Roadha Mihaaru
ފުރަތަމަ މެޗުން ސައުދީ އަތުން ޒުވާން ޓީމު ބަލިވެއްޖެ

ފުރަތަމަ މެޗުން ސައުދީ އަތުން ޒުވާން ގައުމީ ޓީމު ބަލިވެއްޖެ

23 މާޗް 2019

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރޭ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ސައުދީ އަރަބިއާ އަތުން 6-0 އިން ބަލިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރޭ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ސައުދީ އަރަބިއާ އަތުން 6-0 އިން ބަލިވެއްޖެ އެވެ.

މިއީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފުރަތަމަ ރަސްމީ މެޗުތަކެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ބައިވެރިނުވީ ސާފް ސުުޒުކީ ކަޕް އޮތުމުން ދެ މުބާރާތެއްގައި އެއް ޓީމަކަށް އެހާ ގާތްގާތުގައި ނުކުޅެވޭނެތީ އެވެ.

ސައުދީގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނެނީ ކީޕަރު ހުސެއިން ޝަރީފް (ހުސެން)، ކެޕްޓަން އައްޒާމް އަބްދުﷲ (އެޑޫ)، އައިޝަމް އިބްރާހިމް، ހައިޝަމް ހަސަން، އަލީ ޝަމާލް އަބްދުﷲ، މުހައްމަދު ސާދު ނިޒާރު، ސައިފުﷲ އިބްރާހިމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ޖައިލަމް (އޮގީ)، ރިހާމް އަބްދުލް ގަނީ (ބޮބީ) އަދި އަބްދުﷲ ޔާމީން (ޔާން) އެވެ.

މެޗު ފަށައިގެން ރާއްޖޭގެ ޓީމު ރަނގަޅު ޑިފެންސިވް ސިސްޓަމެއްގައި ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެން ފެށީ އެވެ. ސައުދީން މެދުތެރެއިން ޑޮމިނޭޓްކޮށްގެން އެޓޭކްކުރަން މަސައްކަތްކުރިއިރު، ރާއްޖޭގެ ކުޅުންތެރިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އަދި އެ ވަގުތު ތެރޭގައި ސައުދީން ކުރި އެޓޭކްތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ހުސެން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ސައުދީން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި އަބްދުލް ރަހުމާން ހާޝިމް ޖެހި ގޯލުންނެވެ. އެ ލަނޑު ޖެހުމާ އެކު ރާއްޖޭގެ ކުޅުންތެރިންގެ ސަމާލުކަން ގެއްލި ޖެހިގެން އައި މިނިޓްގައި ސައުދީން އިތުރު ލަނޑެއް ޖެހި އެވެ. މި ގޯލު ޖެހީ އަބްދުﷲ އަލްހަމްދާން އެވެ.

އެހާ ގާތްގާތުގައި ދެ ލަނޑު ވަނުމުން ރާއްޖެ އަށް އަލުން މެޗުގެ ތެރެއަށް އަންނަން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެހެން ނަމަވެސް ޔާން އާއި ހަންނަ އަދި އޮގީ އަށް ލިބޭ ބޯޅަތަކުގައި އެ ކުޅުންތެރިން އެޓޭކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ސައުދީ ޑިފެންސްލައިން ފަހަނައަޅައި ދެވޭގޮތެއްނުވެ އެވެ.

ދެ ވަނަ ހާފަށް ރާއްޖޭން ނުކުތީ ހަސަން ނަޒީމް (ޗޯޓު) ކުޅެން އަރުވައިގެންނެވެ. މި ހާފް ފަށައިގެން މެޗުގެ 49 ވަނަ މިނިޓްގައި ސައުދީން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ސައުދީގެ އަބްދުއްރަހުމާން ގަރީބް ޖެހި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ އައިޝަމް ފައިގައި ޖެހިފަ އެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ރާއްޖެ އަށް ލަނޑެއް ޖަހާން ރަނގަޅު ފުރުސަތެއް ލިބުނެވެ. ހުސްކޮށްލާފައި އޭރިއާތެރެއިން ޔާން އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ސައުދީ ކީޕަރު މުހައްމަދު އަލްޔަމީ ވަނީ މަތަކޮށްފަ އެވެ.

ސައުދީގެ ހަތަރު ވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަލްހަމްދާން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ހުސްކޮށް އަރައި ބޮލުންނެވެ. އަލްހަމްދާން ސައުދީގެ ފަސް ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސައުދީގެ ހަ ވަނަ ލަނޑު ޖެހީ އަލްހަމްދާން ދިން ބޯޅައަކުން އައިމަން އަލްހުލައިފް އެވެ.

ރާއްޖޭގެ ޓީމާ އެކު މި ފަހަރުގެ ކޮލިފައިން އަށް ސީނިއާ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ދިޔަ ނަމަވެސް ޓީމަށް އިރުޝާދުދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްްޓެ) އެވެ. ސެގާޓް އެ ނިންމުން ނިންމީ ދިވެހި ކޯޗުންނަށް އެންމެ މަތީ ލެވެލްގެ މެޗުތަކުގައި ކޯޗުކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި މިހާތަނަށް ކުރެވުނު މަސައްކަތުގައި ޝާކިއްޓެ އަށް ކުރެވޭ އިތުބާރު ބޮޑުކަމުންނެވެ.

ކޮލިފައިންގައި މި ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ޔޫއޭއީ ވަނީ 6-1 އިން ލެބަނަން ބަލިކޮށްފަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ ޔޫއޭއީއާ އެވެ.