Roadha Mihaaru
ހައި ކޯޓު ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ޖެހިފައި!

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރޭ، ނޫނީ ކޯޓު ހުއްޓިދާނެ!

31 އޯގަސްޓް 2016

މީގެ ފަސް އަހަރު ކުރިން 2011 އެވެ. އޭރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަމަނުވާތީ އެ ކޯޓުގައި ތިއްބެވީ އެންމެ ހަތަރު ފަނޑިޔާރުންނެވެ. އެދުވަސްވަރު އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭރުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެފައިވާ ގޮތުން ހަތަރު ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޗުއްޓީ ނެގުމާއި އާއިލާއާ އެކު ވަގުތު ހޭދަކުރުން ފަދަ ހައްގުތައް ގުރުބާން ކުރައްވައިގެންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ފަސް އަހަރު ކުރިން 2011 އެވެ. އޭރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަމަނުވާތީ އެ ކޯޓުގައި ތިއްބެވީ އެންމެ ހަތަރު ފަނޑިޔާރުންނެވެ. އެދުވަސްވަރު އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭރުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެފައިވާ ގޮތުން ހަތަރު ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޗުއްޓީ ނެގުމާއި އާއިލާއާ އެކު ވަގުތު ހޭދަކުރުން ފަދަ ހައްގުތައް ގުރުބާން ކުރައްވައިގެންނެވެ.

އޭގެ ފަސް އަހަރު ފަހުން މިހާރު އަނެއްކާވެސް ވެސް ހައި ކޯޓު އޮތީ އެފަދަ ހާލަތެއްގަ އެވެ. އޭރު އެ މައްސަލަ ދިމާވީ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ނުކޮށް އޮތުމުންނެވެ. މިހާރު ދިމާވާ މައްސަލައަކީ ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީން ބޭނުން ވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތުމެވެ. އޭރާއި މިހާރުގެ ހާލަތުގެ ތަފާތަކީ މިއީ އެވެ.

ނުވަ ފަނޑިޔާރުން ތިބޭ ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް 2014 ގައި އިސްލާހު ގެނެސް، ގޮފިތަކަށް ފަނޑިޔާރުން ކަނޑައަޅަން ޖެހުމުން ފަނޑިޔާރުންގެ ދަތިކަން އެ ކޯޓަށް ވަނީ ކުރިމަތިވެފަ އެވެ. އައްޑޫގައި ހުންނަ ދެކުނު ގޮފީގައި ތިން ފަނޑިޔާރަކު ކަނޑައެޅުމުން މިވަގުތު މާލޭގެ ހައި ކޯޓުގައި ތިއްބެވީ އެންމެ ހަތަރު ފަނޑިޔާރުންނެވެ. ހދ. ކުޅުއްދުފުށީގައި ގާއިމްކުރާ އުތުރު ގޮފީގެ މަސައްކަތް ފެށުމާ އެކު މާލޭގައި ވެސް ތިބޭނީ އެންމެ ތިން ފަނޑިޔާރުންނެވެ.

ހައި ކޯޓު އުތުރު ގޮފީގެެ މަސައްކަތް ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާ އެކު މާލޭ ބްރާންޗްގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް ތިން ފަނޑިޔާރަކު އުތުރު ގޮތްޕަށް ކަނޑައަޅާނެ ކަމަށް ބެލެވެ އެވެ. އޭރުން އެންމެ މަސައްކަތް ބުރަ މާލޭގެ ހައި ކޯޓުގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިއްބަވާނީ ތިން ފަނޑިޔާރުންނެވެ.

ކޯޓުތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނަނީ ހައި ކޯޓުން މައްސަލަ ބަލަންވާނީ "އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން" ކަމަށެވެ. މާނައަކީ ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމެވެ. މިހާތަނަށް އަމަލު ކުރަމުންދިޔައީ ވެސް އެގޮތަށެވެ.

އެހެންވެ، އުތުރު ގޮފީގެ މަސައްކަތް ފެށުމާ އެކު ނަތީޖާއަކަށް ވެގެންދާނީ މާލޭގެ ހައި ކޯޓާއި ގޮފިތަކުގައި ވެސް ހުރިހާ މައްސަލަތަކެއް އެއް ފަނޑިޔާރުންތަކެއް ބަލަން ޖެހުމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓާ ފަނޑިޔާރު ބަދަލުވިޔަސް މުޅި ބެންޗުގައި ތިބޭނީ އެއް ފަނޑިޔާރުންތަކެކެވެ. ތިން ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރަކު ސަލާމް ވިދާޅުވިޔަސް ނުވަތަ ޗުއްޓީއަށް ވަޑައިގަތަސް އެތަނެއްގެ މައްސައްކަތް ހުއްޓުނީ އެވެ. ފަނޑިޔާރެއްގެ އާއިލީ މަސްލަހަތެއް އޮވެގެން ނުވަތަ އެ ނޫން ވެސް ސަބަބެއް އޮވެގެން ހާޒިރުނުވެވުނަސް ޝަރީއަތްތައް ހުއްޓޭނެ އެވެ. މިއީ ސީރިއަސް މައްސަލައެކެވެ.

ގޮފިތައް ހެދި ފަހުން މިހާތަނަށް ކަން ހިނގާފައި އޮތް ގޮތުން ވެސް އެކަން ފެނެ އެވެ. އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުން އެ ގޮފީގެ ޝަރީއަތްތައް އެދުވަސްވަރު އޮތީ ހުއްޓިފަ އެވެ. މިދިޔަ ހަފުތާގެ ދުވަހެއްގައި މާލޭގެ ހައި ކޯޓުގެ އެއް ފަނޑިޔާރަކު އަލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން އެދުވަހު އެ ކޯޓުގެ ހުރިހާ ޝަރީއަތްތަކެއް ކެންސަލްކުރި އެވެ. ކުރިއަށް އޮތް ތަނުގައި އެ މައްސަލަ އިތުރަށް ބޮޑުވާނެ އެވެ.

މިކަން ހައްލުކުރެވެން އޮތީ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްގެންނެވެ. އެކަމަކު ގާނޫނު މިހާރު އޮތް ގޮތުން، ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރާ ޖޭއެސްސީ އަށް ނުވަތަ ޝަރުއީ ދާއިރާއަށް ވެސް އެކަން ކުރެވޭކަށް ނެތެވެ. ގާނޫނަށް ޖެހޭނީ ބަދަލުގެންނާށެވެ.

ރައްޔިތުންގެ މަޖިލިސް: ހައި ކޯޓަށް ފަނޑިޔާރުން އިތުރު ކުރެވެން އޮތީ ގާނޫނު އިސްލާހުކޮށްގެން - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: ހައި ކޯޓަށް ފަނޑިޔާރުން އިތުރު ކުރެވެން އޮތީ ގާނޫނު އިސްލާހުކޮށްގެން - ފޮޓޯ: މަޖިލިސް

ފަނޑިޔާރުންގެ ގާނޫނު 2010 ގައި ވުޖޫދަށް އައިއިރު އޮތީ ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބޭ ގޮތަށް ކަމަށް ވިޔަސް އޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު ފަނޑިޔާރުންގެ އަދަދު ނުވައަކަށް ދަށްކުރީ އެވެ.

ހައި ކޯޓަށް ކޮންމެ އަހަރަކު 500 އެއްހާ މައްސަލަ ހުށަހަޅަ އެވެ. ދަށު ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އިތުރުން އެ ކޯޓުގެ ޒާތުގައި ވަކި ޚާއްސަ މައްސަލަތަކެއް ބެލުމުގެ އަސްލީ އިހްތިސާސް ވެސް އޮވެ އެވެ. މިސާލަކަށް މޮނިކޮން އަމުރާ މެދު ގޮތް ނިންމުމާއި ދުސްތޫރީ މައްސަލަތަކާއި އިންތިޚާބީ ޝަކުވާގެ މައްސަލަތަކާއި ކައުންސިލްތައް އުވާލަން ހުށަހަޅާ މައްސަލަތައް ބެލުމަކީ ވެސް ހައި ކޯޓުގެ ޒިންމާއެކެވެ.

އެކަމަކު މި ހުރިހާ ބާވަތެއްގެ މައްސަލަތައް އެންމެ ތިން ފަނޑިޔާރުން ތިބެގެން ބަލަން ޖެހުމަކީ ފަނޑިޔާރުންނަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. މައްސަލަތައް ނިމޭ ސްޕީޑަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ހައި ކޯޓަށް ހުށަހަޅާ 60 ޕަސެންޓަށް ވުރެ ގިނަ މައްސަލަތައް ވައްދަނީ މާލޭގައި ހުންނަ ހައި ކޯޓަށެވެ. އެ ދަތިތައް ހުއްޓަސް، މާލޭގެ ހައި ކޯޓުން މިހާރުވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަތައް ނިންމާކަން ފާހަގަކޮށްލެވެ އެވެ.

"އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާއިރު ފާހަގަނުކުރޭ އެތައް ކަމެއް ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ތިބެގެން މައްސަލަ ބަލާއިރު ފާހަގަވާނެ.

މިހާރު މައްސަލަތައް ހުށަހަޅާ ނިސްބަތަށް ބަލާއިރު ވެސް މާލޭގެ ހައި ކޯޓުގައި އެންމެ މަދުވެގެން ފަސް ފަނޑިޔާރުން ތިބެގެން ނޫނީ ފަރުޖެއްސޭކަށް ނެތެވެ. އަދި ގޮފިތަކުގެ މަސައްކަތް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭނީ އެއިން ކޮންމެ ގޮތްޕެއްގައި މަދުވެގެން ހަތަރު ފަނޑިޔާރުން ތިބެގެންނެވެ. އެހެންވެ ގޮފިތައް ހިމެނޭ ގޮތަށް މުޅި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރުކުރުމަކީ، ގާނޫނީ ބައެއް މީހުންގެ ނަޒަރުގައި، އެންމެ ރަނގަޅު ކަމެކެވެ.

ހައި ކޯޓު ފަނޑިޔާރުންގެ ބޮޑު މުސާރަ އާއި އިނާޔަތްތަކަށް ބަލާއިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަކީ ދައުލަތަށް މާލީ ބުރައަކަށް ވެދާނެ އެވެ. އެހެންވެ ފަނޑިޔާރުންގެ އަދަދު އިތުރު ނުކުރާ ނަމަ ދެން ކުރެވެން އޮތީ، ދަށު ކޯޓުތަކޭ އެއްގޮތަށް ހައި ކޯޓުގައި ވެސް އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމެވެ.

އެކަމަކު އެގޮތަށް ގާނޫނު ބަދަލުކޮށްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި މިހާތަނަށް އަމަލުކޮށްފައި ނެތް އަދި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލާ ވެސް ބީރަށްޓެހި ކަމަކަށެވެ.

"އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާއިރު ފާހަގަނުކުރޭ އެތައް ކަމެއް ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ތިބެގެން މައްސަލަ ބަލާއިރު ފާހަގަވާނެ. އެހެންވެ ދަށު ކޯޓަށް ވުރެ ގިނަ ފަނޑިޔާރުން ތިބެގެން އިސްތިއުނާފް މަރުހަލާގައި މައްސަލަ ބަލާ ގޮތަށް އޮންނަނީ. އެއީ އިންސާފު ގާއިމް ކުރެވޭކަން ކަށަވަރުކުރަން ކުރާ ކަމެއް. އެހެން ގައުމުތަކުގައި ވެސް އޮންނަނީ އެގޮތަށް،" ވަކީލަކު ވިދާޅުވި އެވެ.

"ކޯޓުތަކުގެ ގާނޫނު ބަދަލުކޮށްގެން ފަނޑިިޔާރުންގެ އަދަދު އިތުރު ކުރުން އެއީ ހަމައެކަނި މިހާރު އޮތް ހައްލަކީ."

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުނުކޮށްފި ނަމަ ގިނަ މައްސަލަތަކެއް ހުއްޓުމަކަށް އައުމުގެ ބިރު ބޮޑެވެ. އޭރުން އެތައް ބައެއްގެ ހައްގުތަކަށް ހުރަސް އެޅި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.