Roadha Mihaaru
24ގަޑިއިރަށް ހުއްދަދޭނީ ބޮޑެތި މަގުތަކުގެ ފިހާރަތަކަށް

މާލޭގައި 24 ގަޑިއިރަށް ހުއްދަދޭނީ ބޮޑެތި މަގުތަކުގައި ހުންނަ ފިހާރަތަކަށް

09 ޖެނުއަރީ 2019

މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ހުންނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް 24 ގަޑި އިރު ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ހުންނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް 24 ގަޑި އިރު ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފު ވިދާޅުވީ، 24 ގަޑި އިރު ފިހާރަތަކާއި ރެސްޓޯރެންޓްތައް ހިންގުމަށްޓަކައި ސަރަހައްދުތައް ކަނޑައަޅާ އެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ފޮނުވާ ސަރަހައްދުތައް ފައިނަލް ކުރާނީ އެ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ، މާލޭގައި ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް ހުއްދަ ދިނުމުގައި ބަލާފައިވަނީ ފުލުހުންނަށް ފަސޭހަ އިން ޕެޓްރޯލް ކުރެވޭނެ ސަރަހައްދުތައް ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅުމުގައި ފުލުހުންގެ މަޝްވަރާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެއްވެސް ހަނި ގޯޅިއެއް ނުހިމެނޭނެ ކަމަށާއި މަޖީދީ މަގާއި ސޯސަން މަގު ފަދަ ބޮޑެތި މަގުތަކުގައި ހުންނަ ތަންތަނަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރުން އަތޮޅުތަކުގެ ކައުންސިލްތަކަށް ވެސް 24 ގަޑި އިރު ހިންގާނެ ތަންތަން ހުންނާނެ ސަރަހައްދުތައް ކަނޑައެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. އެމިނިސްޓްރީން ބުނީ އެ މައުލޫމާތުތައް ލިބޭ މިންވަރަކުން ގެޒެޓް ކުރަމުންދާނެ ކަމަށެވެ.

ސަރަހައްދުތަކުގެ އިތުރުން ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް ހުއްދަ ދިނުމުގައި ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައެޅިފަ އެވެ.

24 ގަޑިއިރު ހިންގަން ހުއްދަ ދޭ ބައެއް ޝަރުތުތައް

- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން

- 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން

- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން

- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން

އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.

ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފްވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.