Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

16 މާޗް 2019

އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ރޯލް، ޝްރަދާ ކަޕޫރު ކުޅެން ސޮއިކޮށް، މިދިޔަ އަހަރު އޭނާ ބެޑްމިންޓަންގެ ތަމްރީނުތަކެއް ވެސް ހެދި ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ގެ ބަތަލާއަކަށް ޕަރިނީތީ ޗޯޕްޅާ ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ރޯލް، ޝްރަދާ ކަޕޫރު ކުޅެން ސޮއިކޮށް، މިދިޔަ އަހަރު އޭނާ ބެޑްމިންޓަންގެ ތަމްރީނުތަކެއް ވެސް ހެދި ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ގެ ބަތަލާއަކަށް ޕަރިނީތީ ޗޯޕްޅާ ހަމަޖައްސައިފި އެވެ.

"ސައިނާ" ޕްރޮޑިއުސްކުރާ ޓީ ސީރީޒުން ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޝްރަދާގެ ބަދަލުގައި ޕަރިނީތީ ފިލްމަށް ހަމަޖެއްސީ ޝްރަދާ އެހެން ފިލްމުތަކެއްގައި ވަރަށް ބުރަކޮށް އުޅެން ޖެހިފައިވާތީ ކަމަށެވެ. އޭނާ މިހާރު ވެސް އަންނަނީ ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތް ލަންޑަނުގައި ކުރަމުންނެވެ. އެއީ ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" އެވެ.

މީގެ އިތުރުން ޝްރަދާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗިޗޯރް"، "ސާހޯ" އަދި "ބާގީ 3" ހިމެނެ އެވެ.

"ސައިނާ" އަކީ އާމިރު ހާން 2007 ގައި ޑައިރެކްޓް ކުރި "ތާރޭ ޒަމީން ޕަރް" ގެ ސްކްރީން ރައިޓަރު އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ ފިލްމެކެވެ. ޕަރިނީތީއާ އެކު މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށައި، މި އަހަރުގެ ތެރޭގައި ޝޫޓިން ނިންމައިލި ނަމަވެސް، ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ޕަރިނީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ކެސަރީ" އެވެ.

"ޕީއެމް ނަރެންދުރަ މޯދީ" އަންނަ މަހު

ދާދި ފަހުން ޝޫޓިން ފެށި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އޮމަންގް ކުމާރު ޑައިރެކްޓް ކުރާ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 12 އަށެވެ. މި ފިލްމަކީ 2017 ގައި ރިލީޒް ކުރި "ބޫމީ" އަށް ފަހު އޮމަންގް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ޕީއެމް ނަރެންދުރަ މޯދީ" ގެ ކާސްޓުންގެ ތެރޭގައި ޒަރީނާ ވައްހާބް، ދަރްޝަން ކުމާރު، ބޮމަން އިރާނީ، މަނޯޖް ޖޯޝީ، ބަރްކާ ބިޝްޓް، ރަޖެންދުރަ ގުޕްތާ އަދި އަންޖަން ސްރިވަސްތާވް ހިމެނެ އެވެ.

"ބްލެކް ޓައިގާ" ގެ ވާހަކަ ސްކްރީނަށް

އިންޑިއާގެ އެންމެ ވަރުގަދަ ޖާސޫސުންގެ ތެރޭގައި ހިމެނުނު އަދި ދަ ބްލެކް ޓައިގާގެ ނަމުން މަޝްހޫރުވި ރަވިންދުރަ ކޯޝިކްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެނެސް ދިން ރާޖްކުމާރު ގުޕްތާ އެވެ. ރާޖް ވަނީ ބްލެކް ޓައިގާގެ ރައިޓްސް އޭނާގެ އާއިލާ އިން ހޯދައިފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަރުޖުން ކަޕޫރާ އެކު މެއި މަހުގެ 24 ގައި ގެނެސްދޭ ތުރިލާ "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ.

ބްލެކް ޓައިގާގެ ވާހަކަ ސްކްރީނަށް ގެންނަން ނިންމި ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ދީޕިކާގެ ސްޓެޗޫ ދައްކާލައިފި

އިންޑިއާގެ ކުޅަދާނަ ބަތަލާ ދީޕިކާ ޕަދްކޯންގެ ސޫރައިގައި ހެދި ވެކްސް ސްޓެޗޫ ލަންޑަންގެ މެޑަމް ޓްސޯޑްސް އިން ދައްކާލައިފި އެވެ.

ސްޓެޗޫ ރަސްމީކޮށް ދައްކައިލަން ބޭއްވި ހަފުލާގައި ދީޕިކާ އާއި ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް އާއި ދެ ތަރިން އާއިލާގެ މީހުން ބައިވެރިވި އެވެ.

މެޑަމް ޓްސޯޑްސް އިން ދާދި ފަހުން ވަނީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ސްޓެޗޫ ވެސް ދައްކާލައިފަ އެވެ.

މެޑަމް ޓްސޯޑްސްގެ ލަންޑަން ގޮއްޕަކީ މިހާރު ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއްގެ ސްޓެޗޫ ބަހައްޓާފައިވާ ތަނެކެވެ.

އޭގެ ތެރޭގައި އަމީތާބް ބައްޗަން، ޝާހްރުކް ހާން، ސަލްމާން ހާން، އައިޝްވާރިޔާ ރާއީ، މަދޫރީ ޑިކްސިޓް، ރިތިކް ރޯޝަމް، ކަރީނާ ކަޕޫރް އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ. އަދި ލަންޑަނުން ބޭރުގައި ހުރި އެ މިއުޒިއަމްގެ ގޮފިތަކުގައި ވެސް ބޮލީވުޑްގެ އެތައް ތަރިންނެއްގެ ސްޓެޗޫ ބަހައްޓާފައިވެ އެވެ.