Roadha Mihaaru
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އަށް

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

02 މެއި 2019

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ޓްވީޓެއްގައި ބުނީ މިިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި އެމީހުންގެ އިންތިޚާބީ އެޖެންޓާ މެދު ފިޔަވަޅު އަޅަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އާއްމު އިންތިޚާބުގައި 386 ކެންޑިޑޭޓަކު ވާދަކުރި އެވެ. އެމީހުންގެ މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަވިއިރު ބަޔާން ހުށަނާޅާ ތިބީ، އިންތިޚާބުގައި ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި 31، ޕީޕީއެމްގެ 2، ޕީއެންސީގެ 1، އަދާލަތުގެ 1، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ 2 އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ 2 ކެންޑިޑޭޓެކެވެ.

އީސީން ކުރި ޓްވީޓް

އިންތިޚާބާ ބެހޭ އާއްމު ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ބުނަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އެކަމުގެ އަދަބެއްގެ ގޮތުން ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކެންޑިޑޭޓު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންޖެހެ އެވެ.