Roadha Mihaaru
ޓިޝޫ ކަރުދާހުގައި މަރޭ ޖަހާ ހިސާބު

ޓިޝޫ ކަރުދާހުގައި މަރޭ ޖަހާ ހިސާބު: މި ފަހަރު ވެސް ދިމާވާނެތަ؟

16 ޖުލައި 2019

އެއީ މީގެ ހަތަރު އަހަރު ކުރި އެވެ. ރިޔޫނިއަން އައިލެންޑްސް ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާލުމަށް ފަހު ދިވެހި ކޮންޓިންޖެންޓް ގޮވައިގެން މޯލްޑިވިއަންގެ ބޯޓް ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަނީ އެވެ. ބޯޓުގެ ތެރޭގައި އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ރާއްޖޭން ކަނޑައެޅި އަމާޒަށް ގާތްގަނޑަކަށް ވާސިލްވެވުމާއި އަދި ރާއްޖެ އަށް ފުރަތަމަ ފަހަރަށް މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑެއްޔެއް ލިބިފައިވާތީވެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެއީ މީގެ ހަތަރު އަހަރު ކުރި އެވެ. ރިޔޫނިއަން އައިލެންޑްސް ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާލުމަށް ފަހު ދިވެހި ކޮންޓިންޖެންޓް ގޮވައިގެން މޯލްޑިވިއަންގެ ބޯޓް ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަނީ އެވެ. ބޯޓުގެ ތެރޭގައި އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ރާއްޖޭން ކަނޑައެޅި އަމާޒަށް ގާތްގަނޑަކަށް ވާސިލްވެވުމާއި އަދި ރާއްޖެ އަށް ފުރަތަމަ ފަހަރަށް މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑެއްޔެއް ލިބިފައިވާތީވެ އެވެ.

ބޯޓުގެ ތެރޭގައި ކުރެވުނު ސަމާސާތަކާއި ދެކެވުނު އެކިއެކި ވާހަކައިގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ނޫސްވެރިން ގާތު ވިދާޅުވީ ކުރިއަށް އޮތް ގޭމްސް (މި އަހަރުގެ ގޭމްސް) ގައި ރާއްޖޭން 15 މެޑަލް ހޯދާނެ ކަމަށެވެ. އެއީ އޭނާ ހަމަ ބުނެލި އެއްޗެއް ނޫނެވެ. މަރޭގެ ބަހުން ނަމަ "ޓިޝޫ ކަރުދާސްކޮޅެއްގައި ހެދި މާސްޓާ ޕްލޭނެ"ކެވެ.

މި ހިސާބުން ޖެހިލަން ޖެހޭނީ އެއަށް ވުރެ މާ ކުރިއަށެވެ. ކްލަބް ވެލެންސިއާ އާއި އައިއެފްސީ އަށް ފުޓްބޯޅަ ކުޅުއްވުމަށް ފަހު، 2008 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ މަރޭ ހަވާލުވި ހިސާބަށެވެ. އެއީ ވަރަށް މުހިއްމު ބަދަލެއްގެ ފެށުމެވެ. ރާއްޖޭގައި އާއްމުކޮށް ކްލަބްތަކާއި އެސޯސިއޭޝަންތައް ހިންގަނީ، އެތަނަކަށް މޫލާފައި ތިބޭ ބަޔެކެވެ. އެހެންވެ ޕްރޮފެޝަނަލް އުސޫލުން ކްލަބް ހިންގާނެ މީހަކު ގެންނަން ވިކްޓްރީން ނިންމައި އެ މަގާމަށް މަރޭ ގެނައުމަކީ ފުޓްބޯޅައިގެ ހިންގުމުގެ އުސޫލަށް އައި މުހިއްމު ބަދަލެކެވެ.

ޖެހިގެން އައި އަހަރު މަރޭ ކުރިމަތިލީ އޭނާއާ މާބޮޑު ގުޅުމެއް ނެތް ތަނަކަށެވެ؛ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށެވެ. ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގެ ތަޖުރިބާހުރި ކެންޑިޑޭޓުންތަކެއް ބަލިކުރައްވައި މަރޭ އެ ކޮމިޓީގެ މަގާމަށް ވަޑައިގެންނެވިއިރު، ކޮމިޓީގެ ރައީސް އިބްރާހިމް އިސްމާއިލަށް ވެސް އޭނާވީ އާ މީހަކަށެވެ. އެކަމަކު އިބްރާހިމް އިސްމާއިލުގެ ޖަޑިބުކަމުގެ ދަށުން މަރޭ ވަގުތުން ވަގުތަށް އެތަނުގެ ހިންގުމަށް ބަދަލުތައް ގެންނަވަން ފެށްޓެވި އެވެ. ފުރަތަމަ ބަދަލަކީ ގޭމްސްތަކަށް ބޮޑެތި ކޮންޓިންޖެންޓްތައް ގެންދަން ފެށުމެވެ. އެކަމަކު އެކަމުން ދެން ފާހަގަވީ އެހެން ކަމެކެވެ.

"އަޅުގަނޑު ހަވާލުވެގެން ފުރަތަމަ ވެސް ފެނުނު މަންޒަރަކީ ވަރަށް ގިނަ ބައިނަލްއަގްވާމީ ގޭމްސްތަކުން ރާއްޖެ އަށް ފުރުސަތު އޮތްކަން އެކަމަކު އަބަދުވެސް މެޑަލް ޓޭބަލުގެ ފުލުގައިކަން ރާއްޖެ އޮންނީ. އެހިސާބުން ވިސްނުނީ، ގޭމްސްތަކަކީ ހަމައެކަނި ބައިވެރިވާން ދާ އެއްޗަކަށް ނަހަދާ ރާއްޖެ އަށް ވެސް ރާއްޖޭގެ ނިސްބަތުން ކާމިޔާބު ހޯދޭ އެއްޗަކަށް ބަދަލުކުރަން،" މަރޭ ވިދާޅުވެފައިވެ އެވެ.

އެކަން ބަދަލުކުރުމަށްޓަކައި އޮލިމްޕިކް ކޮމިޓީން ހަރަދުކޮށްގެން އެތުލީޓުންނަށް ދިގު މުއްދަތުގެ ތަމްރީން ފުރުސަތުތަކެއް ހޯދައިދޭން ފެށި އެވެ. ކުރީގެ އެތުލީޓުން އެކަމަކަށް ފެންބޮވައިގެންވެފައި ތިބި އެ ފުރުސަތު ޒުވާން ފަސް އެތުލީޓަކަށް ދިނެވެ. ދުވުންތެރިން ކަމަށްވާ ހަސަން ސާއިދާއި އަހުމަދު އަޒްނީމާއި ޓޭބަލް ޓެނިސް ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ޝިއުރާ ޝަރީފާއި ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން ރަޝީދަށް ލިބުނު އެ ފުރުސަތަކީ ރާއްޖޭގެ އިންޑިވިޖުއަލް އެތުލީޓުންނަށް ކުޅިވަރުގެ މަތީ ފަޑިން ފަހި ފުރުސަތުތައް އޮތްކަން ސާބިތުވިކަމެވެ.

މަރޭ ހިސާބުތައް ޖަހާފައިވާ ޓިޝޫ ކަރުދާސްތަކެއް.

މަރޭ ހިސާބުތައް ޖަހާފައިވާ ޓިޝޫ ކަރުދާސްތަކެއް.

އޭގެ ނަތީޖާ ވެސް ފޮންޏެވެ. ރިޓަޔާކުރަން ތައްޔާރުގައި ހުރި މުއީނާ އެ ލިބުނު ފުރުސަތާ އެކު އަލުން ކުރިއަށްދާން ނިންމައި ޖެހިގެން އައި 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރިހި މެޑަލް ހޯދި އެވެ. އެ ފަހަރު ރާއްޖޭން ޖުމްލަ ތިން މެޑަލް ހޯދި އެވެ.

އެއްކަލަ ޓިޝޫ ކަރުދާސްކޮޅުގެ ވާހަކަ ފުރަތަމަ އައީ އެ ހިސާބުންނެވެ. ލިބުނު ފުރުސަތާ އެކު، އެތުލީޓުން ހޯދި ކުރިއެރުން ފެނި މަރޭ އަށް ވިސްނުނީ ރާއްޖޭގެ އެތުލީޓުންނަށް މިއަށް ވުރެ ވެސް ދުރަށް ދެވިދާނެ ކަމަށެވެ. އެހެންވެ ހިސާބުތަކެއް ޖަހައި 2015 ވަނަ އަހަރުގެ ގޭމްސް އިން 10 މެޑަލް ހޯދާނެ ކަމަށް ލިޔުނެވެ. ޓިޝޫ ކަރުދާސްކޮޅެއްގަ އެވެ.

އެކަމަށްޓަކައި އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ އާއި ސަރުކާރާއި ކުޅިވަރު އެސޯސިއޭޝަންތަކާއި އަދި ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީހޯދައި ޕްލޭންތަކެއް ހެދި އެވެ. އެތުލީޓުންނަށް ކުރިއަށް ވުރެ ފުރިހަމަ، ދިގު މުއްދަތުގެ ތަމްރީން ސްކޮލާޝިޕްތަކެއް ހޯދައިދިނެވެ. ނަތީޖާއަކަށްވީ އެ ގޭމްސްގައި އެ އަމާޒަށް ގާތްގަނޑަކަށް ވާސިލްވުމެވެ. ރާއްޖޭން 10 މެޑެއްޔަށް އަމާޒު ހިފައި ނުވަ މެޑަލް ހޯދި އެވެ. ޓޭބަލް ޓެނިހުގެ ފަހު އިވެންޓުން މުއީނާ މުހައްމަދު މެޑަލް ހޯދި ނަމަ އަމާޒަށް ވާސިލްވެވުނީހެވެ. އެ އިވެންޓަށް ފަހު މަރޭ ވަރަށް ބޮޑަށް ރުޔެވެ. މީގެ އިތުރުން ހަސަން ސާއިދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދިނެވެ.

އެ ހިސާބުން މަރޭ އަނެއްކާ ވެސް ޓިޝޫއެއް ނަގައި ހިސާބުތައް ޖަހައި މި އަހަރުގެ ގޭމްސްގައި 15 މެޑަލް ހޯދާނެ ކަމަށް ނޯޓްކުރި އެވެ. އެނބުރި އައިއިރު ބޯޓުމަތިން ނޫސްވެރިންނަށް ދައްކާލެއްވީ އެ ޓިޝޫ އެވެ. އެ އަދަދަށް މެޑަލް ހޯދާނެ ކަމަށް އޭނާ އަންދާޒާކުރީ، އޭނާ ވިދާޅުވި ގޮތުގައި 24 ގަޑިއިރު، އެތުލީޓުންނާ މެދު ވިސްނާ ވިސްނުންތަކުންނެވެ.

"އަޅުގަނޑު ހަމައެކަނި ރާއްޖޭގެ އެތުލީޓުގެ ޓައިމިންތަކާއި ކުޅުންތެރިންގެ ޕާފޯމަންސާ މެދަކު ނޫން ވިސްނަނީ. އެ ކުޅުންތެރިން، އެ އެތުލީޓުން ވާދަކުރަން ބޭރުގެ ޖެހޭ ކުޅުންތެރިންގެ ޕާފޯމަންސް ހުރި ގޮތްތައް ވެސް ބަލަމުން އަންނަނީ،" މަރޭ ވިދާޅުވި އެވެ.

މި އަހަރުގެ ގޭމްސްގައި ހާފް މެރެތަން އޮންނާނެތީ، އެ އިވެންޓުން މެޑަލް ހޯދިދާނެ ކަމަށް ބެލެވި މަރޭ ވަނީ 2015 ވަނަ އަހަރު ރިޔޫނިއަން އައިލެންޑްސް އިން އެނބުރި އައި ގޮތަށް ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިންނާ ބައްދަލުކޮށް އެކަމަށް މަސައްކަތްކުރަން އެދިފަ އެވެ.

2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު (ކ) ރަން މެޑަލް ހޯދުމުން މަރޭ އޭނާއާ އެކު. --ފޮޓޯ: އެމްއޯސީ މީޑިއާ

2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު (ކ) ރަން މެޑަލް ހޯދުމުން މަރޭ އޭނާއާ އެކު. --ފޮޓޯ: އެމްއޯސީ މީޑިއާ

ހަގީގަތަކީ ކުރެހިފައިވާ ޕްލޭނެއްގެ ދަށުން ގޭމްސްތަކުގައި ބައިވެރިވުމާއި ރޭވިފައިވާ ތަމްރީން ފުރުސަތުތައް އެތުލީޓުންނަށް ދޭން ފެށި 2009 ވަނަ އަހަރު އިންތިހާބުވި އޮލިމްޕިކް ކޮމިޓީއާ އެކު ކަމެވެ. އެ ކޮމިޓީގެ ފަރާތުން އެ މަސައްކަތުގެ އާރުކާޓީ އަކީ މަރޭ އެވެ. އެކަމުގައި ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުކުރުމަށާއި ރާއްޖޭގައި އަންހެން ކުޅިވަރު ޕްރޮމޯޓްކުރުމުގެ ގޮތުން 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް އަންހެން ފުޓްބޯޅަ ޓީމާއި ހޭންޑްބޯޅަ ޓީމު ފޮނުވުމުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ކަމަށެވެ. ހާއްސަކޮށް ބޮޑެތި ނަތީޖާތަކުން ބަލިވުމުންނެވެ.

"އެކަމަކު ސުވާލަކީ ފިރިހެން ޓީމު ކޮޅަށް 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރިޔޫނިއަން އިން ނުވަ ގޯލް ނުޖެހި ނަމަ ނުވަތަ 1997 ގައި އީރާނުން 17 ގޯލް ނުޖެހި ނަމަ ފިރިހެން ޓީމު މިއަދު އޮތް ހިސާބަށް އަންނާނެހޭ؟،" މަރޭ ވިދާޅުވި އެވެ.

އެފަދަ ވިސްނުންތަކާއި ޕްލޭންތައް އޭނާ ގަނޑަށް ތިރިކުރަނީ އޭނާގެ ބައްޕަ އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ރެފްރީ މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ދެއްވި ނަސޭހަތަކުންނެވެ. ޖޯޖް ވިދާޅުވެފައިވަނީ ސިކުނޑީގައި ހުންނާނީ ހުވަފެންތަކޭ އަސްލު އޮންނާނީ ލިޔެފައި ކަމަށެވެ. ދެން ސުވާލަކީ އެ ހުރިހާ ހުވަފެންތަކެއް ޓިޝޫ ކަރުދާސްކޮޅަކަށް ތިލަކުރަނީ ކީއްވެ ހެއްޔެވެ؟

"ގޭގައި ކާން އިންނައިރު، ނޫނީ ދަތުރެއްގެ މަތީގައި އުޅޭއިރު މިފަދަ ހިޔާލާއި ފިކުރުތައް އަންނަނީ. އެހެންވެ ވަގުތުން އެންމެ ފަސޭހައިން އަތުޖެހެން އޮންނަ އެއްޗަކަށް ޓިޝޫ ކަރުދާސްކޮޅެއްގައި ލިޔެލަނީ،" މަރޭ ވިދާޅުވި އެވެ.

އެނގޭ ކަމަކީ މިހާތަނަށް އެ ޓިޝޫތައް ބޮނޑިކޮށްލާފައި އެއްލާލަން ނުޖެހޭ ކަމެކެވެ. ފަހަށް ރައްކާކޮށްފައި ބަހައްޓަން ޖެހޭ ވަރަށް، އެ ޓިޝޫގައި ލިޔެފައިވާ ވާހަކަތައް ސީދާވާކަމެވެ. އޭނާ މީގެ ހަތަރު އަހަރު ކުރިން ޓިޝޫގައި ލިޔުނު ވާހަކަތަކާއި ކުރެހި ޕްލޭންތައް ސީދާވާނެކަން އެނގެން ދެން މާ ދުވަހެއް ނެތެވެ.