Roadha Mihaaru
ބައްދަލުވުންތަކުގައި ޕީޕީއެމް/އެމްޓީޑީ ބައިވެރިއެއް ނުވޭ

ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމް، އެމްޓީޑީ ބައިވެރިއެއް ނުވޭ

20 މާޗް 2019

އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ގުޅިގެން ގާނޫނޫގައިވާ ގޮތުގެ މަތިން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމް އަދި އެމްޓީޑީން ބައިވެރިނުވާތީ އަލުން ނަން ފޮނުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީތަކަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ގުޅިގެން ގާނޫނޫގައިވާ ގޮތުގެ މަތިން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމް އަދި އެމްޓީޑީން ބައިވެރިނުވާތީ އަލުން ނަން ފޮނުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީތަކަށް އަންގައިފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީން ބޭއްވި ހަތް ބައްދަލުވުމުގައި ވެސް ޕީޕީއެމާއި އެމްޓީޑީން އެއްވެސް ބޭފުޅަކު ބައިވެރިވެރި ނުވާ ކަމަށެވެ. އަދި ޑީއާރުޕީގެ ފަރާތުން ކޮމެޓީގައި ތަމްސީލު ކުރާނެ ބޭފުޅެއްގެ ނަމެއް ފޮނުވާފައި ނުވާތީ ނަން ފޮނުވައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ޕާޓީތަކުން ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިނުވާ ސަބަބެއް ސާފެއް ނުވެ އެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން ބާއްވަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެޓާނީ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޕާޓީތައް ހިމަނައިގެން އެ ކޮމިޓީގައި 28 މެމްބަރުން ތިއްބަވަ އެވެ.

އަކްރަމް ވިދާޅުވީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ އިންތިޚާބަށް ނެގި ލަފާދޭ ކޮމިޓީ އަކީ، މިހާތަނަށް އެންމެ އެއްބާރުލުން ލިބޭ ކޮމިޓީ ކަމަށެވެ. އެގޮތުން އިންތިޚާބާ ގުޅޭ ހުރިހާ ކަމެއްގައި ވެސް އެ ކޮމިޓީގެ މެމްބަރުންގެ ފުރިހަމަ ބައިވެރިވުން އޮންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސެކިއުރިޓީ ރޫމް ފިޔަވައި އިލެކްޝަންސްގެ ހުރިހާ ތަނަކަށް ވަނުމުގެ ފުރުސަތު މި ފަހަރު އޮންނާނެ ފަހިކޮށްދީފައި. އަދި ޓްރެއިނިންތަކުގައި ވެސް އެ މެމްބަރުންގެ ފުރިހަމަ އެހީތެރިކަން ލިބޭ،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބަށް ލަފާދޭ ކޮމިޓީ އަކީ، އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ކޮމިޓީއެކެވެ. ރިޔާސީ އިންތިޚާބާ ބެހޭ ކަންކަމުގައި އީސީ އަށް ލަފާދޭނީ ވެސް އެ ކޮމިޓީންނެވެ.