Roadha Mihaaru
ފަހު މެޗުން ޒުވާން ޓީމު ލެބަނަން އަތުން ބަލިވެއްޖެ

ފަހު މެޗުން ޒުވާން ޓީމު ލެބަނަން އަތުން ބަލިވެއްޖެ

26 މާޗް 2019

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފަހު މެޗުން މިރޭ ލެބަނަންގެ ޒުވާން ޓީމު އަތުން 6-0 އިން ބަލިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފަހު މެޗުން މިރޭ ލެބަނަންގެ ޒުވާން ޓީމު އަތުން 6-0 އިން ބަލިވެއްޖެ އެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ލައްވާލީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ. ފުރަތަމަ މެޗުން މިދިޔަ ހުކުރު ދުވަހު ސައުދީ އަރަބިއާ އަތުން ބަލިވީ 6-0 އިންނެވެ. ދެ ވަނަ މެޗުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން މިދިޔަ އާދިއްތަ ދުވަހު ބަލިވީ 3-0 އިންނެވެ.

ސައުދީގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ގެނައި ބަދަލަކީ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު އަބްދުﷲ ޔާމީން (ޔާން) އަށް ފުރަތަަމަ އެގާރައިން އަލުން ފުރުސަތު ދިނުމެވެ.

މިރޭގެ މެޗުގައި ލެބަނަން އިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއިރު، އަނެއް ހަތަރު ގޯލު ޖެހީ ދެ ވަނަ ހާފްގަ އެވެ. ލެބަނަންގެ ގޯލުތައް ކާމިޔާބުކުރީ މުހައްމަދު ހަދޫ، ހަސަން މުހައްނާ، ހުސެން މުންޒާރު، ޔޫސުގް ހާޖް އަދި އަލެކްސް ބޫތުރޫސް އެވެ. އަނެއް ގޯލަކީ ރާއްޖޭގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގާތްގާތުގައި ހަތަރު ދުވަސް ތެރޭ ފެންވަރު ރަނގަޅު ތިން ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ކޮލިފައިންގެ ކުރިން ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ. މި މެޗުގައި އެންމެ ތަފާތު ބޮޑުވުމުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ވެސް ކުޅުންތެރިން ވަރުބަލިވުމެވެ.

މިރޭގެ މެޗުގައި ރާއްޖޭން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އިބްރާހިމް އަތީގް (އިއްބެ) އަށެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމު ލީޑުކުރުމުގެ ޒިންމާ ސެގާޓް ވަނީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އާ ހަވާލުކޮށްފަ އެވެ. ސެގާޓް އެ ނިންމުން ނިންމީ ޒުވާން ކުޅުންތެރިންނެކޭ އެއްގޮތަށް ދިވެހި ޒުވާން ކޯޗުންނަށް ވެސް ފުރުސަތު ދިނުމަށާއި މަތީ ފެންވަރުގެ މެޗުތަކުގައި ދިވެހި ކޯޗުންނަށް ފެންވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެންމެ ފަހުން ޔޫއޭއީ އަތުން ބަލިވި މެޗަށް ފަހު ސެގާޓް ވަނީ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމުން ނެރޭ ނަތީޖާތައް އެންމެ ރަނގަޅު ނުވި ނަމަވެސް މި ފެންވަރުގެ މެޗުތަކުގެ ސަބަބުން ކުޅުންތެރިންނަށް ކުރާނެ އެންމެ ބޮޑު ފައިދާ އަކީ ރަނގަޅު ލެވެލެއްގެ މެޗުތަކުގެ ތަޖުރިބާ ލިބުމެވެ.

ރާއްޖޭން އެންމެ ފަހުން 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނީ މީގެ ހަތަރު އަހަރު ކުރިން 2015 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެ ފަހަރު އޮމާނުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނީ އޮމާނުގެ އިތުރުން އިރާގާއި ލެބަނަން އަދި ބަހްރޭނާ ދެކޮޅަށެވެ. ރާއްޖެ ކޮލިފިކޭޝަން ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ވެސް ނުލިބި އެވެ.

ޒުވާން ގައުމީ ޓީމަށް ކޮލިފައިން ނިމިފައިވާއިރު، ޓީމު އެނބުރި މާލެ އަންނާނީ އުމްރާއެއް ފުރިހަމަކުރުމަށް ފަހު އެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސައުދީ އަރަބިއާ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން ފަހިކޮށްދިން ފުރުސަތެކެވެ.