Roadha Mihaaru
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!

މަހްލޫފްގެ ޝަރީއަތް މާދަމާ، އެކަމަކު އަދިވެސް ކެބިނެޓުގައި!

18 ޖެނުއަރީ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ކުރާ ކަން އެނގުމާ އެކު އޭނާ ސަސްޕެންޑްކުރި އެވެ. އެފަދަ ތުހުމަތެއް ކުރެވޭ ވަޒީރަކު ކެބިނެޓުގައި ބަހައްޓަން ބޭނުން ނުވާތީ އެވެ. އެ ފިޔަވަޅުން ފެނުނީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ސަރުކާރުން ސީރިއަސްކޮށް ނެގި މިންވަރެވެ. އެކަމަކު ހިޔާނާތުގެ ތުހުމަތުވާ އިސްވެރިންނަށް ވަގުތުން ފިޔަވަޅު އެޅުމުގައި އޭރު އެ ދެއްކި ސީރިއަސްކަމެއް މަހްލޫފްގެ މައްސަލައިގައި މި ފަހުން އަމަލުކުރާ ގޮތުން ނުފެނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ކުރާ ކަން އެނގުމާ އެކު އޭނާ ސަސްޕެންޑްކުރި އެވެ. އެފަދަ ތުހުމަތެއް ކުރެވޭ ވަޒީރަކު ކެބިނެޓުގައި ބަހައްޓަން ބޭނުން ނުވާތީ އެވެ. އެ ފިޔަވަޅުން ފެނުނީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ސަރުކާރުން ސީރިއަސްކޮށް ނެގި މިންވަރެވެ. އެކަމަކު ހިޔާނާތުގެ ތުހުމަތުވާ އިސްވެރިންނަށް ވަގުތުން ފިޔަވަޅު އެޅުމުގައި އޭރު އެ ދެއްކި ސީރިއަސްކަމެއް މަހްލޫފްގެ މައްސަލައިގައި މި ފަހުން އަމަލުކުރާ ގޮތުން ނުފެނެ އެވެ.

މަހްލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލީ އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގަ އެވެ.

މި ދައުވާގެ ޝަރީއަތް މާދަމާ ފަށަން އޮތީ ތާވަލްކޮށްފަ އެވެ. އެކަމަކު އަދިވެސް އެ ހުންނެވީ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގަ އެވެ. އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅަ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް އޭނާގެ މައްސަލައިގައި ދައުވާ އުފުލަން ފޮނުވީ ތަހުގީގީ އިދާރާތަކުންނެވެ. ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގުން ހޯދުނު ހެކިތަކުގެ މައްޗަށް ބުރަވެ އެވެ. ޕްރޮސިކިއުޓަ ޖެނެރަލް އެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ހުށަހަޅާނީ ވެސް ގާނޫނީ ގޮތުން އެކަން ކުރައްވަން ޖެހިވަޑައިގަންނަވާތީ އެވެ.

މި ހަތަރު މުއައްސަސާ އިން ވެސް ކެބިނެޓުގެ ވަޒީރަކަށް ތުހުމަތުކުރާ އިރު ސަރުކާރަށް އެކަން މާބޮޑު ކަމަކަށް ނުވެ އެވެ. މިއީ، މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ދައުވާކުރި ފުރަތަމަ ފަހަރަވެ. އެކަމަކު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ތަހުގީގީ އިދާރާތަކާއި ޕީޖީއަށް އިތުބާރު ނެތީތޯ ވެސް ސުވާލު އުފެދެ އެވެ.

މައްސަލައަކީ މަހްލޫފެއް ނޫނެވެ؛ ސަރުކާރުން އަމަލުކުރަމުންދާ ގޮތެވެ.

އުސޫލަށް އޮތީ ބަދަލު ގެނެސްފައި!

ސަރުކާރުން ކުރިން ގެންގުޅު އުސޫލަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ނަމަ އެ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމެވެ. އެކަމަކު ތަހުގީގު މަރުހަލާ ދިގުލައިގެން ދިއުމުގައި ހައްލުތަކެއް ނުފެނިގެން އުސޫލަށް ބަދަލު ގެނައީ ދައުވާކޮށްދޭން ޕީޖީއަށް ފޮނުވުމުން ފިޔަވަޅު އަޅާ ގޮތަށެވެ. މި އުސޫލު ދެ ވަނަ ފަހަރަށް ބަދަލުކުރީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިމުމުން ފިޔަވަޅު އަޅާ ގޮތަށެވެ.

މި ނިންމުމުގައި ތިއްބައި މަހްލޫފްގެ މައްސަލަ އާދަޔާ ޚިލާފަށް ޕީޖީ އޮފީހުގައި ވެސް ލަސްވީ އެވެ. ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ހޭދަވުމުން ސަރުކާރަށް ވެސް އެކަން ބަލައިނުގަނެވި މަހްލޫފްގެ ސަސްޕެންޝަން އުވާލީ އެވެ. އޭރު އުސޫލަށް ބަދަލު ގެނައީ، ސަރުކާރުގެ މަގާމްތަކުގައި ތިބި މީހުންނާ މެދު ފިޔަވަޅު އަޅާނީ ޕީޖީ ދައުވާ އުފުލުމުން ކަމަށެވެ.

އެކަމަކު މި އުސޫލް، ޕީޖީ ދައުވާ އުފުލުމުން ވެސް މަހްލޫފްގެ މައްޗަކަށް ނުހިނގި އެވެ. ދައުވާ އުފުލުމާ އެކު ވެސް މަގާމުގައި ދެމިހުންނަވަނީ ކީއްވެތޯ ރައީސް އޮފީހަށް އޭރު މީޑިއާތަކުން އަމާޒުކުރި ސުވާލަށް ޖަވާބެއް ނުދެ އެވެ. ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީގެ އިތުރުން ޕީޖީ އޮފީހުގެ ނިންމުމާ މެދު ސުވާލު އުފައްދާނެ ޖާގަދީގެން ހިމޭން ކަމުގައި ސަރުކާރު އޮތީ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ/ ރައީސް އޮފީސް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ/ ރައީސް އޮފީސް

މަހްލޫފް ގެންދަވަނީ މި މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ޕީޖީ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އޭނާ ވިދާޅުވަމުން ގެންދަވާ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ސިޔާސީ ގޮތުން "ކަތިލި ކަންބަޅިއަކަށް" އޭނާ ހެދީ އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަހުލޫފް ކުރިން ވިދާޅުވި ނަމަވެސް އެ ނިންމުން ވެސް ބަދަލުކުރެއްވީ އެވެ. އެއީ އޭނާގެ މައްޗަށް އުފުލަނީ ޒާތީ ދައުވާއެއް ކަމަށް ވިދާޅުވެ އެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަކަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް،" ޒާތީވެފައިވާ ކަމުގެ ހެއްކަކަށް ޕީޖީގެ ޗެޓް ލޮގުތަކެއް އާއްމުކުރައްވަމުން މަހުލޫފް ޓުވީޓް ކުރައްވާފައިވެ އެވެ.

އެ ޗެޓު ލޮގުތަކުގައި ޕީޖީ ވަނީ މަހްލޫފްގެ ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު އާއްމުވި ޗެޓު ލޮގްތަކާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ޖަވާބެއް ނުދީ ބުނެފައި ވަނީ ދައުވާއާ ގުޅޭ އެއްވެސް ވާހަކައެއް ދެން ދައްކާނީ ކޯޓުގައި ކަަމަށެވެ.

މަހްލޫފް މިކުރާ ތުހުމަތާއި މުއައްސަސާތަކުން އޭނާއަށް މި ކުރާ ތުހުމަތު އަދި ކޮޅެއް ނުޖެހެ އެވެ. މީގައި އިންސާފު އޮތީ ކޯޓާ ހަމައިންނެވެ.

އެކަމަކު އޭގެ ކުރިން ވެސް ފެންނަނީ ހިޔާނާތާ ގުޅުވައި ސަރުކާރުން ދެއްކި ވާހަކަތަކަށް އަހައްމިއްޔަތުކަން ދޭލެއް ކުޑަވެފައި އޮތް ތަނެވެ. ނުފޫޒަކަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކު ފިޔަވަޅު އެޅުމުގެ ހިތްވަރެއް ވެސް ނުފެނެ އެވެ. މީގައި ފެންނަން އޮތީ ވަޒީރަކާ ޖެހުނު ހިސާބުން ސަރުކާރުގެ އުސޫލު ބަދަލުވަމުން އައި ތަނެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސެއް މި މައްސަލައިގައި ނެތެވެ.