Roadha Mihaaru
ޔުވެންޓަސް އިން ޒިދާން އަށް ބޮޑު ހުށަހެޅުމެއް: ރިޕޯޓް

ޔުވެންޓަސް އިން ޒިދާން އަށް ބޮޑު ހުށަހެޅުމެއް: ރިޕޯޓް

25 މާޗް 2021

ޓިއުރިން (މާޗް 25) - އަންނަ ސީޒަނަށް ޔުވެންޓަސް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމުގެ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ގެންނަން ބޮޑު ކޮންޓްރެކްޓެއް ހުށަހަޅަން ޔުވެންޓަސް އިން ތައްޔާރުވަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޓިއުރިން (މާޗް 25) - އަންނަ ސީޒަނަށް ޔުވެންޓަސް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމުގެ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ގެންނަން ބޮޑު ކޮންޓްރެކްޓެއް ހުށަހަޅަން ޔުވެންޓަސް އިން ތައްޔާރުވަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ސީޒަނުގައި ޔުވެންޓަސްއާ ހަވާލުވި ކުރީގެ މިޑްފީލްޑަރު އަދި މިހާރުގެ ކޯޗު އަންދްރެއާ ޕިރްލޯ އަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ވަނީ ނުނެރެވިފަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ލީގުގެ 16 ވަނައިގައި އޮތް ބެނެވެންޓޯ އަތުން އަމިއްލަ ދަނޑުގައި ޔުވެންޓަސް ބަލިވިއިރު، ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ހޯދަން ކުރާ މަސައްކަތުގައި ބޮޑު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ޔުވެންޓަސް އާއި ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ހާއްސަ އަމާޒެއްގައި ފާއިތުވި އަހަރުތަކުގައި ބޮޑު ހޭދައެއް ކުރަމުން އަންނަ ޔުވެންޓަސް ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް ކުއާޓާ ފައިނަލުގެ ކުރިން ކަޓައިފަ އެވެ. ޔުވެންޓަސް ބޯޑު މެމްބަރުންގެ އިތުބާރު ޕިރްލޯ އަށް ގެއްލެން ފެށީ އެ ހިސާބުން ކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ވިސްނުމަކީ އެ ޓީމަށް ކުރިން ކުޅުނު ޒިދާނަށް ބޮޑު މުސާރަ ލިބޭ ގޮތަށް ރަނގަޅު ކޮންޓްރެކްޓެއް ހުށަހެޅުމަށެވެ. ކްލަބް ލެވަލްގައި މި ވަގުތު އެންމެ މުސާރަ ބޮޑު ކޯޗަކަށް ހުރީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެވެ. އޭނާ އަށް އަހަރަކު 32 މިލިއަން ޔޫރޯ ލިބެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އޮތީ ޒިދާނަށް އަހަރަކު އެ އަށް ވުރެން ބޮޑު މުސާރައެއް ދޭން ތައްޔާރަށެވެ.

ރެއާލްގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ޒިދާން ހަވާލުވީ 2019 ވަނަ އަހަރުގެ މާޗް މަހު އެވެ. އޭރު ޒިދާން ވަނީ ރެއާލާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޒިދާން ވަނީ ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށާއި އޭނާ އަބަދުވެސް ހުންނަނީ ދިމާވާނެ ކޮންމެ ކަމަކަށް ތައްޔާރުވެގެން ކަމަށެވެ.

"އަހަރެން މީ މާ ދުރަށް ޕްލޭން ހަދާ މީހެއް ނޫން. މިސާލަކަށް އަހަރެން މިއަދު 10 އަހަރަށް ސޮއިކޮށްފައި މާދަމާ ވެސް ގޮސްފާނެ. ނޫނީ އެއް އަހަރަށް ކޮށްފައި 10 އަހަރަށް ވެސް މަޑުކޮށްފާނެ. އަހަރެންގެ މޮޓިވޭޝަނަކީ އަބަދުވެސް ކުރިއަށް އޮތް ޗެލެންޖް. ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާން މާ ގިނަ އިރެއްނުނަގާނެ،" އެންމެ ފަހުން ސެލްޓައާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.

ޔުވެންޓަސްގެ ނައިބު ރައީސް އަދި ކުރީގެ ކުޅުންތެރިޔާ ޕަވެލް ނެޑްވެޑް ވަނީ ޕިރްލޯ އާއި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގައި މަޑުކުރާނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ. އެކަމަކު ޔުވެންޓަސްގެ ބޯޑު މެމްބަރުންނާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެއީ މީޑިއާ އަށް ނެޑްވެޑް ދެއްކި ވާހަކަތަކެއް ކަމަށާއި ޕިރްލޯ ވަކިކުރުމުގެ މަޝްވަރާތައް ޔުވެންޓަސް އިން ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ޕިރްލޯ އަށް ޓީމުގެ ހާލަތު ބަދަލުނުކުރެވިއްޖެނަމަ އޭނާ ސީޒަން ނިމުމުގެ ކުރިން މަގާމުން ވަކިކޮށް އެސިސްޓަންޓް ކޯޗު އީގޯ ޓޫޑޯއާ ވަގުތީ ގޮތުން ޓީމު ހަވާލުކުރަން އެ ކްލަބުން ވިސްނާނެ އެވެ.