Roadha Mihaaru
ރެއާލުން ބޭނުންވަނީ ޒިދާން ނޫނީ މޮރީނިއޯ: ކަލްޑެރޯން

ރެއާލުން ބޭނުންވަނީ ޒިދާން ނޫނީ މޮރީނިއޯ: ކަލްޑެރޯން

07 މާޗް 2019

މެޑްރިޑް (މާޗް 7) - އަންނަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗަކަށް ގެންނަން މިހާރު އެ ކްލަބުން ބޭނުންވަނީ އެ ޓީމަށް ކުރިން އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ ޒިނެދިން ޒިދާން ނޫނީ ހޯސޭ މޮރީނިއޯ ތެރެއިން ކޯޗެއް ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މާޗް 7) - އަންނަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗަކަށް ގެންނަން މިހާރު އެ ކްލަބުން ބޭނުންވަނީ އެ ޓީމަށް ކުރިން އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ ޒިނެދިން ޒިދާން ނޫނީ ހޯސޭ މޮރީނިއޯ ތެރެއިން ކޯޗެއް ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ވިދާޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ނެދަލެންޑްސްގެ އަޔަކްސް އަތުން ބަލިވެ ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ރެއާލް މުބާރާތުން ކަޓާފައިވާއިރު، އެ ނަތީޖާއާ އެކު އެ ޓީމުގެ މިހާރުގެ ކޯޗު ސަންޓިއާގޯ ސޮލާރީ އަށް މަގާމުގައި ދެމިނުހުރެވޭނެ ކަމަށް ގިނަ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރެެއާލަށް މި ސީޒަނުގައި ތަށްޓެއް ހޯދުމުގެ ފުރުސަތު ކުޑައިރު، ސޮލާރީ ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ލީގަށް ވާދަކުރާނެ ކަމަށް ބުނެފަ އެވެ.

"އަަހަންނަށް އެނގޭ މިއަދު ހެދުނު ރެއާލްގެ ރައީސް (ފްލޮރެންޓީނޯ ޕެރޭޒް) ޒިދާނަށް އަލުން އެ ޓީމާ ހަވާލުވާން ގުޅިކަން. އަދި އަންނަ ޖޫން މަހު އަލުން ޓީމަށް އެނބުރި އަންނަން ޒިދާނަށް އޮތީ ފުރުސަތު ދީފައި،" އިއްޔެ ބީބީސީ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ކަލްޑެރޯން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މެއި މަހު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު ޒިދާން ވަނީ ކުއްލިގޮތަކަށް ރެއާލުން ވަކިވެފަ އެވެ. ޒިދާން އެ ޓީމު ދޫކޮށްލި ސަބަބަކާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް މީޑިއާގައި ދެކެވޭއިރު، ގިނަ ރިޕޯޓްތައް ބުނާގޮތުން ޒިދާން އެންމެ ހިތްހަމަނުޖެހުނު އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމުމާއި ކްލަބްގައި އޭނާ ބޭނުންވާ ފަދަ ޕްލޭނެއް ނެތުމުންނެވެ.

ކަލްޑެރޯން ވިދާޅުވީ މި ވަގުތު ރެއާލް ބޯޑުގެ ވިސްނުން ޒިދާނާއި މޮރީނިއޯއާ ޓީމު ހަވާލުކުރަން ހުރި، އޭނާގެ ނަޒަރުގައި ހަމައެކަނި ވިސްނަންވީ ކުރިން ހުރި ކޯޗުންގެ ތެރެއިން ޒިދާނަށް ކަމަށެވެ.

"ރެއާލުގެ ރައީސަށް އަބަދުވެސް ފުރަތަމަ އޮޕްޝަނަކީ މޮރީނިއޯ. އެކަމަކު އަހަރެންގެ ނަޒަރުގައި ހަމައެކަނި ވިސްނަންވީ ޒިދާނަށް. އެއީ މޮރީނިއޯ އަކީ މުޅިން ތަފާތު ވިސްނުމެއްގެ ކޯޗެއް. ރެއާލަށް ބޭނުންވަނީ މޮރީނިއޯގެ ޓެކްޓިކްސްއާ މުޅިން ތަފާތު ސްޓައިލެއް. ކުރިން ހުރި ކޯޗުންގެ ތެރެއިން ޒިދާނަށް އެކަނި އެ ސްޓައިލް ގެނެވޭނީ،" ކަލްޑެރޯން ވިދާޅުވި އެވެ.

ދާދި ފަހުން މޮރީނިއޯ ވަނީ އަލުން ރެއާލާ ހަވާލުވެދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. މޮރީނިއޯ ބުނީ އޭނާ ކުރިން ހަވާލުވެ ހުރި ޓީމަކަށް ދިއުމަކީ މީގެ ކުރިން ވެސް ކޮށްފައިވާ ކަމެއް ކަމަށާއި ރެއާލަކީ އަބަދުވެސް އޭނާ ޝައުގުވެރިވާނެ ކްލަބެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ހުށަހެޅުން ޒިދާން ގަބޫލެއް ނުކުރާނެ އެވެ. އެއީ ޒިދާންގެ ވިސްނުމުގައި ހުރީ އަންނަ ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއާ ހަވާލުވުމަށް ކަމަށްވާތީ އެވެ.

ޒިދާން ވަކިވުމުން ރެއާލުން އެންމެ ފުރަތަމަ ގެނައީ ސްޕެއިން ގައުމީ ޓީމުގެ ކޯޗަކަށް އޭރު ހުރި ޖޫލެން ލޮޕެޓީގް އެވެ. އޭނާގެ ކޯޗުކަމުގައި ރެއާލުގެ ނަތީޖާތަށް ދަށްވުމުން އޭނާ މަގާމުން ވަކިކުރި އެވެ. އޭގެ ފަހުން ވަގުތީ ކޯޗެއްގެ ގޮތުގައި ސޮލާރީއާ ޓީމު ހަވާލުކުރުމުން އެ މުއްދަތުގައި އޭނާ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެހެންވެ، ރެއާލުން އޭނާގެ އެއްބަސްވުން ދާއިމީ ކުރީ އެވެ. އެކަމަކު ފަހަކަށް އައިސް ސޮލާރީގެ އިރުޝާދުގެ ދަށުން ވެސް ރަނގަޅު ނަތީޖާ ނުނެރެވެ އެވެ.