Roadha Mihaaru
ޒިޔާދާގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި

ޒިޔާދާގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި

29 އޯގަސްޓް 2016

ލިބުނު ޖިންސީ އަނިޔާތަކެއްގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހު ނިޔާވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ ޝަރީއަތް މިއަދު ފަށަން ހަމަޖައްސައި، އެ ޝަރީއަތް ސިއްރުކޮށްގެން ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލިބުނު ޖިންސީ އަނިޔާތަކެއްގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހު ނިޔާވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ ޝަރީއަތް މިއަދު ފަށަން ހަމަޖައްސައި، އެ ޝަރީއަތް ސިއްރުކޮށްގެން ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ގދ. ތިނަދު އަށް އުފަން ޒިޔާދާ އަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުގައި ޝާހު ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ޒިޔާދާ މަރުވީ ޝާހުގެ ފަރާތުން ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށް ޒިޔާދާގެ އާއިލާއިން ތުހުމަތު ކުރިޔަސް ޝާހުގެ އާއިލާއިން އެކަން ދޮގު ކުރެއެވެ.

އެ މައްސަލާގައި ތިން ދައުވާއެއް ޝާހުގެ މައްޗަށް ދައުލަތުން ކުރެއެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން "ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ" އާއި ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން "މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ" އާއި ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ ދަށުން "މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ" އެވެ.

މިއަދު މެންދުރު ފަށަން ހަމަޖައްސާފައިވާ އެ ޝަރީއަތް ސިއްރުކޮށްގެން ގެންދަނީ އެއީ ބަދު އަޚުލާގީ މައްސަލައެއްގެ ޝަރީއަތަކަށް ވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ގާނޫނު އަސާސީ ބުނާގޮތުން އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތެއް ނުވަތަ ޝަރީއަތަކުން ބައެއް ސިއްރު ކުރެވިދާނެ އެވެ.

ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމަކީ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އަދި އިހުމާލުގެ އަމަލަކުން މީހަކު މަރުވެއްޖެ ނަމަ ގިނަވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގައި ހަތިޔާރެއް ބޭނުންކޮށްފި ނަމަ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެން ނޫން ނަމަ އަންނާނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

އެ މައްސަލާގައި މިދިޔަ ޑިސެމްބަރު މަހު ޝާހު ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް އޭނާ ހުރީ ބަންދުގަ އެވެ.