Roadha Mihaaru
ޖުޑިޝަލް ކޮމެޓީތައް އަލުން އުފެއްދުމުގެ އިޝާރާތެއް

ޖުޑިޝަލް ކޮމެޓީތައް އަލުން އުފައްދަންޖެހޭ ކަމުގެ އިޝާރާތެއް ޚަލީލް ދެއްވައިފި

12 ޖޫން 2017

ރަށްރަށުގައި ހުރި ޝަރުއީ މައްސަލަތައް އަވަހަށް ނިންމުމަށް ޖުޑިޝަލް ކޮމެޓީތައް އަލުން އުފައްދަން ޖެހޭ ކަމުގެ އިޝާރާތެއް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރަށްރަށުގައި ހުރި ޝަރުއީ މައްސަލަތައް އަވަހަށް ނިންމުމަށް ޖުޑިޝަލް ކޮމެޓީތައް އަލުން އުފައްދަން ޖެހޭ ކަމުގެ އިޝާރާތެއް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދެއްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ފާހަގަކުރެއްވި ގޮތުގައި، ކުރީ ޒަމާނުގައި ރަށްރަށުގައި ހުންނަ މައްސަލަތައް ހައްލު ކުރަމުން ދިޔައީ ޖުޑިޝަލް ކޮމެޓީތަކުގެ އެހީއާއެކު އެވެ.

އޭގެ ނަތީޖާ އަކީ ޚަލީލް ވިދާޅުވި ގޮތުގައި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ފަނޑިޔާރުން މަސައްކަތް ކުރެއްވުމެވެ. އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި މެޖިސްޓްރޭޓް ކޯޓުތައް ވެސް ގާއިމު ކޮށްފައި ވަނީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ފަހަރެއްގައި ދައުލަތުގެ ހަރަދާއި ނިޒާމު އެކަށީގެންވާ ގޮތެއްގައި ޑިވެލޮޕް ކުރުމަށް މިއީ ރަނގަޅު ގޮތަކަށް ވެދާނެ،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން ފަނޑިޔާރުން ތިއްބަވާ ތަނެއްގައި އެއް ފަނޑިޔާރަކު ވަޑައިގެން ނެތިގެން މައްސަލަތައް ނުނިމިގެން ކުރިމަތިވާ މައްސަލަ އަށް ވެސް މި ބަދަލުގެ ތެރެއިން ހައްލު ގެނެވިދާނެ ކަމަށެވެ. އަދި އެކަމުން ދައުލަތުގެ ޚަރަދު ވެސް ކުޑަވެގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ގޮފިތައް ރަށްރަށުގައި ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ކަން ފަށައި، ހައި ކޯޓުގެ ގޮފިތައް ދެ ސަރަހައްދެއްގައި މިހާރު ގާއިމުކޮށްފައިވާ ކަން ޚަލީލް ފާހަގަ ކުރެއްވި އެވެ.

"ޖުޑިޝަލް ކޮމެޓީތަކުގެ ތެރެއިން ފަނޑިޔާރުން ފޮނުއްވައިގެން މައްސަލަތައް ބެލިއްޖެނަމަ، ކައިރިން އަވަހަށް ކަންކަން ހައްލުވެގެން ދާނެ،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ ޚަލީލް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ހައި ކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް 11 ފަނޑިޔާރުންނެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިއްބަވާނީ ޖުމުލަ ނުވަ ފަނޑިޔާރުންނެވެ.

އެގޮތަށް އިސްލާހު ހުށަހެޅީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރު ވަމުންދާތީ ހަލުވި މިނެއްގައި އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު ވަނީ 34 މެމްބަރުންގެ އިއްތިފާގުން ބަލައިގެންފަ އެވެ. ބިލު އިތުރަށް ދިރާސާ ކުރަން ފޮނުވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށެވެ.