Roadha Mihaaru
ވިކްޓަރީން ވެލެންސިއާ ހިފަހައްޓައިފި

ވިކްޓަރީން ވެލެންސިއާ ހިފަހައްޓައިފި

27 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ ލީޑު ނަގާފައިވަނިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 1-1 އިން މެޗު އެއްވަރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ ލީޑު ނަގާފައިވަނިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 1-1 އިން މެޗު އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ވެލެންސިއާ 20 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު، އެ ޓީމު މިރޭ މޮޅުވި ނަމަވެސް ހަތަރު ވަނައިގައި ހަމަޖެހިލެވުނީހެވެ. ފަސް ވަނައިގައި އޮތް ޔުުނައިޓެޑް ވިކްޓަރީ އޮތީ ދެ ޕޮއިންޓް ފަރަގެއްގަ އެވެ. ވިކްޓަރީ 10 ޕޮއިންޓް ހަމަކޮށްފައިވާއިރު އެ ޓީމު އަދިވެސް އޮތީ ހަތް ވަނައިގަ އެވެ. އެ ޓީމުގެ ފަހަތުގައި އޮތް ބީޖީ ސްޕޯޓްސް އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

މިރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލީޑު ނަގައިފަ އެވެ. މެދުތެރެއިން މުހައްމަދު އާރިފް (ބަކާ) ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލަށް ވައްދާލީ ހަސަން އަދުހަމް (ސަޑޭ) އެވެ.

ފުރަތަމަ ހާފުގެ 30 ވަނަ މިނެޓާ ހަމައިން ދަނޑުގެ އިރު ދެކުނު ފަރާތު ބޮކި ދަނޑު ދަނޑު ނިވުނު ނަމަވެސް ރެފްރީ ވަނީ ކުޅުން ކުރިއަށް ގެންގޮސްފަ އެވެ. ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) އެކަމާ ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ. އެކަމަކު ޓެކްނިކަލް މައްސަލަ ހައްލުކޮށް، ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި އެ ބޮކި ދަނޑި ވަނީ ދިއްލައިފަ އެވެ.

ވިކްޓަރީގެ ޝިމޯނޯ (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ ޖެރާޑް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ޝިމޯނޯ (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ ޖެރާޑް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ވެލެންސިއާ އިން ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. ހަންސީ އަވީލޯ އަރިމަތިން ނެގި ހުރަސް ވިކްޓަރީގެ ކީޕަރު އަތު ނުޖެހި، ހުސްކޮށް ހުރި ވެލެންސިއާގެ ސަޑޭ އަށް ލިބެން ދިޔަ ނަމަވެސް އެ ބޯޅަ ވިކްޓަރީގެ ޑިފެންޑަރަކު ވަނީ އޭގެ ކުރިން -ސާފުކޮށްލައިފަ އެވެ.

ވިކްޓަރީން އެއްވަރުކުރީ 63 ވަނަ މިނެޓުގައި ހަސަން ފައިރޫޒް (ލަކީ) ޖެހި ލަނޑުންނެވެ. ކައުންޓާ އެޓޭކެއްގައި ވިކްޓަރީގެ އޮމަޑޫ ގޮޑްފްރޭ ވެސްޓް، ވެލެންސިއާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ލަކީ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ވެލެންސިއާ އިން އަލުން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެގޮތުން އަކްރަމް އަބްދުލްގަނީ އޭރިއާ ތެރެއަށް ނެގި ހުރަސް އެންހެލް މުނޯޒް ބޮލުން ޖެހުމުން ގޯލް މަތިން ދިޔައިރު އަހުމަދު ވިޝާމް (ޖެރާޑް) ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު ތޮލާލް ހަސަން ވަނީ ޕަންޗުކޮށްފަ އެވެ. އެ ބޯޅަ އެންހެލް އަށް ލިބި އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މި މެޗާ އެކު ލީގުގެ ކުޅުން ވަނީ ގައުމީ ޓީމަށް ވަގުތު ދިނުމަށް މެދުކަނޑާލައިފަ އެވެ. އަލުން ކުޅުން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.