Roadha Mihaaru
އޭޑީކޭ އިން ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކުރަނީ

އޭޑީކޭ އިން ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކުރަނީ

21 ފެބުރުއަރީ 2019

އޭޑީކޭ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުގެ އަގު، އަންނަ މަހުން ފެށިގެން ބޮޑުކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އޭޑީކޭ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުގެ އަގު، އަންނަ މަހުން ފެށިގެން ބޮޑުކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

މި ގެންނަ ބަދަލާ އެކު، އާންމު ކޮންސަލްޓޭޝަން ފީ އަކީ 300ރ. އެވެ. ސުޕަ ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ފީ އަކީ 500ރ. އަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ އަގަށް ބަދަލު ގެނައި ނަމަވެސް އާސަންދައިން ދޭ ކަވަރޭޖަށް ބަދަލު ނާންނާތީ، ޑޮކްޓަރަށް ދެއްކުމަށް އާންމުން 100ރ. އިތުރަށް ދައްކަންޖެހޭނެ ކަމަށެވެ.

"އާސަންދައިން ދޭ ކަވަރޭޖަކަށް ބަދަލެއް ނުގެނެ. އޭގެ މާނައަކީ ޑޮކްޓަރަށް ދައްކަން މިހާރު އާންމުން ހޭދަކުރަން ޖެހޭނީ 100ރ. ގެ ބަދަލުގައި 200 ރުފިޔާ. އަދި ސުޕަ ސްޕެޝަލިސްޓަކަށް ދައްކަން 300ރ. ހޭދަ ކުރަން ޖެހޭނެ،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭ އިން ނެރުނު ބަޔާނުގައި ބުނީ އަގުތަކަށް ބަދަލު ގެންނަނީ ހޮސްޕިޓަލް ހިންގުމުގެ ހަރަދު މިދިޔަ 10 އަހަރު ތެރޭގައި ބޮޑުވެފައި ވާތީ ކަމަށެވެ.

"މި ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ނޫނީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މާލީގޮތުން ދެކޮޅުޖެއްސޭނެ ކަމަކަށް ނުވާތީ، ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލުގެންނަން ނިންމީ" ކަމަށް ބަޔާނުގައިވެ އެވެ.

އަފްއާލް ވިދާޅުވީ ހުރިހާ ހިދުމަތްތަކެއްގެ އަގަށް ބަދަލު ނުގެންނަ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ނަގާ ފީ ފިޔަވައި، ދެން ހުރި ހިދުމަތްތަކަށް ނަގާ މިންވަރު އިތުރުކުރާނީ 10-15 ޕަސެންޓުގެ މިންވަރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގެ އެނދުތަކާއި އާންމު އޮޕަރޭޝަންތަކުގެ ހަރަދު ހިމެނެ އެވެ.

އާންމު އޮޕަރޭޝަންތަކުގެ އަގު ބޮޑުކުރި ނަމަ ވެސް، ކާޑިއަކް ސެންޓަރުން ކުރާ އޮޕަރޭޝަންތަކުގެ އަގަށް މާ ބޮޑު ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަދަލު ނުގެންނަ ހިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީން ހަދަންޖެހޭ ސްކޭންތަކާއި ލޭ ޓެސްޓުތައް ހިމެނެ އެވެ. އަދި އެމްއާރްއައިގެ ހިދުމަތަށް ވެސް ބަދަލެއް ނުގެނެ އެވެ.