Roadha Mihaaru
އައްޑު އަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް

އައްޑޫގެ ތަރައްގީ އަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެބައޮތް: ރައީސް

08 މާޗް 2019

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން ސ. މަރަދޫން އަހުމަދު އަދްޝަން

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު މަރަދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާ ގައި ރައީސް ވިދާޅުވީ އައްޑު އަކީ ވަރަށް ޚާއްސަ ތަނެއް ކަމަށާއި ތަރައްގީ ފެނިގެން ވެސް އަންނަނީ އައްޑޫން ކަމަށް ވާތީ އެއީ ކޮންމެހެން ވެސް ތަރައްގީ ކުރަން ޖެހޭ ސިޓީއެއް ކަމަށެވެ.

އެގޮތުން، ކުރިއަށް ގެންދަން ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަޝްރޫއު ފުރިހަމަވެގެން އަންނައިރު، އައްޑޫ އާރާސްތުވާނެ އެވެ.

މަޝްރޫއުގެ މުހިއްމު ކަންތައްތައް:

* 17 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރުން.

* 8،000 ޓޫރިސްޓް އެނދު އިތުރު ކުރުން.

* އައްޑޫގެ ބިން އިތުރު ކުރުން.

* ބައިނަލްއަގްވާމީ ފެންވަރަށް އައްޑޫގެ ޕޯޓް ތަރައްގީ ކުރުން.

* މަސް ބަނދަރާއި މަސް ޕްރޮސެސް ފެކްޓްރީއެއް ހެދުން.

* ކަރަންޓަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުން.

* ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.

* ސްވިމިން ޕޫލާއި ފުޓްބޯޅަ ސްޓޭޑިއަމެއް ހެދުން.

* ރާއްޖޭގެ އެންމެ ބޮޑު ޑްރަގް ރިހެލިބިިޓޭޝަން ސެންޓަރެއް ހެދުން.

* ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން.

* އިސްލާމިކް ސެންޓަރެއް ގާއިމު ކުރުން (2،000 މީހުންހެ ޖާގައިގެ މިސްކިތެއް ހިމެނޭ ގޮތަށް)

* ގުދުދަރަތީ ވަސީލަތްތަކުން ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ ގޮތް ހެދުން.

* ހިމާޔަތް ކޮށްފައިވާ ތަންތަން ޔުނެސްކޯގެ މިންގަނޑަށް ހެރިޓޭޖް ސައިޓްތަކަކަށް ކަނޑައެޅުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ތަރައްގީގެ ތަސައްވުރެއް އުފެދިގެން އައީ އައްޑޫން ކަމަށް ވާތީ، އެ ތަސައްވުރު ތަންފީޒުވެގެން ދާނީ ވެސް އައްޑޫންނެވެ. އަދި އައްޑު އަކީ މާލެ ފިޔަވައި ތަރައްގީ ކުރެވެން އެންމެ ބޮޑަށް ފުރުސަތު އޮތް ތަނަށް ވާތީ މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ އައްޑޫގެ ތަރައްގީގެ މަޝްރޫއުގެ ތެރެއިން މި އަހަރަށް ވެސް މި ސިޓީ އަށް 470 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދައުރަކީ މި ކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި އަދި ގާނޫނީ ބާރުވެރިކަން ހޯދައި ދިނުން،" ރައީސް ވިދާޅުވި އެވެ. "މި މެގާ މަޝްރޫ އަކީ ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެން ދާނެ މަޝްރޫއެއް. އެގޮތުން މި އަހަރު އެކަނި ވެސް އައްޑޫގެ ތަރައްގީގެ އެކި ބޭނުންތަކަށް ހަތަރު ސަތޭކަ ހަތްދިހަ މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވޭ."

އެގޮތުން މި އަހަރުގެ ތެރޭގައި މަގުތަކާއި ބަނދަރުތަކާއި ބިން ހިއްކުމުގެ އިތުރުން އުމްރާނީ އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކަންކަން ކުރުން މަގުފަހި ކުރުމަށް ކުރަން އޮތް އެންމެ މުހިއްމު އެއް ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލަށް ބާރުވެރިކަން ހޯދައި ދީ، މާލީ ގޮތުން ވެސް ފުދުންތެރި ކައުންސިލަކަށް އައްޑޫ ސިޓީ ކައުންސިލް ހަދަން ސަރުކާރުން އެހީތެރިވެދީ، އެކަމަށް މަގުފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވާތީ، އެ ޕާޓީތަކުގެ މަތިންނާއި ވެވަޑައިގަތް ހުރިހާ ވައުދުތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އެހެންވެ ބައިވެރިންނަށް ދެރަގޮތެއް ދިމާވެދާނެ ގޮތަކަށް މަސައްކަތްޕުޅު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީ ނުވަތަ 'ތިލަފަތަށް' ވޯޓް ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.