Roadha Mihaaru
އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ރައީސްގެ ތާއީދު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވަން ރައީސް ތާއީދުކުރައްވައިފި

26 ފެބުރުއަރީ 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމުގެ ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމުގެ ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އެ އިޖާބަ ދެއްވީ، ޖުލައި މަހު މޮރިޝަސްގައި ބާއްވާ މި އަހަރުގެ ގޭމްސް އަށް ވަޑައިގަތުމަށް، އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ދެއްވި ދައުވަތު ރައީސް ސޯލިހާ ހަވާލުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އޮލިމްޕިކް ކޮމިޓީން ހުށަހެޅި ހުށަހެޅުމަކަށެވެ.

މަރުޒޫގު ވިދާޅުވީ އޮލިމްޕިކް ކޮމިޓީން ހިޔާލު ދިނީ ކޮމިޓީއެއް ނަގައި، ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބަލައި ދެން ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ކުރުމަށް ކަމަށާއި އެކަމަށް ރައީސް ތާއީދުކުރެއްވި އެވެ.

'އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޭމްސް ބޭއްވުމުން، އެންމެން ފައިދާވާނެ ގޮތަށް މިހާރު ހުރި ވަސީލަތްތައް ޒަމާނީކުރުމަށާއި މިހާރު ވެސް ކޮންމެހެން ބޭނުންވެފައިވާ ވަސީލަތްތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ،" މަރުޒޫގު ވިދާޅުވި އެވެ.

ރާއްޖޭން މި އަހަރުގެ ގޭމްސް ބޭއްވުމަށް 2015 ވަނަ އަހަރު ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި އަދި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ.

މި ގޭމްސް އަކީ އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑަށް ނިސްބަތްވާ ގޮތަށް އޮންނަ ޖަޒީރާ ގައުމުތަކުގެ މެދުގައި 1979 ވަނަ އަހަރުން ފެށިގެން އަންނަ ބޮޑު ކުޅިވަރު ހަރަކާތެކެވެ. ގޭމްސް ބާއްވާފައިވާ ގައުމުތަކަކީ ރިޔޫނިއަން އައިލެންޑްސް، މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ. މީގެ ތެރެއިން 1993 އަދި 2011 ވަނަ އަހަރު ގޭމްސް ބޭއްވި ސީޝެލްސް އަކީ ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖެ ފަދަ ޖަޒީރާއެކެވެ.

މި ގޭމްސް އަކީ ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ އަށް އެންމެ ކާމިޔާބު ކުޅިވަރު ހަރަކާތެކެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް މުބާރާތެއްގައި ލިބުނު ފުރަތަމަ ރަން މެޑަލް ދުވުންތެރިޔާ ހަސަން ސާއިދު ހޯދީ 2015 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން ވެސް ވަނީ މި ގޭމްސްގައި މެޑަލްތަކެއް ހޯދައިފަ އެވެ.