޮށްގެން މިކަން ރަނގަޅެއް ނުވެ އެވެ. މިކަމަށް ސްޓްރެސް މެނޭޖްމަންޓާއި ކެއުން ވެސް ބަދަލުކުރަންޖެހެ އެވެ.

ސްޓްރެސް

ސްޓްރެސްވުމުން ހަށިގަނޑަށް ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރެ އެވެ. މީގެ ތެރެއިން އެއް ކަމަކީ މޫޑް ސްވިންގެވެ. ކަންކަމާ މާޔޫސްވުމާއި ރުޅިގަދަވެ ހިތްހަމަނުޖެހިފައި ހުރުމަކީ އާންމު ކަމަކަށް ވެއްޖެ ނަމަ ނަފްސާނީ މައްސަލަތަކާ އެކު، މޫޑު ހަރާބުވުމުގެ މައްސަލަ ވެސް ދިމާވާނެ އެވެ.

ނަފްސާނީ މައްސަލަތައް

މޫޑަށް ބަދަލު އަންނަ ނަފްސާނީ އެކި މައްސަލަތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)، ޑިޕްރެޝަން އަދި ބައިޕޯލާ ޑިސްއޯޑާ ފަދަ މައްސަލަތައް ހިމެނެ އެވެ. މިފަދަ ނަފްސާނީ ކަމެއް ހުރި ނަމަ އެކަމަށް ފަރުވާކޮށްގެން، މޫޑް ސްވިންގުގެ މައްސަލަ އަށް ވެސް ލުޔެއް ހޯދިދާނެ އެވެ.

ހޯމޯން ބެލެންސް ނުވުން

އެސްޓްރޮޖެން އަކީ މައްސަރުކަންތައް ޖެހުމުގެ ކުރިން ދިމާވާ މޫޑް ސްވިންގާ ގުޅުން ހުރި ހޯމޯނެއް ކަމަށް ވަނީ ބެލެވިފަ އެވެ. ތައިރޮއިޑުން އެކަށީގެންވާ މިންވަރަށް ހޯމޯން އުފައްދައިނުދިނުމުގެ މައްސަލަ ކަމަށްވާ ހައިޕޮތައިރޮޑިޒަމް އަކީ ހޯމޯނަށް ބަދަލު އަންނަ ވަރަށް އާންމު މައްސަލައެކެވެ. މިއީ ވެސް މޫޑް ސްވިންގުގެ ސަބަބަކަށްވެ އެވެ.

ބާލިޣުވުން

މިއީ ޖަޒުބާތީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ކުއްޖާ އަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރު ވެސް މޫޑަށް ބަދަލު އަންނާނެ އެވެ.

މާބަނޑުވުން

ބަލިވެއިނުމުން ހޯމޯނަށް ވަރަށް ބޮޑަށް ބަދަލު އާދެ އެވެ. އަދި ޖިސްމާނީ ގޮތުން ވެސް ބޮޑެތި ވޭންތަކެއް އުފުލަންޖެހެ އެވެ. އެހެންވެ މިއީ ވެސް މޫޑަށް ބަދަލު އަންނަ ކަމެކެވެ.

އިއްދައިންކެނޑުން

މިއީ ވެސް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރަކަށް ވާތީ މިއީ ވެސް މޫޑު ބަދަލުވާ ހާލަތެކެވެ.

ހައްލު ހޯދާނީ ކިހިނެއް؟

މޫޑް ސްވިންގް ރަނގަޅުކުރުމަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެންމެ މުހިންމު އެއް ކަމަކީ ކަސްރަތުކުރުން އާންމު ކަމަކަށް ހެދުމެވެ. އަދި ކެފެއިން އާއި ހަކުރު މަދުކޮށްލަން ޖެހޭނެ އެވެ. މީގެ އިތުރުން ކެލްސިއަމް ސަޕްލިމެންޓް ވެސް ބޭނުންކުރެވިދާނެ އެވެ. އަދި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި މޫޑް ރަނގަޅުކޮށްދޭ ކާނާ ކެއުން ވެސް ހިމެނެ އެވެ.

ސްޓްރެސް މެނޭޖްމަންޓަކީ ވެސް މޫޑް ހަމަޔަކަށް އަޅުވަން ކުރަންޖެހޭ ކަމެކެވެ. އަދި ނިދި ހަމަކުރަން ޖެހޭނެ އެވެ.

މި ކަންކަމުގައި ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.