Roadha Mihaaru
އިންތިޚާބަށް އޮފިޝަލުން ހަމަވެއްޖެ: އީސީ

އިންތިޚާބަށް އޮފިޝަލުން ހަމަވެއްޖެ: އީސީ

14 މާޗް 2019

އަންނަމަހު ބާއްވާ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން މިހާރު ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަމަހު ބާއްވާ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން މިހާރު ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި 4634 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ. އިންތިޚާބާ ޖެހެނދެން އެ އޮފިޝަލުން ތަމްރީނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަންނަނީ ޓްރެއިނާސް، ޓްރެއިން ކުރަމުން. އެއަށްފަހު އިންތިޚާބާ ޖެހެންދެން ހުރިހާ އޮފިޝަލުން ތަމްރީނުކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރާއްޖެ އާއި ބޭރުގެ ގައުމުތައް ހިމަނައިގެން ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެ އެވެ. އީސީން ވަނީ ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމި ރިސޯޓުތަކާއި ގައުމުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.

އިންތިޚާބަށް އޮފިޝަލުން ހޯދުމުގައި މިފަހަރު ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އެހެންވެެ އެ އަދަދު ހަމަކޮށްފައިވަނީ ދެ ވަނަ ފަހަރަށް އިއުލާނުކޮށްގެންނެވެ.

އޮފިޝަލުންނަށް ވާން ހުޅުވާލުމުން ތަރުހީބު ކުޑަވި އެއް ސަބަބަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ކުރިމަތިވި ގޮންޖެހުންތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ރިޔާސީ އިންތިޚާބު އޮޅުވާލީ ކަމަށް ބުނެ ޕީޕީއެމުން ހިންގި މުޒާހަރާތަކާއި އެ ނޫން ވެސް ހަރަކާތްތަކުގައި އޮފިޝަލުން ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ބިރު ދައްކައި އިންޒާރު ދެމުން ދިއުމަކީ ވެސް މި އިންތިޚާބަށް އޮފިޝަލުން ލިބުން ދަތިވި ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.