Roadha Mihaaru
ހަތަރު ގޭމްސް އަކަށް ޗެފް ޑި މިޝަނުން ހަމަޖައްސައިފި

މިއަހަރުގެ ހަތަރު ގޭމްސް އަކަށް ރާއްޖޭގެ ޗެފް ޑި މިޝަނުން ހަމަޖައްސައިފި

14 ޖޫން 2023

ރާއްޖޭން މިއަހަރު ވާދަކުރާ ބައިނަލްއަގުވާމީ ވަކިވަކި ގޭމްސްތަކުގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނުން އައްޔަނު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭން މިއަހަރު ވާދަކުރާ ބައިނަލްއަގުވާމީ ވަކިވަކި ގޭމްސްތަކުގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނުން އައްޔަނު ކޮށްފި އެވެ.

އޮލިމްޕިކް ކޮމިޓީ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ، މިއަހަރުގެ ފަސް ގޭމްސް އެއްގައި ރާއްޖޭން ވާދަކުރާނެ ކަން އިއުލާން ކޮށްފަ އެވެ. އެއީ ކޮމަންވެލްތު ޔޫތު ގޭމްސް، އޭއެންއޯސީ ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.

އޮލިމްޕިކް ކޮމިޓީ އިން ވަނީ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ފިޔަވައި ހަތަރު ގޭމްސް އަށް ޗެފް ޑި މިޝަނުން ހަމަޖައްސާފަ އެވެ.

އޮގަސްޓް މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގެ ޗެފް ޑި މިޝަނަކަށް ހަމަޖެއްސީ އާމިނަތު އަލީ (އައިންތު) އެވެ. އޮގަސްޓް 5-12 އަށް އިންޑޮނޭޝިއާގެ ބާލީގައި ބާއްވާ ވޯލްޑް ބޯޗް ގޭމްސްގެ ޗެފް ޑި މިޝަނަކީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޮތީ އޮގަސްޓް 25 އިން ސެޕްޓެމްބަރު 3 އަށް މަޑަގަސްކަރައިގަ އެވެ. އައިއޯއައިޖީގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ނާފިއު ތައުފީގެވެ.

ޗައިނާގެ ހަންގްޒޫގައި އޮންނަ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ގަފޫރު އަބްދުލް ހަމީދު (އައްޑޯ) އެވެ. އޭޝިއަން ގޭމްސް ކުރިއަށް ދާނީ ސެޕްތެމްބަރު 23 އިން އޮކްޓޫބަރު 8 އާ ހަމައަށެވެ.

ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.