Roadha Mihaaru
އަނދުން ހުސެއިނާ އޭސީސީން ސުވާލުކޮށްފި

އަނދުން ހުސެއިނާ އޭސީސީން ސުވާލުކޮށްފި

20 މާޗް 2019

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން) މިދިޔަ ހޯމަދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން) މިދިޔަ ހޯމަދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.

އޭނާ ހާޒިރުކުރި ކަން ކަށަވަރު ކޮށްދިނުން ފިޔަވައި އޭސީސީން ވާހަކައެއް ނުދެއްކި އެވެ.

އެނގިފައިވާ ގޮތުގައި އަނދުން ހުސެއިން ހާޒިރުކުރީ، އޭނާ ވާދަ ކުރައްވާ ދާއިރާގެ މީހުންނަށް ސްކޮލަޝިޕްތަކެއް ހުޅުވާލައި ފަސް ކުއްޖަކު އިންޑިއާ އަށް ކިޔަވަން ފޮނުވަން ނިންމެވުމާ ގުޅިގެންނެވެ. އެ ފުރުސަތު އިތުރު 10 ކުއްޖަކަށް އަންނަ އަހަރު ދޭން ނިންމާފައިވާ ކަން ވެސް އަނދުން ހުސައިން ވަނީ އިއުލާން ކުރައްވައިފަ އެވެ.

އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަނދުން ހުސެއިން ހާޒިރުކުރީ، އޭނާ ވާދަ ކުރައްވާ ދާއިރާގެ މީހުންނަށް ސްކޮލަޝިޕްތަކެއް ހުޅުވާލައި ފަސް ކުއްޖަކު އިންޑިއާ އަށް ކިޔަވަން ފޮނުވަން ނިންމެވުމާ ގުޅިގެންނެވެ. އެ ފުރުސަތު އިތުރު 10 ކުއްޖަކަށް އަންނަ އަހަރު ދޭން ނިންމާފައިވާ ކަން ވެސް އަނދުން ހުސައިން ވަނީ އިއުލާން ކުރައްވައިފަ އެވެ.

އާއްމު އިންތިޚާބާ ގުޅޭ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލަން އޭސީސީން ވަނީ ހާއްސަ ޓީމެއް އެކުލަވާލައިފަ އެވެ. އެ މައްސަލަތަކުގެ ތަހުގީގު އިންތިޚާބުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އަނދުން ހުސެއިންގެ އިތުރުން ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވެސް ވަނީ އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭނާ ހާޒިރުކުރީ، ފައިސާގެ އިނާމު ހުށަހަޅައި، އެ ދާއިރާ އަށް ޚާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމުންނެވެ.

އަނދުން ހުސައިންގެ އިތުރުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (އަމިއްލަ ގޮތުން) އާއި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވިން ސަލީމް (ޑީއާރުޕީ) އާއި އަބްދުﷲ އަފީފް (އަމިއްލަ ގޮތުން) އާއި އަބްދުﷲ ރަޝީދު (އަމިއްލަ ގޮތުން) އާއި އިބްރާހިމް ވަހީދު (އެމްއެސްއެލްޑީ) އާއި މުހައްމަދު އަފްސާހް (އަމިއްލަ ގޮތުން) އަދި މޫސާ ޝިފާއު (އަމިއްލަ ގޮތުން) އެވެ.