Roadha Mihaaru
ޒުވާން ޓީމު ޔޫއޭއީ އަތުން ބަލިވެއްޖެ

ޒުވާން ޓީމު ޔޫއޭއީ އަތުން ބަލިވެއްޖެ

24 މާޗް 2019

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި މިރޭ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 3-0 އިން ބަލިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި މިރޭ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 3-0 އިން ބަލިވެއްޖެ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސައުދި އަރަބިއާ އަތުން ވަނީ ހުކުރު ދުވަހުގެރޭ 6-0 އިން ބަލިވެފަ އެވެ. ގާތްގާތުގައި މެޗުތައް އޮތުމުން މިރޭ ޔޫއޭއީއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ.

އެގޮތުން މުހައްމަދު ފަރުހާން (ފަރުއްކޮ)، އިބްރާހިމް އަތީގް ހަސަން (އިއްބެ)، އަލީ ސޮލާހު، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި އަލީ ހަމްދާން (އައްޔަ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ރިހާމް އަބްދުލް ގަނީ (ބޮބީ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަބްދުﷲ ޔާމީން (ޔާން)، އަލީ ޝަމާލް އަދި ސާދު ނިޒާރު ގެ ބަދަލުގަ އެވެ.

ސައުދީގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ރާއްޖޭން ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނެވެ. އެހެންވެ ޔޫއޭއީ އިން ގިނަ އެޓޭކްތަކެއް ކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މި މެޗުގައި ޔޫއޭއީން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގައި އެ ޓީމުގެ ކުރިއަށް ކުޅޭ މުހައްމަދު ރާޝިދު އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި އެ ނަތީޖާގައި އޮވެގެން ނިމުނުއިރު ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭ ޔޫއޭއީން ލީޑުފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒައިދު އަބްދުﷲ އަމީރީ އެވެ. ޔޫއޭއީގެ ފަހު ގޯލު މެޗު ނިމެން 14 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މުހައްމަދު ޝާކިރު އެވެ.

މި މެޗުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް އެޓޭކްކުރި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. ކުޅުނު ދެ މެޗުން ބަލިވުމުން ރާއްޖެ އަށް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އަނެއްކޮޅުން ކުޅުނު ދެ މެޗުން ވެސް މޮޅުވި ޔޫއޭއީ އަށް ވަނީ އަންނަ އަހަރު ތައިލެންޑުގައި އޮންނަ މުބާރާތުގެ ޖާގައެއް ކަށަވަރުވެފަ އެވެ. ލެބަނަން އަތުން ފުރަތަމަ މެޗުގައި ޔޫއޭއީ މޮޅުވީ 6-1 އިންނެވެ.

ރާއްޖޭގެ ޓީމާ އެކު މި ފަހަރުގެ ކޮލިފައިން އަށް ސީނިއާ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ދިޔަ ނަމަވެސް ޓީމަށް އިރުޝާދުދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްްޓެ) އެވެ. ސެގާޓް އެ ނިންމުން ނިންމީ ދިވެހި ކޯޗުންނަށް އެންމެ މަތީ ލެވެލްގެ މެޗުތަކުގައި ކޯޗުކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި މިހާތަނަށް ކުރެވުނު މަސައްކަތުގައި ޝާކިއްޓެ އަށް ކުރެވޭ އިތުބާރު ބޮޑުކަމުންނެވެ. މި ފަހަރު ކޮލިފައިން އަށް ދިޔަ ޓީމު ނެގުމުގައި ވެސް ޝާކިއްޓެ އިސް ދައުރެއް އަދާކުރި ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

ގައުމީ ކޯޗު ސެގާޓް ބުނީ ފުރަތަމަ ހާފުގައި ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު މި ލެވެލްގައި އެންމެ ގޯހެއް ހެދުމަކީ ވެސް އޭގެ އަސަރު މުޅި މެޗަށް ކުރާނެ ކަމެއް ކަމަށެވެ. އެ ގޮތުން ފުރަތަމަ ގޯލުގައި ކޮންމެވެސް ވަރަކަށް ތަޖުރިބާ ނެތުމުގެ މައްސަލަ ދިމާވި ކަމަށާއި ފުރަތަމަ ލަނޑާ އެކު ޔޫއޭއީ އަށް ހަމަޖެހިލައިގެން ކުޅެލަން އިތުރު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމަށެވެ.