Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 ފެބުރުއަރީ 2021

ޑައިރެކްޓަރު ވިކްރަމް ބަޓް "ކޯލްޑް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ވިކްރަމް ބަޓް "ކޯލްޑް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

މީގެ ޝޫޓިން މި ވަގުތު މުމްބާއީގައި ކުރިއަށްދާ އިރު މިއީ، އަންހެނަކަށް ދިމާވާ ވަރަށް ތަފާތު ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ބިރުވެރި ތުރިލާއެކެވެ. "ކޯލްޑް" ގެ ލީޑް ކާސްޓުންނަކީ އަކްޝޭ އޮބެރޯއީ އާއި އަނީޝާ ޕަހޫޖާ އެވެ.

މި ފިލްމަކީ ވިކްރަމްގެ ކެރިއަރުގައި ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރާޒް" ސީރީޒްގެ ޕްރޮޑިއުސަރު މަހޭޝް ބަޓާ ގުޅިގެން ހަދާ ފިލްމެކެވެ. "ކޯލްޑް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަހޭޝް ސުހްރިތާ ސެން ގުޕްތާ އެވެ.

ވިކްރަމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ޓީވީ ބަތަލާ ހީނާ ޚާނާ އެކު ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.

"ކޯލްޑް" ގެ މަސައްކަތް ފެށި އިރު ވިކްރަމް ވަނީ ދާދި ފަހުން ސަނީ ލިއޯނީއާ އެކު "އަނާމިކާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކޮށްފަ އެވެ.

"ދަ ރޭޕިސްޓް" ގައި އަރުޖުން އާއި ކޮންކޮނާ

އަރުޖުން ރާމްޕާލާއި ކޮންކޮނާ ސެން ޝަރުމާ "ދަ ރޭޕިސްޓް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އިންޑިއާގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ރޭޕްކުރުމުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ކޮންކޮނާގެ މަންމަ މަޝްހޫރު ބެންގާލީ ޑައިރެކްޓަރު/ބަތަލާ އަޕަރްނާ ސެން ލިޔެ، ޑައިިރެކްޓްކުރާ ފިލްމެކެވެ.

އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އަރުޖުން އާއި ކޮންކޮނާ ކުރިން ވެސް އެއް ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2013 ގެ އެންތޮލޮޖީ ފިލްމު "މެރީޑިއަން ލައިންސް" ގަ އެވެ.

އަރުޖުން މި ވަގުތު އަންނަނީ ކަންގަނާ ރަނާވަތުގެ "ދާކަޅް" ގެ ނުބައިބައި ރޯލު ކުޅެމުންނެވެ.

"އޭބީސީޑީ 3" ހަދާކަން ކަށަވަރުކޮށް ދީފި

ނެށުންތަކެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ގެނެސްދޭ ފިލްމު ސީރީޒް "އޭބީސީޑީ" ގެ ތިން ވަނަ ބައި ހަދާކަން އޭނާ ކަށަވަރުކޮށް ދީފި އެވެ.

ޕްރަބޫދޭވާއާ އެކު ގިނަ ނެށުންތެރިންތަކެއް ހިމަނައިގެން "އޭބީސީޑީ" ގެނެސްދިނީ 2013 ގަ އެވެ. އަދި ލީޑަށް ވަރުން ދަވަނާއި ޝްރަދާ ކަޕޫރް ހިމަނައިގެން "އޭބީސީޑީ 2" ގެނެސްދިނީ 2015 ގަ އެވެ.

ރެމޯ ބުނީ "އޭބީސީޑީ 3" ގެ ލީޑް އެކްޓަރަކަށް ނަގާނީ ހުނަރުވެރި ނެށުންތެރިއެއް ކަމަށެވެ. އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޝްރަދާ އާއި ވަރުންއާ އެކު ގެނެސްދިން "ސްޓްރީޓް ޑާންސާ" އެވެ.

ރަންވީރުގެ "83" ޖޫންގައި

ކޮވިޑް-19އާ ހެދި މިދިޔަ އަހަރު ނުގެނެސްދެވުނު ރަންވީރު ސިންގްގެ ކުޅިވަރު ފިލްމު "83" މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ސިނަމާތަކުގައި ނޫނީ ނުގެނެސްދޭން މިދިޔަ އަހަރު ފަސްކުރި ބޮލީވުޑްގެ ބޮޑު ފިލްމުގެ ތެރެއިން އެއް ފިލްމެވެ. ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރި މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ.

އޭރު އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލު ފިލްމުގައި ކުޅުނީ ރަންވީރެވެ. އަދި އޭނާއާ އެކު ކްރިކެޓް ތަރިންގެ ގޮތުގައި ބޮޑު ކާސްޓެއް ފެންނާނެ އެވެ.

ކުރިން މިދިޔަ އަހަރުގެ އެޕްރީލް 10 ގައި ގެނެސްދޭން އުޅުނު "83" އިން ރަންވީރާ އެކު އަންހެނުން ދީޕިކާ ޕަދްކޯން ވެސް ފެންނާނެ އެވެ.

މީޑިއާތަކުން ބުނީ ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ ޖޫން މަހުގެ 25 ހިސާބުގައި ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.