Roadha Mihaaru
ކެނެޑާގެ ޖަންގަލީ ދުންތަކުން ސިއްހީ ބޮޑު ނުރައްކަލެއް

ކެނެޑާގެ ޖަންގަލީ ދުންތަކުން ސިއްހީ ބޮޑު ނުރައްކަލެއް

07 ޖޫން 2023

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެ އަދަމުންދާ އަލިފާންގަނޑުތަކުން އުތުރު އެމެރިކާ ސަރަހައްދަށް ފެތުރިފައިވާ ބޯ ދުމުގެ ސަބަބުން، އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، އެ ސަރަހައްދުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އިއްޔެ އަންގައިފި އެވެ.

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެ އަދަމުންދާ އަލިފާންގަނޑުތަކުން އުތުރު އެމެރިކާ ސަރަހައްދަށް ފެތުރިފައިވާ ބޯ ދުމުގެ ސަބަބުން، އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، އެ ސަރަހައްދުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އިއްޔެ އަންގައިފި އެވެ.

ކެނެޑާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންގަނޑުތަކުގެ ދުންތައް، ކެނެޑާގެ ބޮޑެތި ހުރިހާ ސަހަރުތަކަށް ވަނީ ފެތުރިފަ އެވެ. އޭގެ ތެރޭގައި އޮންޓާރިއޯ، ކިއުބެކް އަދި ޓޮރޮންޓޯ އާއި އެ ސަހަރުތަކުގެ ވަށައިގެންވާ ސަރަހައްދުތައް ހިމެނެ އެވެ.

ކެނެޑާގައި މިހާރު އެންމެ ގަދައަށް ދުން އަރަމުން ދަނީ ކިއުބެކްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުތަކުންނެވެ. އެ ޖަންގަލީގައި 160 އަލިފާންގަނޑު އަނދަމުންދާއިރު، އަވައްޓެރި އެމެރިކާގެ ނިއު ޔޯކް އާއި ކަނެކްޓިކަޓްގައި ވެސް ވަނީ ވަރަށް ބޮޑަށް ދުން ފެތުރިފަ އެވެ. އެހެންކަމުން އެ ސަހަރުތަކުގެ ވައި ވެސް މިހާރު ހުރީ ސިއްހީ ގޮތުން ރައްކާތެރި ނޫން މިންވަރަކަށް ދުމުން ތަޣައްޔަރުވެފައި ކަމަށް އެ ސްޓޭޓްތަކުން ވަނީ އިއުލާންކޮށްފަ އެވެ.

ކެނެޑާގެ އޮޓާވާ ސްޓޭޓްގައި އިއްޔެ އާދަޔާ ޚިލާފަށް ދުން ބޯވުމުގެ ސަބަބުން، އެ ސަހަރުގެ ވައި ހުރީ އިންސާނުންގެ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައި ކަމަށް ކެނެޑާ ސަރުކާރުން އިއްޔެ އިއުލާންކުރި އެވެ. އަދި ޓޮރޮންޓޯ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ވައި ހުރީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައި ކަމަށް ވެސް އިއުލާންކުރި އެވެ.

އޭގެ އިތުރުން އެމެރިކާގެ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން އިއްޔެ ވަނީ، އެ ގައުމުގެ އިރު އުތުރު ސަރަހައްދުގެ ވައި ހުރީ ޞިއްޙީ ގޮތުން ރަނގަޅު ނޫން މިންވަރަކަށް ތަޣައްޔަރުވެފައި ކަމަށް ދަރަޖަކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އަންގައިފަ އެވެ. ޚާއްސަ ގޮތެއްގައި، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އުޅުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކެނެޑާގައި އަނދަމުންދާ އަލިފާންގަނޑުތަކުން އަރާ ދުންތައް، އެމެރިކާގެ އިރުމަތީ ބިތުގެ ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފަ އެވެ. އެ ގޮތުން ނިއު ޔޯކް އާއި ވޮޝިންޓަން ޑީސީ އަދި ޕިޓްސްބާގް އަށް ވެސް ދުންގަނޑު ފެތުރިފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

ޕެންސެލްވީނިއާގެ އިރުމަތީ ސަރަހައްދާއި ނިއު ޔޯކް އާއި ނިއު އިންގްލެންޑްގައި ދުމުގެ އަސަރު ހުރީ އިންސާނުންގެ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ކަސްރަތަށް ހިނގުމަށާއި ދުވަން ނުނުކުތުމަށާއި ބޭރަށް ނުކުމެ އުޅުން ވީ ވަރަކުން މަދުކުރުމަށް ވަނީ އަންގައިފަ އެވެ.

މިއީ ހޫނު މޫސުން ކަމަށް ވިޔަސް، އެހެން އަހަރުތަކުގެ ހޫނު މޫސުމުގައި ޖަންގަލިތަކުގައި ރޯވެ އަނދާ މިންވަރަށް ވުރެ މިހާރު އަނދަމުންދާ މިންވަރު ބޮޑު ކަމަށް ކެނެޑާ ސަރުކާރުން ބުނެ އެވެ. މިހާރު ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން، މިއަހަރުގެ ތެރޭގައި މިހާތަނަށް 3.3 މިލިއަން ހެކްޓަރުގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ އަނދައިފަ އެވެ.

މިއީ، މިދިޔަ 10 އަހަރުގެ ތެރޭގައި އެވްރެޖް ގޮތެއްގައި ކޮންމެ އަހަރެއްގެ މި ދުވަސްވަރު އަނދައިގެންދާ ވަރަށް ވުރެ 12 ގުނަ އިތުރު މިންވަރެއް ކަމަށް ކެނެޑާ ސަރުކާރުން ބުނެ އެވެ. ހަމައެކަނި ކިއުބެކުން އެކަނިވެސް 200000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދައިފަ އެވެ.