Roadha Mihaaru
ކުންފުނިތައް ގިނަކުރަނީ ފައްޔާޒަށް ބާރު ދިނުމަށް

ކުންފުނިތައް ގިނަ ކުރަނީ ފައްޔާޒަށް ބާރުތައް ނަގަން ކަަމަށް އާޒިމް ތުހުމަތު ކުރައްވައިފި

18 ނޮވެމްބަރ 2020

ސަރުކާރުގެ ކުންފުނިތައް ގިނަ ކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެހެން މިނިސްޓްރީތަކުގެ ބާރުތައް ދޭން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުގެ ކުންފުނިތައް ގިނަ ކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެހެން މިނިސްޓްރީތަކުގެ ބާރުތައް ދޭން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ، ސަރުކާރުން އާއްމު ވިޔަފާރިތަކުގެ ތެރެއަށް ނުވަނުމަކީ އެމްޑީޕީގެ އެއް ސިޔާސަތު ކަމަށާއި ނަމަވެސް މި ސަރުކާރުން ވެސް ދެ އަހަރުގެ ތެރޭގައި 10 އަށް ވުރެ ގިނަ ކުންފުނި އުފައްދައިފި ކަމަށެވެ. އެއީ މިނިސްޓަރު ފައްޔާޒު އަމިއްލަ ފައިދާ އަށް އުފެއްދި ކުންފުނިތަކެއް ކަމަށް، އޭނާގެ ނަން ވިދާޅު ނުވެ އާޒިމް ތުހުމަތު ކުރެއްވި އެވެ.

"މި ހެދި ކުންފުނިތަކުން، ދެ އަހަރު އިއްޔެ ވެގެން މި ދިޔައީ. ނެތް ކަމެއް ކޮށްފައެއް. ކުރިހާ ވެސް ކަމަކީ އެކިއެކި މިނިސްޓްރީތަކުގެ، އެހެން އަޅުގަނޑުމެން ހަދާފައި ހުރި އެސްއޯއީތަކުގެ [ވެސް] ބާރު ގެނެސް އަމިއްލަ މިނިސްޓްރީ ތެރެއަށް، ބޮޑު މިނިސްޓަރު ހެދިގެން ވައްދައިގެން އިނުން،" ފައްޔާޒަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ކުންފުނިތައް ބޭނުންކޮށްގެން ކުރި ދެވަނަ ކަމަކީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން އެ ކުންފުނިތަކުގައި ބައިތިއްބައިގެން ބޮޑެތި މުސާރަ ދިނުން ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. އެމްޑީޕީގެ ޕީީޖީ ލީޑަރު އާޒިމް މިއަދު ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. އެމްޑީޕީގެ ޕީީޖީ ލީޑަރު އާޒިމް މިއަދު ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި.

އޭނާ ވިދާޅުވިގޮތުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މަސައްކަތް ކޮށްކޮށް އޮއްވައި އަނެއްކާ "ފަހި ދިރިއުޅުން" ކިޔާ ކުންފުންޏެއް ވެސް ސަރުކާރުން ވަނީ އުފައްދައިފަ އެވެ. އަދި ދަނޑުވެރިކަމަށް ޚާއްސަ ކޮށްގެން އެގްރޯ ކުންފުނީގެ ނަމުގައި ވެސް ކުންފުންޏެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތަކީ ހަގީގަތުގައި އެގްރިކަލްޗަރު މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތައް ކަމަށާއި ނަމަވެސް ކުންފުންޏެއް ހެދީ އަމިއްލަަ އަށް އެ ބާރު ނަގަން ވެގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކުންފުނިތައް މެދުވެރިކޮށް ފައްޔާޒު ކޮރަޕްޝަން ހިންގާ ކަމަށް ވެސް ނުސީދާ ގޮތެއްގަައި އާޒިމްް ތުހުމަތު ކުރެއްވި އެވެ.

"މި ރާއްޖޭގެ ރައްޔިތުންގެ ހަތްދިހަ ޕަސެންޓު އެންމެ ބޮޑަށް ބޭނުން ވަނީ ބޯހިޔާވަހިކަން. އެ ބޯހިޔާވަހި ކަމަށް ބޭނުން ވެގެން ފްލެޓެއް އަޅަން އަމިއްލަ ފައިސާގައި ބަޔަކު ބޭރުން އަންނަން ބުނެފިއްޔާ، ނޫން ނާދެވޭނެ، ކިހާވަރެއްތޯ ތިމަންނަ އަށް ލިބެނީ،" ހިސާބު ޖަހާ ގޮތް އަތުގެ އިޝާރާތުން ދައްކަވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް، ފައްޔާޒަށް މިފަދަ ގޮތަކަށް ފާޑުވިދާޅުވި އިރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން މަސައްކަތްޕުޅު ކުރެއްވި އެވެ. އޭރުގައި އެ މަނިކުފާނު ވެސް ކުރެއްވި ތުހުމަތަކީ އެހެން މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުންނަށް ވެސް ނުފޫޒު ފޯރުގައި "ބްރޯ" ހެދިގެން ފައްޔާޒު އުޅުއްވާ ކަމަށެވެ. ފައްޔާޒުގެ މައްސަލަ އެ މަނިކުފާނު ފަހުން ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހަށެވެ. އޭގެ ފަހުން އެ މައްސަލައަށް ވީގޮތެއް އަދި ނޭނގެ އެވެ. ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ފައްޔާޒަށް ކުރާ ތުހުމަތުތައް އެކިއެކި ޕްލެޓްފޯމުތަކުގައި ފައްޔާޒު ވަނީ ދޮގުކުރައްވައިފަ އެވެ.