Roadha Mihaaru
ނިއު އާއި ވެލެންސިއާ ސަލާމަތްވެ ވިކްޓަރީ ރެލިގޭޝަނަށް

ނިއު އާއި ވެލެންސިއާ ސަލާމަތްވެ ވިކްޓަރީ ރެލިގޭޝަނަށް

21 އޮކްޓޯބަރ 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް އަތުން 1-0 އިން ބަލިވެ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލީގުގެ ގަދަ ހައެއްގެ ފުރުސަތު ގެއްލި ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހުނުއިރު ނިއު ރޭޑިއަންޓާއި ވެލެންސިއާ ސަލާމަތްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް އަތުން 1-0 އިން ބަލިވެ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލީގުގެ ގަދަ ހައެއްގެ ފުރުސަތު ގެއްލި ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހުނުއިރު ނިއު ރޭޑިއަންޓާއި ވެލެންސިއާ ސަލާމަތްވެއްޖެ އެވެ.

މިއީ ވިކްޓަރީގެ 44 އަހަރުވީ ތާރީހުގައި އެ ޓީމު ރެލިގޭޝަނުގައި ކުޅެން ޖެހުނު ތިން ވަނަ ފަހަރެވެ. ނުވަދިހަ ފަހެއްގައި އަދި 2013 ވަނަ އަހަރު ރެލިގޭޝަނުގައި ކުޅެ އެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްނުވެ ސަލާމަތްވެފަ އެވެ. ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމުގެ މެދުގައި ކުރިން ރެލިގޭޝަން ކުޅުނު ނަމަވެސް އާ އުސޫލުގެ ދަށުން ވިކްޓަރީ ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާ އެކު ޕްލޭއޮފް ދެ މެޗެވެ. ދެ ލެގުގެ އުސޫލުން ކުޅޭ މި މެޗުން ބަލިވާ ޓީމެއް ރެލިގޭޓްވާއިރު މޮޅުވާ ޓީމަކަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

މި މެޗުން ބަލިވުމާ އެކު ވިކްޓަރީ އަށް ގަދަ ހައެއްގެ ޖާގަ ނުލިބޭނެކަން ކަށަވަރުވީ އެ ޓީމަށް ދެން މެޗެއް ނެތުމާ އެކު، ވެލެންސިއާ އާއި ނިއުއާ ހަމަކުރެވޭނެ ގޮތެއް ނެތުމުންނެވެ. މިއަދު ވިކްޓަރީ މޮޅުވި ނިއު އާއި ވެލެންސިއާ އަށް ޕްރެޝަރު ބޮޑުވާނެ އެވެ. ނިއު މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭއިރު ވެލެންސިއާ މާދަމާ ހަވީރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ވިކްޓަރީ މިއަދު މޮޅުވި ނަމަވެސް ނިއު އާއި ވެލެންސިއާ ކުޅެން ޖެހޭ މެޗުތަކުން ތިން ޕޮއިންޓް ހޯދައިފި ނަމަ ނަމަ އެ ދެ ޓީމަށް ގަދަ ހައެއް ކަށަވަރުވާނެ އެވެ. އެކަމަކު ވިކްޓަރީ ބަލިވުމާ އެކު ނިއު އާއި ވެލެންސިއާ އަށް ވަނީ މެޗުގެ ކުރިން ގަދަ ހައެއް ކަށަވަރުވެފަ އެވެ.

ނިއު އާއި ވެލެންސިއާ އަށް ވެސް 20 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތީ ވެލެންސިއާ އެވެ. ނިއު ހަ ވަނައިގައި އޮތްއިރު ވިކްޓަރީ ހަތް ވަނައިގައި ލީގު ނިންމާލީ 19 ޕޮއިންޓާ އެކު އެވެ. އަދި ލީގުގެ ފުލަށް ގޮސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާ ބީޖީ އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

ވިކްޓަރީގެ ކޯޗު ކިސް މާޔޫސްވެފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ކޯޗު ކިސް މާޔޫސްވެފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަންގޭރީގެ ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުން ލީގުގެ ފަހު ބުރުގައި ރަނގަޅު ފޯމެއްގައި ވިކްޓަރީ އޮތް ނަމަވެސް މިއަދުގެ މެޗުގައި އެ ޓީމުގެ ފަރާތުން އެެދެވޭ ކުޅުމެއް ނުފެނުނެވެ. ގަދަ ހައެއްގެ ފުރުސަތު ބޮޑުކުރުމަށް ވިކްޓަރީ މޮޅުވާން މަޖުބޫރު ވެފައި އޮތް ނަމަވެސް، އެ ޓީމަށް ވުރެ މޮޅަށް ކުޅުނީ މިއަދުގެ މެޗުގެ އެއްވެސް މުހިއްމު ކަމެއް ނެތް ބީޖީ އެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް ވެސް އުފެއްދީ ބީޖީންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ބީޖީން ނުރައްކާތެރި ދެ ހަމަލައެއް ފޮނުވާލި އެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުގެ ކިންގްސްލީ އެލެޗޭ ފޮނުވާލި ހަމަލާ ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް މަތަކުރިއިރު 25 ވަނަ މިނެޓުގައި އިބްރާހިމް އުސާމް ފޮނުވާލި ބާރު ހަމަލާ ވެސް ސަލާމަތްކުރީ މެޗުގައި މުހިއްމު ސޭވްތަކެއް ކުރި އިފްރާހެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅުނީ ބީޖީންނެވެ. އެގޮތުން 50 ވަނަ މިނެޓުގައި އެ ޓީމުން ވިކްޓަރީ އަށް އަނެއްކާ ވެސް ނުރައްކާކުރި އެވެ. މި ފަހަރު އުސާމް ފޮނުވާލި ބޯޅައިގެ ހުރަކަށްވީ ގޯލް ދަނޑި އެވެ. އޭގެ އަށް މިނެޓު ފަހުން ގޯލް ކުރިމަތީ އެކަނިމާއެކަނި ހުރެ އުސާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިންނެވެ.

ބީޖީގެ އަތުގައި ކޮންޓްރޯލް އޮތުމާ އެކު ވިކްޓަރީން މަސައްކަތްކުރީ ކައުންޓާ އެޓޭކުގައި ގޯލެއް ޖަހާށެވެ. އެ މަސައްކަތް 66 ވަނަ މިނެޓުގައި ކާމިޔާބުނުވެ ދިޔައީ ކިރިޔާ އެވެ. ވިކްޓަރީގެ އޮމަޑޫ ގޮޑްފްރޭ ވެސްޓް އަރިމަތިން ކުރިއަށް އަށް އަރައި ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލް ކުރިމަތީ މުޅިން ހުހަށް އެކަނިމާއެކަނި ހުރި މުހައްމަދު ރިސްވާނުގެ ފައިގައި ލައްވާނުލި އެވެ.

ވިކްޓަރީގެ ރިސްވާން (ކ) އަތުން ބޯޅަ ހޯދަން ބީޖީގެ ކެޕްޓަން ސާބިގް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ރިސްވާން (ކ) އަތުން ބޯޅަ ހޯދަން ބީޖީގެ ކެޕްޓަން ސާބިގް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެން ފެނިގެން ދިޔައީ އަނެއްކާ ވެސް ބީޖީގެ އެޓޭކްތަކެެވެ. އެގޮތުން 73 ވަނަ މިނެޓުގައި އެ ޓީމުގެ ކިންގްސްލީ ފޮނުވާލި ހަމަލައެއް އިފްރާހު މަތަކުރި ނަމަވެސް އޭގެ މިނެޓެއް ފަހުން ބީޖީގެ ހަމަލާ ކާމިޔާބުކޮށް ލީޑު ނެގި އެވެ. މި ގޯލް ކިންގްސްލީ ޖެހީ، މުޅި މެޗުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ރަޝީދު އަބޫބަކުރު، ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު ކުރިއަށް ޖައްސާލި ބޯޅައަކަށް އަރަ އެވެ.

ބީޖީގެ ގޯލަށް ފަހު ވިކްޓަރީން ވަރަށް ބޮޑަށް ކުރިއަށް ޖެހި ހަމަލާތައް އުފައްދަން މަސައްކަތްކުރި އެވެ. އެކަމަކުގައި ޕްރެޝަރުގައި އޮތް ވިކްޓަރީ އަށް ބީޖީގެ ގޯލްކީޕަރު ހަނީފް ސާގިބް ހާސްކޮށްލެވޭ ވަރުގެ ހަމަލައެއް ފޮނުވާނުލެވުނެވެ.

ޕްލޭއޮފުގައި ވިކްޓަރީ ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގައި ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ޒެފްރޯލާއި ގްރީންސްޓްރީޓް ކުޅެ ބަލިވާ ޓީމަކާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުވާނެ އެވެ.