Roadha Mihaaru
ޒުވާން ގައުމީ ޓީމު ސްޓެލިއޯންއާ އެއްވަރުކޮށްފި

ޒުވާން ގައުމީ ޓީމު ފިލިޕީންސްގެ ސްޓެލިއޯންއާ އެއްވަރުކޮށްފި

07 މާޗް 2019

ސައުދީ އަރަބިއާގައި މި މަހު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ކުޅުނު މެޗުން ފިލިޕީންސްގެ ފުރަތަމަ ޑިވިޝަނުގެ ސްޓެލިއޯން ލެގޫނާ އެފްސީއާ އެއްވަރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސައުދީ އަރަބިއާގައި މި މަހު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ކުޅުނު މެޗުން ފިލިޕީންސްގެ ފުރަތަމަ ޑިވިޝަނުގެ ސްޓެލިއޯން ލެގޫނާ އެފްސީއާ އެއްވަރުކޮށްފި އެވެ.

ފިލިޕީންސްގެ ރިޒާލް މެމޯރިއަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ލީޑުނެގީ ވެސް ރާއްޖޭންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ވެސް ހިމެނުނު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އެވެ.

މި މެޗުގައި ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ހިމެނެނީ ޔާންގެ އިތުރުން ގޯލްކީޕަރު ހުސެން ޝަރީފް، އައްޒާމް އަބްދުﷲ (އެޑޫ)، ސައިފުﷲ އިބްރާހިމް، މުހައްމަދު ސާދު ނިޒާރު، އަލީ ޝަމާލް، އިބްރާހިމް އައިޝަމް، އިބްރާހިމް އަތީގް (އިއްބެ)، ހައިޝަމް ހަސަން، ހަސަން ރާއިފް (ހަންނަ) އަދި މުހައްމަދު ޖައިލަމް (އޮގީ) އެވެ.

ފުރަތަމަ ހާފުގައި ރާއްޖެ ކުރީގައި އޮވެގެން މެޗު ނިމުނުއިރު، ދެ ވަނަ ހާފުގައި ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖޭން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ސްޓެލިއޯން އިން މި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ.

ސްޓެލިއޯން ވެސް އަންނަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ޕްރީ ސީޒަނެއް މެޗުތަކެއް ކުޅެމުންނެވެ. މީގެ ކުރިން ރާއްޖޭގެ ސީނިއާ ޓީމު ވެސް ވަނީ ސްޓެލިއޯންއާ ދެކޮޅަށް ކުޅެފަ އެވެ.

ގައުމީ ޓީމަށް މި މެޗުގައި އިރުޝާދުދިނީ ހެޑް ކޯޗު ޕީޓަ ސެގާޓް އެވެ. އެކަމަކު މި ފަހަރުގެ ޒުވާން ޓީމު ލީޑުކުރުމުގައި އިސްކޮށް އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ހަރަކާތްތެރިވާނެ ކަމަށް ސެގާޓް ވަނީ މީގެ ކުރިން ބުނެފަ އެވެ. އެއީ ޓީމު އެކުލަވާލުމުގައި ވެސް ޝާކިއްޓެ އިސްކޮށް ހަރަކާތްތެރިވެފައިވާތީ އާއި ދިވެހި ކޯޗަކަށް އެންމެ މަތީ ފެންވަރުގެ މެޗުތަކުގައި ފެންވަރު ވަޒަންކޮށްލުމުގެ ފުރުސަތު ވެސް ދިނުމުގެ ގޮތުން ކަމަށް ބުންޏެވެ.

ތައިލެންޑުގައި އަންނަ އަހަރު އޮންނަ މުބާރާތަށް ކޮލިފައިވުމަށް މި މަހު ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން ދެ ވަނަ މެޗުގައި ޔޫއޭއީއާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗުގައި ލެބަނަންއާ ބައްދަލުކުރާނީ މި މަހު 24 ވަނަ ދުވަހު އެވެ.