Roadha Mihaaru
މެޖޯރިޓީ ހޯދަން ކަމަށް ބުނެ ކުރަނީ ބްލެކްމެއިލް:ޝައިނީ

މެޖޯރިޓީ ހޯދަން ކަމަށް ބުނެ ކުރަނީ ބްލެކްމެއިލް: ޝައިނީ

17 މާޗް 2019

ވައުދުތައް ފުއްދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށް ބުނެ އެމްޑީޕީން ވާހަކަ ދެއްކުމަކީ ރައްޔިތުން ބްލެކްމެއިލް ކުރުން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވައުދުތައް ފުއްދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށް ބުނެ އެމްޑީޕީން ވާހަކަ ދެއްކުމަކީ ރައްޔިތުން ބްލެކްމެއިލް ކުރުން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

'ޗެނަލް 13' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، އަންނަ މަހު ހައެއްގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝައިނީ ވިދާޅުވީ، ވަކި މެނިފެސްޓޯއެއް ހިފައިގެން ނުކުމެ، އޭރުގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ، ވެރިކަން ލިބުމަށް ފަހު ކަންކަން ކޮށްދޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ބުނެ ޝަރުތުކޮށްގެން ނޫން ކަމަށެވެ. އެހެންވެ، މިހާރު އެ ވައުދުތައް ފުއްދޭނީ މަޖިލިހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ސަރުކާރުން ރައްޔިތުން ބްލެކްމެއިލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އަންނަނީ އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ނ. ވެލިދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވެސް ވާހަކަފުޅު ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކާ އެކު ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި ގާނޫނީ ބާރު ލިބޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އޮންނަން ޖެހޭ ކަމަށާއި އެހެން ނޫނީ ފެންނާނީ ވައުދުތައް ނުފުދިގެންދާ މަންޒަރު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމްގައި، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ހަވާލާ ދެއްވައި ޝައިނީ ވިދާޅުވީ އެއްވެސް މީހަކަށް ނުވަތަ ގުޅޭ ޖަމާއަތަކަށް ފަހިވާ ގޮތަށް ގާނޫނުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މަޖިލިހަށް އަންނަނީ ވަކި ޕާޓީ އަކަށް ނުވަތަ ފިކުރަކަށް މަސައްކަތް ކުރަން ނޫން ކަމަށާއި ރިޔާސީ ނިޒާމެއްގައި މެނިފެސްޓޯއެއް ހިފައިގެން ވެރިކަމަށް އަންނަނީ އެ ވައުދުވި ކަންތައްތައް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް އަންނަ އެއްވެސް މެމްބަރަކު، ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި، ސަރުކާރުން އަދި އަމިއްލަ މެމްބަރަކު ހުށަހެޅި ނަމަވެސް ނޫނެކޭ ބުނާނެ ކަމަކަށް. އަނެއް ފަސް އަހަރު ފަހުން ވެސް އަޅުގަނޑުމެން ވޯޓު ހޯދަން ދާން މި ޖެހެނީ ހަމަ ރައްޔިތުން ކައިރިއަށް،" ޝައިނީ ވިދާޅުވި އެވެ.

"އެހެންވެ، ވަކި ޕާޓީއެއްގެ މެމްބަރަކު ވިޔަސް، މިނިވަން މެމްބަރަކަށް ވިޔަސް ވަކާލާތު ކުރަން ޖެހޭނީ ރައްޔިތުންނަށް ފަހިވާ ގޮތަށް."

މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، ބަޣާވާތަކާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ ނަމަ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި، ޖުޑިޝަރީގެ ތެރެއިން ގާޒީންނާއި ފަނޑިޔާރުން ވަކި ގޮތަކަށް ކަންކަން ނިންމަވާފާނެ ކަމަށެވެ.

އެކަމާ ހައިރާންވުން ފާޅުކުރައްވަމުން ޝައިނީ ވިދާޅުވީ ވަކި ޕާޓީއެއްގެ އަޣުލަބިއްޔަތު އޮވެގެން ވަކި ގޮތަކަށް ހުކުމްކޮށްގެން ނުވާނެ ކަމަށާއި އެކަމަކު ވަޒީރުން އެ މީހުންގެ ދައުރު ފުރިހަމައަށް އަދާނުކުރާ ނަމަ، ގާނޫނުގެ ތެރެއިން އެ މީހެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް މަސައްކަތް ކުރެއްވި ޝައިނީ އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްލެޓްފޯމު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށެވެ.