Roadha Mihaaru
"ދައުލަތަށް ގެއްލުނު 15 މިލިއަން ރުފިޔާ ހޯދައިފިން"

ދައުލަތަށް ގެއްލުނު 15 މިލިއަން ރުފިޔާ ހޯދައިފިން: އޭޖީ

27 ނޮވެމްބަރ 2016

ދައުލަތަށް މިހާތަނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މިދިޔަ ތިން އަހަރުގެ ތެރޭގައި ހޯދާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދައުލަތަށް މިހާތަނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މިދިޔަ ތިން އަހަރުގެ ތެރޭގައި ހޯދާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކާ ގުޅޭ ގޮތުން، ރައީސް އޮފީހުގައި މީޑިއާއާ ބައްދަލުކުރައްވައި އަނިލް ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދިނީ، އޮޑިޓް އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓުތަކުގައި، ދައުލަތުން ގެއްލުނު ކަމަށް ފާހަގަކޮށްފައިވާ ފައިސާތައް، ދައުވާކޮށްގެން ހޯދުމަށް ކަމަށެވެ.

އެގޮތުން އެކި މައްސަލަތަކުގައި ހިމެނޭ އެންމެ އިސް މީހުންގެ މައްޗަށް ދައުވާކޮށް، ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 15 ނުވަތަ 16 ވަރަކަށް މިލިއަން ރުފިޔާ، މިހާތަނަށް ކުރި މަސައްކަތުން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން [އިތުރު ފައިސާ ހޯދުމަށް] ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭގައި އިތުރު 26 މައްސަލަ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން މިދަނީ،" އެ މައްސަލަތަކުގެ ތަފުސީލު ނުދެއްވައި ބަންޑާރަ ނައިބު އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެންމެ އިސްކަމެއް ދެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށެވެ.

އެ ހިޔާނާތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާއިރު، އެ ފައިސާ ހޯދުމުގެ މަސައްކަތް ނުފެށި ވަނީ، އޭސީސީގެ ރިޕޯޓް އާއްމު ނުކޮށްގެން ކަމަށް އަނިލް ކުރިން ވަނީ ވިދާޅުވެފަ އެވެ.

އޭނާ މިއަދު ވެސް ވިދާޅުވީ، އޭސީސީން ރިޕޯޓު އާއްމު ކުރިހާ އަވަހަކަށް، އެއާ ގުޅުން ހުރި މައްސަލަތައް ކޯޓަށް ހުށަހަޅައި، ގެއްލުނު ފައިސާ ހޯދުމަށް މަސައްކަތް ފަށާނެ ކަމަށެވެ.