މީހެއްގެ ޕާސްޕޯޓް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިމިގްރޭޝަނުން ހިފަހައްޓާފައި ވަނިކޮށް އެ މީހާގެ ޕާސްޕޯޓް ދޫކޮށްލަން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފި އެވެ.
14 މާޗް 2019
މީހެއްގެ ޕާސްޕޯޓް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިމިގްރޭޝަނުން ހިފަހައްޓާފައި ވަނިކޮށް އެ މީހާގެ ޕާސްޕޯޓް ދޫކޮށްލަން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފި އެވެ.
ސ. މަރަދޫފޭދޫ އަށް ނިސްބަތްވާ އެ މީހާގެ ޕާސްޕޯޓް 2008 އިން ފެށިގެން އިމިގްރޭޝަނުން ހިފަހައްޓާފައި އޮތީ އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް އޭރުގެ ޖިނާއީ ކޯޓުން އިއްވާފައި އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެ ހުކުމް ކުރިތާ 10 އަހަރު ވީއިރު ވެސް އެ ހުކުމް ކަރެކްޝަންސް އިން ތަންފީޒު ކޮށްފައެއް ނުވެ އެވެ. ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ވެސް އެ މީހާއަށް އެނގުނީ 2012 ގައި އޭނާ ޕާސްޕޯޓް ހައްދަން އިމިގްރޭޝަނަށް ދިއުމުންނެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުކުމްކުރީ ޖަލު ހުކުމް ތަންފީޒު ނުކޮށް، 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ މީހާގެ ޕާސްޕޯޓް ދައުލަތުން ހިފެހެއްޓީ ގާނޫނާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންވެ، އެ ދުވަހުން ފެށިގެން އޭނާ ޕާސްޕޯޓް ދޫކޮށްލުމަށް ދައުލަތުގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މީހާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެ މީހާ ހޯދައި، ކަރެކްޝަންސްއާ ހަވާލު ކޮށްދޭން އެދި ކަރެކްޝަންސް އިން 2008 ގައި ފުލުހުންނާއި ސ. އަތޮޅު އޮފީހުގައި އެދިފައި އޮތަސް، ފުލުހުންނާއި ހޯމް މިނިސްޓްރީ ވެސް ހިމެނޭ ގޮތުން އެކި މުއައްސަސާތަކަށް އެ މީހާގެ ފަރާތުން 2012 އިން ފެށިގެން އެކި ސިޓީތައް ފޮނުވާފައި ހުރި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މީހާ ފޮނުވި ސިޓީތަކުގައި އެ މީހާ ނުވަ އަހަރު ވަންދެން ދިރިއުޅުނު އެޑްރެސް ވެސް ބަޔާން ކޮށްފައި ހުރިކަން އެ ހުކުމުގައިވެ އެވެ.
ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް ތަންފީޒު ކުރުމަކީ ކަރެކްޝަންސްގެ މަސްއޫލިއްޔަތެއް ކަމަށާއި އެއީ އެ ހުކުމެއް ކުރެވިފައިވާ މީހާ ކުރަންޖެހޭ ކަމެއް ނޫން ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ މީހާގެ މައްޗަށް 2008 ގައި ޣައިރު ހާޒިރުގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރުމަށް ފަހު އެކަން ކަރެކްޝަންސްއަށް އަންގާފައި އޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީހުން ފުރުން މަނާ ކުރެވޭނީ ކޯޓުތަކުން ކުރާ ހުކުމްތައް ނުވަތަ އަމުރުތަކާ ގުޅިގެން ކަނޑައެޅޭ ވަކި މުއްދަތަކަށް ކަމަށް އިމިގްރޭޝަންގެ ގާނޫނުގައި ބުނާއިރު، އެ މީހާގެ މައްޗަށް އިއްވި އެއް އަހަރުގެ ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް 10 އަހަރު ވަންދެން އެ މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ޒަކީގެ ޕާސްޕޯޓް މައްސަލާގައި އޭޖީއަށް ކޯޓަށް ނުދެވޭނެ
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް: ކޯޓު
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ޖާބިރުގެ ޕާސްޕޯޓް މައްސަލަ އަލުން ހުށަހަޅައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ބޭރުކޮށްލައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ ކޯޓަށް
ޒަކީގެ ޕާސްޕޯޓާ ގުޅޭ އަމުރު ފަސް އަހަރު ފަހުން ބާތިލްް
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން ދިފާއުކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް