Roadha Mihaaru
ރިޝްވަތުގެ ކުށެއް ނުކުރަން ކެންޑިޑޭޓުންނަށް އަންގައިފި

ރިޝްވަތުގެ ކުށެއް ނުކުރަން އޭސީސީން ކެންޑިޑޭޓުންނަށް އަންގައިފި

26 ފެބުރުއަރީ 2019

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަމުން އަންނަ މީހުން ރިޝްވަތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަމުން އަންނަ މީހުން ރިޝްވަތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އޭސީސީ އިން ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ކެންޑިޑޭޓުންނަށް އިންތިޚާބުގައި ހަރަދު ކުރެވޭނެ އެންމެ މަތީ މިންވަރާއި ރިޝްވަތާއި ކޮރަޕްޝަންގެ ކުށަށް ފެތޭނެ ގޮތްތައް ބަޔާންކޮށްފައި އޮތް އިރު، ރިޝްވަތުގެ ކުށެއް ނުވަތަ އެނޫން ވެސް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް ކެންޑިޑޭޓުންނާއި ކެމްޕެއިންގައި އުޅޭ މީހުން ނުކުރުމަށް އަންގައިފަ އެވެ.

ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިޚާބާ ގުޅިގެން ހަރަދު ކުރެވޭނެ އެންމެ މަތީ މިންވަރަކީ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2,000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަމަށް ކަނޑައެޅިފައި ވާއިރު، އެ ފައިސާ ބޭނުންކުރަން ވާނީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީން ބުނި ގޮތުގައި ގާނޫނު ހުއްދަނުކުރާ އެނޫން ބޭނުންތަކަށާއި، ވޯޓު ގަތުމަށާއި ރިޝްވަތު ދިނުން ފަދަ ކަންކަމަށް އެފައިސާ ބޭނުންކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް ކަމެކެވެ. އަދި އެފަދަ ކެންޑިޑޭޓުންނާއި ކެމްޕެއިންގައި އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (11) ގައި ވަނީ އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށް ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއްގެ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް ދިނުމަކީ ރިޝްވަތު ދިނުން ކަމަށް ބެލެވޭނެ އެވެ.

އެ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (12) ގައި ވަނީ އިންތިޚާބަށް އިއުލާނުކުރާ ތާރީހުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް ނުރަނގަޅު އަސަރު ފޯރުވުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިންކަމެއް ކޮށްދޭނެ ކަމަށް ބުނުމާއި، އެފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭންއުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ އިރު، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރިޝްވަތުގެ ތިން މައްސަލައެއް އޭސީސީން މިހާރު ވެސް ދަނީ ބަލަމުންނެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް 395 ކެންޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުން ވާދަކުރުމަށެވެ.