Roadha Mihaaru
"ބަޣާވާތެއް ނޫން، ސަރުކާރު އެއަށް ވުރެ މާ ބަލިކަށި"

ބަޣާވާތްކުރާކަށް ނޫޅޭ، ސަރުކާރު އެއަށް ވުރެ މާ ބަލިކަށި: ހާމިދު

28 އޯގަސްޓް 2016

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލަން އިދިކޮޅު އިއްތިހާދުން މަސައްކަތް ނުކުރާ ކަމަށާއި އެއަށް ވުރެ ސަރުކާރު އޮތީ މާ ބަލިކަށިކޮށް ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލަން އިދިކޮޅު އިއްތިހާދުން މަސައްކަތް ނުކުރާ ކަމަށާއި އެއަށް ވުރެ ސަރުކާރު އޮތީ މާ ބަލިކަށިކޮށް ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް، ބީބީސީން މިދިޔަ ހަފުތާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ އިދިކޮޅު ފަރާތްތަކުން ރާވާފައިވާ "ބަޣާވަތެއް" ކަމަށާއި އެކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ޖާގަ ނުދޭނެ ކަމަށް ސަރުކާރުގެ އެކި ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ހާމިދު "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފުވެ ރައްޔިތުންނަށް ގެއްލުންދީ ހިންގާ ވިޔާނުދާ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތްތަކަކީ ބަޣާވާތެއް ކަމަށް ފްރޭމްކުރަނީ ސަރުކާރުން ކަމަށެވެ. ރައްޔިތުންނަށް ފެންނަމުން މިދަނީ ސަރުކާރުގެ ވިޔާނުދާ އަމަލުތަކާ ހެދި އަމިއްލަ އަށް ވެއްޓޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ޖޫން މަހު އުފެއްދި އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގައި އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތްތަކަށް ކާމިޔާބު ލިބެމުން އަންނަ ވެސް ކަމަށް ހާމިދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު އިންޑިއާގެ ސިޔާސީ ފަރާތްތަކާ ހިއްސާކުރަން މިދިޔަ ޖުލައި މަހު ބޭރަށް ވަޑައިގެންނެވި ހިޔަނި ކެބިނެޓުގެ ވަޒީރުން

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު އިންޑިއާގެ ސިޔާސީ ފަރާތްތަކާ ހިއްސާކުރަން މިދިޔަ ޖުލައި މަހު ބޭރަށް ވަޑައިގެންނެވި ހިޔަނި ކެބިނެޓުގެ ވަޒީރުން

"އަޅުގަނޑުމެން މި ދައްކަނީ ސަރުކާރު ކަމުނުދާ ވާހަކަ. އިންތިގާލީ މަރުހަލާއެއް ބޭނުންވެޔޭ. ސަރުކާރުން އަމިއްލަ އަށް މި ބުނަނީ ބަޣާވާތޭ. މި ފެންނަނީ ސަރުކާރުގެ ވިޔާނުދާ ކަމުން އަމިއްލަ ޒާތުގައި ވެއްޓޭތަން،" ހާމިދު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެ މަންޒަރު މުޅިން ސާފުވާ އެއް ކަމަކީ، ހާމިދު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ޕާޓީ ތެރޭގައި އުފެދިފައިވާ ކޯޅުންތަކެވެ. ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަންކަމާ މެދު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވިއިރު، އެ ޕާޓީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ތެރޭގައި ވެސް ކަންހިނގާ ގޮތް ރައްޔިތުންނަށް ވަރަށް ސާފު ކަމަށް ހާމިދު ވިދާޅުވި އެވެ.

"ބޭރުގެ ނުފޫޒާ އެކު ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ކުރާ ތުހުމަތުތަކުގައި ވެސް ހަގީގަތެއް ނެތް. މިއީ އަމިއްލަ އަށް ކޮޅަށް ހުރެވޭ ވަރަށް ވުރެ ބަލި ސަރުކާރެއް."

ރާއްޖޭގެ ވެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގައި ކުރިއަށް ދިޔަ ބައްދަލުވުންތަކާ މެދު ހާމިދު ވިދާޅުވީ، އިންގިތާލީ ސަރުކާރާ ގުޅޭ މަޝްވަރާތައް ލަންކާގައި ވެސް ކުރިއަށްދާ ކަމަށެވެ. އެކި ދުވަސްވަރު އެކި ބޭފުޅުން ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާމިދު ވިދާޅުވި ގޮތުގައި، އެއިން ކޮންމެ ދަތުރަަކީ ބަޣާވާތުގެ ދަތުރެއް ކަމަށް ވިސްނަނީ ވެސް ސަރުކާރުންނެވެ.