Roadha Mihaaru
24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ފަރާތަކުން އެދެފި

މާލޭގައި 24 ގަޑި އިރު ފިހާރަ އާއި ރެސްޓޯރެންޓް ހިންގަން ހަ ތަނަކުން އެދެފި

28 ފެބުރުއަރީ 2019

މާލޭގައި 24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ތަނަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގައި 24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ތަނަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރާ މަރިޔަމް ވިސާމް ވިދާޅުވީ 24 ގަޑި އިރު ފިހާރަތަކާއި ރެސްޓޯރެންޓް ހިންގަން ހުށައެޅި ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިސާމް ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް އަންނަ ހަފްތާގެ ތެރޭގައި ހުއްދަ ދެވޭވަރުވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ 24 ގަޑި އިރު ވިޔަފާރި ހިންގޭނެ ތަންތަން ހުންނަން ޖެހޭ މަގުތައް ހާމަކޮށްފަ އެވެ. އެގޮތުން މާލޭގެ ބޮޑެތި މަގުތަކުގައި ފިހާރަތައް ހުޅުވުމުގެ ފުރުސަތު އެބަ އޮތެވެ.

ސަރަހައްދުތަކުގެ އިތުރުން ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް ހުއްދަ ދިނުމުގައި ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައެޅިފަ އެވެ.

24 ގަޑިއިރު ހިންގަން ހުއްދަ ދޭ ބައެއް ޝަރުތުތައް

- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން

- 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން

- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން

- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން

އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.

ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފްވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.