Roadha Mihaaru
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަދިވެސް މަދު

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަދިވެސް މަދު

18 ޖޫން 2017

ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ހަމަޖެއްސީ ފަސޭހައިން އަދި އަވަސް ކަމާ އެކު އިސްތިއުނާފް މަރުހަލާގެ ބޭނުން ހިފުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭރު ވެސް އެ ބަދަލާ މެދު ގާނޫނީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ހަމަޖެއްސީ ފަސޭހައިން އަދި އަވަސް ކަމާ އެކު އިސްތިއުނާފް މަރުހަލާގެ ބޭނުން ހިފުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭރު ވެސް އެ ބަދަލާ މެދު ގާނޫނީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

އެ ގޮފިތައް އުފެދުމާ އެކު ދިމާވާން ފެށި ވަރަށް ބޮޑު މައްސަލައެއް އޮތެވެ. ގޮފިތަކަށް ލާނެ ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިބޭނީ އިސް ފަނޑިޔާރާ އެކު ނުވަ ފަނޑިޔާރުންނެވެ. އެހެންވެ، ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސަން ޖެހުމުން މާލޭގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިބެން ޖެހެނީ ތިން ފަނޑިޔާރުންނެވެ. އެކަމަކު ހައި ކޯޓު އުތުރު ގޮފީގެ މަސައްކަތް ނުފެށޭތީ މާލޭގެ ހައި ކޯޓުގައި ހަތަރު ފަނޑިޔާރުން މިވަގުތު އެބަ ތިއްބެވެ.

ފަނޑިޔާރުން މަދުވުމުން އިސްތިއުނާފް ޝަރީއަތްތައް ލަސްވުމުގެ މައްސަލަ ކުރިމަތިވާން ފެށި އެވެ. އިސްތިއުނާފްގެ ބޭނުން ކެނޑޭއިރު ވެސް އިސްތިއުނާފް މައްސަލަ ނުފެށި އޮންނަ ހިސާބަށް ކަންކަން ގޮސް، ފާޑު ކިޔުންތައް އަމާޒުވާން ފެށި އެވެ.

މާލެ އާއި އުތުރާއި ދެކުނުގެ ގޮފިތަކުގައި ވެސް އެންމެ ތިން ފަނޑިޔާރުން ތިބެން ޖެހުމުން ދިމާވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ކޯޓުތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަންވާނީ "އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން" ނެވެ. ކިތަންމެ ކުޑަ މައްސަލައެއް ކަމަށް ވިޔަސް އެ ކޯޓުން ބަލަން މި ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެހެންވުމުން، ކޮންމެ ތަނެއްގައި ތިން ފަނޑިޔާރުން ތިބުމުން އެތަނަށް އަންނަ ހުރިހާ މައްސަލައެއް ވެސް ބަލަން މިޖެހެނީ އެ ތިން ފަނޑިޔާރުން ތިއްބަވައިގެންނެވެ.

މިހެންވުމުން، ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ސަލާމް ވިދާޅުވިޔަސް ނުވަތަ ޗުއްޓީއަށް ވަޑައިގަތަސް އެތަނެއްގެ ހުރިހާ ޝަރީއަތްތަކެއް ޖެހޭނީ މަޑުޖައްސާލާށެވެ. ހަމަ އެގޮތަށް މައްސަލައެއްގައި ފަނޑިޔާރެއްގެ މަސްލަހަތެއް އޮވެގެން ފަނޑިޔާރަކު އެ މައްސަލައެއް ބެލުމުން ތަނާޒުލްވެއްޖެ ނަމަ ވެސް އެ މައްސަލައެއް ބެލުން އެ ހިސާބުން މަޑުޖެހުނީ އެވެ.

ގޮފިތައް އުފެދުނު ފަހުން މިފަދަ ބައެއް ކަންކަން ހިނގި އެވެ. ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ކުރިން ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް މިދިޔަ އަހަރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން އިތުރު ފަނޑިޔާރަކު ހަމަޖެއްސެންދެން އެ ގޮފި ހުއްޓުނީ އެވެ.

ގޮފިތައް އުފައްދަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރިއިރު ވެސް އެކަމާ ދެކޮޅު މީހުން އެ މައްސަލަ ފާހަގަކުރި އެވެ. އެކަމަކު އޭރު މަޖިލީހުން އެގޮތަށް ފާސްކުރީ މާ ބޮޑު ވިސްނުމެއް ނެތި އެވެ. އާޚިރުގައި، ގޮފިތައް އުފެދުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވެ، މި އޮތީ ހައްލު ހޯދަން ޖެހިފަ އެވެ. އެއީ ފަނޑިޔާރުން އިތުރުކުރުމެވެ.

އެކަމަކު އެއީ ޝަރުއީ ދާއިރާއަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ގާނޫނު ބުނާ ގޮތުންހައި ކޯޓުގައި ތިބޭނީ ނުވަ ފަނޑިޔާރުންނެވެ. އެހެންކަމުން މި ޖެހެނީ ރައްޔިތުންގެ މަޖިލިހުން އެ ގާނޫނަށް ބަދަލު ގެންނާށެވެ. އެގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން ފާސްކުރި ބިލް މިއަދު ވަނީ ތަސްދީގުކޮށްފަ އެވެ. އެ އިސްލާހުން ފަނޑިޔާރުންގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެއީ ވެސް މާލޭގެ ހައި ކޯޓަށެވެ.

މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/މަޖިލިސް

މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/މަޖިލިސް

އެ އިސްލާހުގައި ވަނީ "މި މާއްދާގެ ދަށުން ގާއިމްކުރެވޭ ހައި ކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައި ކޯޓަށް އައްޔަން ކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުންނެވެ،" މިހެންނެވެ.

އޭގެ މާނައަކީ އެ އިސްލާހުގެ ސަބަބުން މާލޭގެ ހައި ކޯޓުގައި ތިއްބަވާނީ ފަސް ފަނޑިޔާރުން ކަމެވެ. ކޮންމެ ގޮތްޕެއްގައި ތިބޭނީ މިހާރެކޭ ވެސް އެއްގޮތަށް ތިން ފަނޑިޔާރުން ކަމެވެ.

މާލޭގެ ހައި ކޯޓަށް އަހަރެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅަ އެވެ. އެހެންވެ އެ ކޯޓުގައި ފަސް ފަނޑިޔާރުން ތިބުމަކީ އެކަށީގެންވާ އަދަދެއް ކަމަށް ބުނެވިދާނެ އެވެ. އެކަމަކު އުތުރާއި ދެކުނުގެ ގޮފީގައި ތިން ފަނޑިޔާރުން ތިބުމުން މައްސަލަތައް ކުރިމަތިވާނެ އެވެ.

މިކަމަށް ހައްލެއް ގެނެވެން އޮންނާނެ ގޮތަކީ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރުކުރުމެވެ. އޭރުން މާލޭގައި ފަސް ފަނޑިޔާރުން އަދި ކޮންމެ ގޮތްޕެއްގައި ހަތަރު ފަނޑިޔާރުން ތިބޭނެ އެވެ. ފަނޑިޔާރަކު ސަލާން ވިދާޅުވިޔަސް ނުވަތަ މައްސަލައެއް ބެލުމުން ތަނާޒުލްވާން ޖެހުނަސް އޭނާގެ ބަދަލުގައި އެހެން ފަނޑިޔާރަކާ އެ މައްސަލައެއް ހަވާލުކުރެވޭނެ އެވެ.

އައްޑޫގައި ހުންނަ ދެކުނު ގޮތްޕަށް ހުށަހަޅާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެހެންވެ، މިއީ ދުރު މުސްތަގްބަލަށް ބަލާއިރު ވިސްނާލަން ޖެހޭ ނުކުތާއެކެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރު ކުރުމަކީ ދައުލަތަށް މާލީ ބުރައަކަށް ވެދާނެ އެވެ. އެކަމަކު މާލީ ބުރައަކަށް ވުރެ ބޮޑަށް ވިސްނަންވީ ރައްޔިތުންނަށް ފަސޭހައިން އަދި އަވަހަށް އަދުލު އިންސާފު ލިބޭނެ ގޮތަކަށް ހެދުމަށެވެ. ގޮފިތައް ގާއިމްކުރަން ދެއްކީ އެ މަގުސަދެވެ. އެހެންކަމުން މިހާރު މި އޮތީ އެ މަގުސަދު ހާސިލްވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ޖެހިފަ އެވެ.